ތިބާގެ ހިތް ތިބާދެކެ ލޯބިވާ މީހަކަށް ނުވެ އެއްވެސް މީހެއްގެ ލޯތްބެއް ނުވެވޭނެ! މިއޮތީ އެކަމަށް އޮތް ޙައްލާ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިބާގެ ހިތް ތިބާދެކެ ލޯބިވާ މީހަކަށް ނުވެ އެއްވެސް މީހެއްގެ ލޯތްބެއް ނުވެވޭނެ! މިއޮތީ އެކަމަށް އޮތް ޙައްލާ ޢަމަލުކުރަން އޮތް ގޮތް-

އެންމެންވެސް މިއުޅެނީ ލޯބިވެރިއަކު ނުލިބިގެންނެވެ. ލިބުނު ލޯބިވެރިޔާވެސް ލޯބިނުވާތީއެވެ. ލިބުނު ބައިވެރިޔާވެސް ލޯބިނުވާތީއެވެ. މުޅި ދުނިޔޭގެ ނިޞްބަތުން ބެލި ނަމަވެސް އެކަމަކާއިމެދު އެންމެ ގިނަ ބައަކު ކަންބޮޑުވެ ހިތާމަކުރާ ކަމަށްވާނީ އެބައެއްގެ ކިބައިން އެމީހަކު ލޯބި ބޭނުންވާ މީހުންގެ ލޯބި ނުލިބުމެވެ!

ބައެއް މީހުން އެމީހުންގެ މުޅި ޢުމުރު ހޭދަކޮށްލަނީ ބޭނުންވާ ލޯބި ނުލިބިގެން އެކަމުގެ ހިތާމައިގައެވެ. އަނެއް ބައަކު ޢުމުރުގެ ބޮޑުބައެއް ހޭދަކުރަނީ ބޭނުންވާ ލޯބި ނުލިބިގެން އެކަމުގެ ހިތާމައިގައެވެ. އެމީހަކު ބޭނުންވާވަރަށް ލޯބި ލިބިގެން ދުނިޔޭގައި އުޅޭ މީހުންގެ ނިޞްބަތް އެންމެ އިންސައްތައެއް ހަމަވާނެބާވައެވެ!

އަހުރެން މިއަދެނީ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ހަށިގަނޑުގައިވާ ހިތް ތިމާ ދެކެ ލޯބިވޭތޯ ބަލައިލުމަށެވެ! އެކަމަށް ހަދަން ޖެހޭ ޓެސްޓް ވަރަށް ފަސޭހައެވެ!

ފުރަތަމަ ކަމަކީ ތިމާގެ ހަށިގަނޑަކީ ވެސް އަދި އެހަށިގަނޑުގައިވާ ހިތަކީވެސް ތިމާގެ އަމިއްލަ އެއްޗެއް ނޫން ކަމެވެ. އެއީ ﷲ ތަޢާލާގެ އަމިއްލަފުޅު މިލްކެއް ކަމެވެ. ދެން ބަލައިލަންވީ ތިމާގެ ހަށިގަނޑުގައިވާ ގުނަވަންތަކުން ކުރެވެނީ އެ ގުނަވަންތަކުގެ މިލްކްވެރި ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތައްތޯއެވެ؟ އެގުނަވަންތަކުން ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރަމުތޯއެވެ؟

ކުރެވޭނަމަ ތިބާގެ ހިތް ތިބާ ދެކެ ލޯބިވާނެއެވެ! ނުކުރެވޭނަމަ އެ ހިތް ތިބާ ދެކެ އެއްވެސް ލޯތްބެއް ނުވާނެއެވެ! ކުރާނީ ނަފްރަތެވެ. މިއީ ހަމަ ސައްތައިން ސައްތަ ޔަޤީން ކަމެކެވެ.

ވީމާ އެހެން މީހުންގެ ކިބައިން ތިމާގެ ހިތް ބޭނުންވެގެން އުޅޭ ލޯބި ހޯދަން އެދޭމީހާ ފުރަތަމަ ކަމަކަށް އެހިތުގެ މިލްކްވެރި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދާށެވެ! އެއިރުން ތިބާ ތިއަ އެދޭ ހުރިހާ ލޯތްބެއްވެސް ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ

ވާހަކަ ދެއްކުމުގައި ހިތްއެދޭ ލޯބިކަމަށް ބުނެއުޅެނީ ލޯބި އުފެދެނީ ހިތުގައިކަމަށްވާތީއެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. ހަމައެކަނި ލޯތްބެއް ނޫނެވެ. ނަފްރަތުކަންވެސް އުފެދެނީ ހަމަ ހިތުގައެވެ. ރަޙުމާއި ކުލުނު އުފެދެނީވެސް ހަމަހިތުގައެވެ. ހިތާމެދު ސަމާލުވާން އެހާބޮޑަސް ދީނުގައި ބާރު އަޅުއްވަވާފައި އޮތީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން