ހަމައެކަނި ޝައިޠޯނާގެ ކިބައަކުން ނޫނެވެ! މަގުމަތީގެ ނުރައްކާތަކުން ދަރިން ސަލާމަތްކުރަންވެސް ދަރިން ލައްވައި ފަތިސްނަމާދުކުރުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ހަމައެކަނި ޝައިޠޯނާގެ ކިބައަކުން ނޫނެވެ! މަގުމަތީގެ ނުރައްކާތަކުން ދަރިން ސަލާމަތްކުރަންވެސް ދަރިން ލައްވައި ފަތިސްނަމާދުކުރުވާށެވެ!

ދަރިފުޅު އުފަންވުމަށްފަހު ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަމަކީ ދަރިންނަށް ޖަހަންޖެހޭ ވެކްސިންތައް ބަރާބަރަށް ޖެހުމެވެ. ބިތުގައި ދުވަސްތައް ލިޔެ ހިއްޕައިގެން ނަމަވެސް އެދުވަސްތަކަށް ސަމާލުކަންދެއެވެ.

އެކަމަކު އެދަރިފުޅު ބޮޑުވެ ނަމާދުކުރުވަންޖެހޭ ޢުމުރަށް އެޅުމުން ނަމާދެއް ނުކުރުވައެވެ. އެންމެ ބޮޑަށް ފަރުވާކުޑަކުރެވެނީ ހުރިހާ ނުރައްކަލަކުން ރައްކައުތެރިކަން ލިބިގަތުމަށް ކުރަން ނަމާދު، ފަތިސްނަމާދަށެވެ.

ދަރިންނަށް ރައްކައުތެރިކަން ލިބިދިނުމަށްވެސް އަދި ތިމާއަށް ރައްކައުތެރިކަން ލިބިގަތުމަށްވެސް ފުރަތަމަ ކަމަކަށް ފަތިސްނަމާދުކުރާށެވެ. އަދި ދަރިން ލައްވައި ފަތިސްނަމާދުކުރުވާށެވެ. އެއްވެސް ވެކްސިނަކަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ޙަދީޘްފުޅުން އެނގެން އޮތީ ފަތިސްނަމާދުކުރާ މީހާ އެދުވަހު ހުންނާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގެދަށުގައި ކަމަށެވެ. (ރައްކައުތެރިކަން ލިބިގެންކަމެވެ.)

ބަލިތަކާއި މުޞީބާތްތަކުން ދަރިން ސަލާމަތްކުރަން އެދިގެންނާއި އަދި ދަރިންނަކީ ވިސްނުންތެރި ތޫނުފިލި، ހީވާގި، މުރާލި ބައަކަށް ހެދުމަށް އެދޭ ނަމަވެސް ފުރަތަމަ ކަމަކަށްވެސް އެކުދިން ލައްވައި ނަމާދުކުރުވާށެވެ! ޚާއްޞަކޮށް ފަތިސް ނަމާދުން ދުވަސް ފަށަން އާދަކޮށްދޭށެވެ!

ދަރިންގެ ކިބައިގައި އެ ސިފަތައް ހަރުލައްވަން އެދޭނަމަ ފުރަތަމަ ކަމަކަށް ބެލެނިވެރިންނަކީ އެކަންކަން ކުރުމުގައި ނަމޫނާ ބައަކަށްވާށެވެ!

ލޮބުވެތި ބެލެނިވެރިންނޭވެ! ބޮލުގައަޅާ ހެލްމެޓަކުން، ޤަވާޢިދުން ހަދާ މެޑިކަލް ޗެކަޕަކުން ނުވަތަ އެނޫންވެސް އެފަދަ ސަބަބަކުން ތިމާއަށް ބޭނުންވާ ރައްކައުތެރިކަމެއް ނުލިބޭނެއެވެ.

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.:

"އެންމެ ބޮޑު ރައްކާތެރިކަން ލިބުން އޮތީ ފަތިސް ނަމާދުންނެވެ! ފަތިސްނަމާދުގެ ރައްކާތެރިކަން ތިބާއަށާއި ތިބާގެ ދަރިފުޅަށް ލިބުނުކަން ޔަޤީންކުރާށެވެ! ފަތިސްނަމާދުގެ އަހުލުވެރިންނަކީ ރައްކާތެރިކުރެވިގެންވާ ބައެކެވެ. އެމީހުންގެ ނަފްސުތަކަށް ހަމަޖެހުން ލިބޭ ބައެކެވެ. އެމީހުންގެ ހަށިތަކަށް ހީވާގިކަން ލިބޭ ބައެކެވެ. އެމީހުންގެ ވަޤުތުގައި ބަރަކާތްލެއްވިގެންވާ ބައެކެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން