މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ވާހަކަ ގިނަގިނައިން ހަނދުމަކޮށްދޭން މިޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. އެކަން ނުކުރުމުން ދަރިންނަށް ލިބެންހުރި ގެއްލުންތައް ބޮޑުކަމުންނެވެ. މައިންބަފައިންނަށް ކުރިމަތިވާ ނިކަމެތިކަންވެސް ބޮޑުކަމުންނެވެ.
ޚާއްޞަކޮށް މައިންބަފައިންގެ ޢުމުރުން ދުވަސްވުމުން އެކަމަށް ސަމާލުކަން އިތުރުކުރަންވެސް ޖެހެއެވެ. އެކަމުގެ ވާހަކަ ގިނަގިނައިން ހަނދުމަކޮށްދޭން ޖެހެނީ އެކަމަކީ އެންމެ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލްވަމުން އަންނަ އެއްކަންތައް ކަމަސްވާތީއެވެ.
ރަނގަޅަށް ހަނދާން ކުރާށެވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި އަމުރުފުޅު ކުރައްވަވައިފައެވެ. ވީމާ އެކަން ނުކުރުން ވެގެންދާނީ ﷲ ތަޢާލާގެ އަމުރުފުޅަކަށް ކިޔަމަންތެރި ނުވުން ކަމަށެވެ!
"އެކަލާނގެއަށް މެނުވީ، ތިއަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!" (އަލްއިސްރާ: 23)
"އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!" (އަލްއިސްރާ: 24)
މައިންބަފައިންގެ ފުށުން ދަރިން ހިތް ނުއެދޭ ކަންތައްތަކެއް ވެފައި ހުރެދާނެއެވެ! އެކަން ހިތުގައި ނުބާއްވާށެވެ! އެކަމަށް މާފުކުރާށެވެ! މައިން ބަފައިންގެ ކުރިމަތީގައި އޮތީ ދެރަވެ ނިކަމެތިވުމެވެ! އެކަން ކުރަންވީ އެއީ ﷲ ތަޢާލާގެ އަމުރުފުޅަކަށްވާތީއެވެ! ﷲ ތައާލާގެ އަމުރުފުޅަކަށް ކިޔަމަންވުމުން އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ! އުންމީދުކުރަންވީ ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތަށެވެ!
ނިންމާލަމުންވެސް ތަކުރާރުކޮށްލާނަމެވެ! މައިންބަފައިންނަށް ހެޔޮކޮށްނިހިތާނަމަ އެކަން އެމީހަކު ދުނިޔޭގަވެސް ދެކޭނެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ނުހިތަން ދެއްކޭނެ އެއްވެސް ޢުޒުރެއްނެތެވެ. އެހެނީ އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެކަމުން ބަރީޢައެއް ނުވެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން