އީމާންވެގެން ހުރިކަމަށްވާނީ އެކަން ޢަމަލުތަކުން ދެއްކޭނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 44ސ
އީމާންވެގެން ހުރިކަމަށްވާނީ އެކަން ޢަމަލުތަކުން ދެއްކޭނަމަ!

އަހަރެން މިހުރީ ﷲ އަށް އީމާންވެގެންކަމަށް ބުނީމަ އީމާންވެގެންހުރި މީހަކަށް ވާނެ ކަމާއިމެދު ސުވާލުކުރާ މީހުން ވިސްނައިލާށެވެ!  

އީމާންކަމަކީ ހަމައެކަނި ދުލުން ބުނެލައިގެން ފުދޭނޭ އެއްޗެއްނަމަ، ފިރްޢައުނުވެސް ވީހީ މުސްލިމެއްކަމުގައެވެ. އޭނާއަށް ގެނބުން އައިސް ކުރިމަތިވިހިނދު، ތިމަންނަ މިހާރު ﷲ އަށް އީމާންވެއްޖައިމޭ ތިމަންނައަކީ މުސްލިމުންގެ ތެރެއިންވާ މީހެކޭވެސް ބުންޏެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(وَجَٰوَزۡنَا بِبَنِيٓ إِسۡرَٰٓءِيلَ ٱلۡبَحۡرَ فَأَتۡبَعَهُمۡ فِرۡعَوۡنُ وَجُنُودُهُۥ بَغۡيٗا وَعَدۡوًاۖ حَتَّىٰٓ إِذَآ أَدۡرَكَهُ ٱلۡغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِيٓ ءَامَنَتۡ بِهِۦ بَنُوٓاْ إِسۡرَٰٓءِيلَ وَأَنَا۠ مِنَ ٱلۡمُسۡلِمِينَ)

سورة يونس: 90 

"ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ފަހެ، فرعون އާއި، އޭނާގެ لشكر ދެކޮޅުވެރިކަމާއި، عداوة ތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. إسـرآءيـل ގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ." 

އީމާންކަމަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ނުކިޔައި ނުވަތަ ދީނުގެ ކަންކަމަށް ޢަމަލުވެސް ނުކޮށް ހަމައެކަނި ހިތުން ޤަބޫލުކޮށްލުމުން ފުދޭނޭ އެއްޗެއްކަމުގައި ވާނަމަ، ކީރިތި ނަބިއްޔާ ގެ ލޯބިވާ ބޮޑުބޭބޭފުޅު އަބޫ ޠާލިބުވެސް ވީހީ މުސްލިމެއްކަމުގައެވެ. އަދި ސުވަރުގެވަންތަވެރިއެއް ކަމުގައެވެ.

އިސްލާމްދީނަށް ގޮވާލައްވަން ފެއްޓެވުމުން މައްކާގެ މުޝްރިކުންގެ ފަރާތުން ކީރިތި ނަބިއްޔާއަށް ފޯރަމުންދިއަ ތުރާތަކާއި ގޯނާތަކުން އެކަލޭގެފާނު ޙިމާޔަތް ކުރައްވާ ރައްކާތެރިކަން ދެއްވީ އަބޫ ޠާލިބްއެވެ. އަދި ޝިޢުބު އަބީ ޠާލިބުގައި މުސްލިމުން ހައްޔަރުވެ، ހަމައެކަނި ފަތްޕިލާވެލި ފަރީއްކުޅުވައިގެން ތިއްބެވިއިރު އަބޫ ޠާލިބުވެސް ހުންނެވީ އެތަނުގައި މުސްލިމުންނާއި އެކު ހައްޔަރުގައެވެ. އަދި ކިއެއް ހެއްޔެވެ، އަބޫ ޠާލިބުވަނީ އިސްލާމްދީނަށް ޘަނާ ވިދާޅުވެ ޅެންބައިތުތައް ވެސް ވިދާޅުވެފައެވެ.

އެހެންނަމަވެސް މަރުގެ އާލާސްކަންފުޅުގައި އެނދުކޮޅުގައި އޮންނަވަނިކޮށް ކީރިތި ނަބިއްޔާ ވަޑައިގެން ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ އިސްލާމްވެ ވަޑައިގަތުމަށް ދެންނެވުމުންވެސް އެކަމަށް އިންކާރު ކުރައްވައި އަވަހާރަވީ ކާފަރެއްގެ ގޮތުގައެވެ. 

އެޙާދިޘާ ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

"
ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، ﷲ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." (އަލްޤަޞަޞް: 56)

އީމާންކަމަކީ ހިތުން ޤަބޫލުނުކޮށް ހަމައެކަނި ތިމާ ދުލުކޮޅުން ބުނެލާ ބުނެލުމަކުން ނުވަތަ ބޭރުފުށަށް ފެންނަ ގޮތަށް ކޮށްލާ ޢަމަލަކުން ފުދޭނެ އެއްޗެއް ނަމަ، ޢަބްދު ﷲ ބިން އުބައްޔު ބިން ސަލޫލް ފަދަ މުނާފިޤުންވެސް ވީހީ ފުރިހަމަ މުއުމިނުންކަމަށެވެ. އެމީހުން ޝަހާދަތުގެ ދެކަލިމަ ދުލުންކިޔައިގެން އުޅުނެވެ. އަދި ނަމާދުވެސް ކޮށްއުޅުނީ ކީރިތި ނަބިއްޔާގެ މަތިވެރިވެގެންވާ މިސްކިތްކޮޅުގައި އެކަލޭގެފާނުގެ ފަހަތްޕުޅުގައެވެ. އެހެން ނަމަވެސް އެމީހުންނަކީ ނަރަކައިގާ، ކާފަރުންނަށްވުރެވެސް އަޑީގައި ވާނެ ބަޔެއްކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

(إِنَّ ٱلۡمُنَٰفِقِينَ فِي ٱلدَّرۡكِ ٱلۡأَسۡفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمۡ نَصِيرًا) سورة النساء: 145 

"ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ!" 

- ޝައިޚް އާދަމް ނިޝާން ޢަލީ

 

މިއަދު އޮންލައިން