ކިތަންމެ ބޮޑު ޢިލްމުވެރިއަކާއެކު ނުވަތަ ޙަރަމްފުޅުގައިވިޔަސް ނަގާ ފޮޓޯއަކުން ސުވަރުގެއާ ކައިރިއެއް ނުވެވޭނެ! ކައިރިވެވޭނީ ކުރާ ހެޔޮ ޢަމަލުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ކިތަންމެ ބޮޑު ޢިލްމުވެރިއަކާއެކު ނުވަތަ ޙަރަމްފުޅުގައިވިޔަސް ނަގާ ފޮޓޯއަކުން ސުވަރުގެއާ ކައިރިއެއް ނުވެވޭނެ! ކައިރިވެވޭނީ ކުރާ ހެޔޮ ޢަމަލުން!: މުފްތީ މެންކް

ބައެއް މީހުން ޙަރަމްފުޅު ފަދަ މުޤައްދިސް ތަންތަނަށް ދެވުމުން އެތަންތަނާއިއެކު ފޮޓޯ ނަގައި ދުނިޔެއަށް ހާމަކުރެއެވެ. ވިސްނާލަން އޮތް އެންމެ މުހިންމު ކަމަކީ އެކަންކުރީ ތިމާއަށް އެތަނަކަށް ދެވުނުކަން ދުނިޔެއަށް އިޝްތިހާރުކުރުމުގެ ނިޔަތުގައިކަމަށް ވެއްޖެނަމަ އެކަމަކީ ދެއްކުންތެރި ޢަމަލަކަށްވެދާނެ ކަމެވެ. ދެއްކުންތެރިކަމުގެ ނިޔަތް އޮވެގެން ކުރާ އެއްވެސް ކަމެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ.  

އަހުރެން ބުނާނީ ތިމާ ނާރާ ގޮތަށް ފޮޓޯ އާއި ވީޑިއޯ ހާމަކުރުމަށެވެ. ނިޔަތަކަށް ހަދަންޖެހޭނީ އެ ފެނުމުން އެހެން މީހުންވެސް އެތަންތަނަސް ދިއުމަށް (ޚާއްޞަކޮށް ޙައްޖާއި ޢުމްރާވުމަށް) ހިތްވަރުދިނުމެވެ. ޝައުޤުވެރިކުރުވުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ޓެކްނޮލޮޖީއަށް ﷲ ތަޢާލާ ދެއްވެވި ކުރިއެރުމާއިއެކު ކުރާ ކޮންމެ ކަމެއް ފޮޓޯނެގުމާއި ބައްދަލުވާ ކޮންމެ މީހަކާއިއެކު ފޮޓޯ ނެގުމާއި ދެވޭ މުޤައްދިސް ތަންތަނުގައި ފޮޓޯނެގުމާއި ވީޑިއޯ ކުރުމާއި އެތަކެތި ހާމަކުރުން މިއަދު މިވަނީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމަކަށްވެފައެވެ. އެހެންކަމުން ވަރަށް ގިނަ ބައަކު އެކަން ކުރެއެވެ.  

މިގޮތުން ޙަރަމްފުޅުތަކަށާއި މަޝްހޫރު މިސްކިތްތަކަށް ދެވުމުންނާއި އަދި ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެވުމުން ވެސް އެކުގައި ފޮޓޯތައް ނަގައި ހާމަކުރެއެވެ. އެއްކޮށް ޖަމާކުރެއެވެ. އެހެންކަމުން ބުނެލަން އޮތީ ނަގާ ފޮޓޯއަކުން ނުވަތަ ހާމަކުރާ ފޮޓޯއަކުން އެކަނި ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. އެހެނީ ޤިޔާމަތް ދުވަހު ނުވަތަ މަރުހިއްޕަވަން މަލާއިކަތުން ވަޑައިގަތުމުން ކިތަންމެ ބޮޑު ޢިލްމުވެރިއަކާއިއެކު ނުވަތަ ޙަރަމްފުޅުގައި ނަގާފައިވާ ފޮޓޯއެއް ދައްކައިގެން ސަލާމަތެއް ނުވެވޭނެއެވެ! އަދި ދެއްކުމުގެ ފުރުޞަތެއްވެސް ނުލިބޭނެއެވެ.  

ޢިލްމްވެރިއަކާއިއެކު ނަގާ ފޮޓޯއިން ފައިދާއެއް ނުކުރި ނަމަވެސް ޢިލްމުވެރިޔާ ދެއްވާ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރާނަމަ އެކަމުގެ ފައިދާކުރާނެއެވެ! ޙަރަމްފުޅަށް ދެވުމަށްފަހު ތިމާއަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތުގެ ބޭނުން ހިފައި ތިމާގެ ޢަމަލުތައް ދީނުގައި ސާބިތުކޮށްފިނަމަ އެކަމުގެ ފައިދާކުރާނެއެވެ!  

ވަކި މީހަކާއިއެކު ނުވަތަ ވަކިތަނެއްގައި ނަގާ އެއްވެސް ފޮޓޯއަކުން ޖަންނަތުލްފިރުދައުސް އާއި ކައިރިއެއް ނުވެވޭނެއެވެ. ކައިރިވެވޭނީ ކުރާ ހެޔޮ ޢަމަލުންނެވެ! ހެޔޮ ޢަމަލުތައް ކުރަން ގޮވާލައި ޕޯސްޓްތައް ފަތުރާ މީހުންނަށްވެސް އެކަމުގެ ފައިދާކުރާނީ ތިމާ ވެސް އެކަމަށް ޢަމަލުކުރުމުންނެވެ! 

ފޮޓޯ ނަގައިފިނަމަ ހަނދާނަކަށް ބާއްވާށެވެ! ހަނދާން ބަހައްޓަންވީ ޢިލްމުވެރިޔާ ދެއްވި ނަޞޭޙަތެވެ! ތިމާއަކީ ޙައްޖު ނުވަތަ ޢުމުރާވުމުގެ ނަޞީބު ލިބިފައިވާ މީހެއްކަމެވެ. އިސްލާމް ދީނުގައި ސާބިތުވާންޖެހޭނެ ކަމެވެ.  

- މުފްތީ މެންކްގެ ދަރުސަކުން  

 

 

މިއަދު އޮންލައިން