ކޮންމެ ދުވަހަކު ކުރަންޖެހޭ ފަރުޟާ ސުންނަތް ނުކޮށް ހުރެފަ އިރާދަފުޅާ އަޅުވަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކޮންމެ ދުވަހަކު ކުރަންޖެހޭ ފަރުޟާ ސުންނަތް ނުކޮށް ހުރެފަ އިރާދަފުޅާ އަޅުވަން ހެޔޮނުވާނެ!

ގިނަ ބައެއްގެ މިހާރުގެ ޙާލަތަށް ބަލާށެވެ! އެމީހަކު އެދުވަހު ކުރަން ބޭނުންވާ ހުރިހާ ކަންކަންވެސް ކުރެއެވެ. ނުކޮށް ދޫކޮށްލަނީ ފަރުޟުތަކާއި ސުންނަތްތަކެވެ. ތިމާކުރަންޖެހޭ ނަމާދުތަކެވެ. ވީމާ ތަންކޮޅެއް ބޮޑަށް މިކަމަށް ވިސްނައިލަމާ ހިނގާށެވެ! 

ފުރަތަމަ ކަމަކަށް ކޮންމެ ރެއަކު ނިދަން އޮށޯވެފައި ގުނަންވީ އެދުވަހު ޙާޞިލުކުރަން ބޭނުންވި ކަންކަމުގެ ތެރެއިން ޙާޞިލު ނުކުރެވު ކަންކަމެއް ނޫނެވެ. ދެރަވެ ހިތާމަކުރަންވީ އެއިން ކަމެއް ޙާޞިލުނުކުރެވުނީތީއެއް ނޫނެވެ! ބަދަލުގައި ކޮންމެރެއަކުވެސް ގުނަންވީ ތިމާއަށް އެދުވަހުވެސް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށެވެ. އެންމެ ބޮޑަށް ޝުކުރުކުރަންވީ އިތުރު އަޅުކަމެއް ކޮށްލަން ފުރުޞަތު ދެއްވަވައި ދުނިޔޭގައި ލެހެއްޓަވައި ދެއްވެވީތީއެވެ! އަޅުކަން ކުރުމުގެ ވިސްނުން ﷲ ތަޢާލާ ދެއްވެވި ކަމަށްޓަކައެވެ. 

އަޅުކަންކޮށް ހެޔޮ ގޮތުގައި ދުނިޔޭގައި އުޅުމުގެ ވިސްނުން ދެއްވަވާނީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ. ވީމާ ނަމާދާއި އެހެންވެސް އަޅުކަން ނުކޮށް ހުރެފައި އެއީ އެކަމުގެ ވިސްނުން ﷲ ތަޢާލާ ނުދެއްވެވުމުން ކަމަކަށް ނުބުނެވޭނެއެވެ. އިރާދަ ނުކުރެއްވެވީތީ ކަމަކަށްވެސް ނުބުނެވޭނެއެވެ. 

އެހެނީ ކަންކަން އިރާދަފުޅާއި މަތިކުރުމަކީ ވަކީލްކުރުމެވެ. ވަކީލްކުރަން އޮތީ އެކަމެއް ޙާޞިލްކުރަން އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. އަތްއުރާލައިގެން ހުރެފައެއް ނޫނެވެ. ތަޤްވާވެރިކަން ލިބެނީވެސް އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން