ރަނގަޅު ގޮތުގަ ފުރުޞަތުގެ ބޭނުން ހިފާނަމަ ކޮންމެ ހިތްދަތިކަމެއްވެސް، އަދި އެހެން ދަތިކަމެއްވެސް ތިބާ ސުވަރުގެއާ ކައިރިކުރުވާނެ! މަތީ ދަރަޖަތަކަށް އަރުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ރަނގަޅު ގޮތުގަ ފުރުޞަތުގެ ބޭނުން ހިފާނަމަ ކޮންމެ ހިތްދަތިކަމެއްވެސް، އަދި އެހެން ދަތިކަމެއްވެސް ތިބާ ސުވަރުގެއާ ކައިރިކުރުވާނެ! މަތީ ދަރަޖަތަކަށް އަރުވާނެ! އިން ޝާ ﷲ

އަހުރެމެންނަށް ކަންބޮޑުވެވެނީ ހިތްދަތިކަމާއި އެހެންވެސް ދަތިތައް ކުރިމަތިވާތީއެވެ. އެއީ ހަމަ އެކަމުން ތިމާއަށް ކުރާނެ ބޮޑު ފައިދާ ނުވިސްނޭތީއެވެ. އަދި އެކަންކަން މެދުވެރިވާ ސަބަބަށްވެސް ވިސްނައިނުލެވޭތީއެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.

"މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟" "އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްތިޙާންކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ." (އަލްޢަންކަބޫތު: 2،3)

މީސްތަކުން އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅޭތަން ފެންނަނީ ހިތްދަތިކަމާއި އެހެންވެސް ތަފާތު ދަތި ޙާލަތު މެދުވެރިވުމުންނެވެ. ތަކްލީފްތައް އުފުލަން ޖެހުމުންނެވެ. ނަމަވެސް އެކަމުގެ ޙަޤީޤަތް ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ! ސަބަބު އެނގެން އެބަ އޮތެވެ!

އަހަރެމެން މިތިބީ އީމާންވެގެން ކަމަށް ދުލުން ބުނެލުމަކުން ނުފުދެއެވެ. ސުވަރުގެއާއި ހަމައަށް ދެވެން އޮތީ ވަރަށް ގިނަ އިމްތިޙާންތަކުން ފާސްވެގެންނެވެ. ވީމާ ކުރިމަތިކުރައްވަވާ ކޮންމެ ދަތިކަމަކީވެސް އިމްތިޙާނެކެވެ. އުފުލަންޖެހޭ ކޮންމެ ތަކްލީފަކީވެސް އިމްތިޙާނެކެވެ.

އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ ކުރިމަތިކުރައްވަވާ އިމްތިޙާންތައް ގިނަވާނެއެވެ. ވަރުގަދަވެސްވާނެއެވެ. ފާސްވުމަށް ކުރަން ޖެހޭ މަސައްކަތްވެސް ގިނަވާނެއެވެ. އެކަމުގެ ދަލީލަކީ އެންމެ މަތިވެރި، އެންމެ ލޮބުވެތި ޞާޙިބާ މުޙައްމަދު ރަސޫލް (ޞޢވ) އަށް ކުރިމަތިކުރެއްވެވި އިމްތިޙާންތަކެވެ. އުފުއްލަވަން ޖެހިވަޑައިގެންނެވި ތަކްލީފްތަކެވެ.

ލޮބުވެތި އަޚުންާއި އުޚުތުންނޭވެ! ހާސްނުވާށެވެ! ކަންބޮޑުނުވާށެވެ! ކޮންމެ ދަތިކަމަކީވެސް އަދި ތަކްލީފަކީވެސް އެކަމުގެ ސަބަބުން ތިބާ އާއި ﷲ ތަޢާލާ އާއި ކުއްތަންވުމަށް ދެއްވަވާ ރަނުގެ ފުރުޞަތެއް ކަމަށް ޤަބޫލުކުރާށެވެ! ފާސްވެއްޖެ ނަމަ ބަލަން ހުރެގެން އެދެވެނީ ސުވަރުގެއާއި ކައިރިވެވެމުންނެވެ!

އިމްތިޙާންތަކުން ފާސްވުމުން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާނެ ކަމުގެ ޔަޤީންކަން މިވަނީ ދެއްވަވައިފައެވެ. ވީމާ ކަމެއް، ދަތި ޙާލަތެއް މެދުވެރިކުރައްވަވައިފިނަމަ އިމްތިޙާނުން ފާސްވާށެވެ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! އެއިރުން އެދެވެނީ ސުވަރުގެއާއި ގާތްވެވެމުންނެވެ! ސުވަރުގެ ވަދެވުމުން ދުނިޔޭގައި އުފުލި އެއްވެސް ތަކްލީފެއްގެމަތިން ހަނދާންވެސް ނުހުންނާނެއެވެ. އިމްތިޙާނުން ފާސްވާން ކުރި އެއްވެސް މަސައްކަތެއްވެސް ހަނދާނެއް ނުހުންނާނެއެވެ!

ދަތިކަމުގެ ވަގުތުގައިވެސް ކެތްތެރިވެ ޞާލިޙް ޢަމަލުތައް ކުރުމުން ދެއްވަވާ ޖަޒާވެސް މިއޮތީ އެނގޭށެވެ! މިދެއްކި ވާހަކަތަކުގެ ދަލީލު މިއޮތީ ފެންނާށެވެ! "އަދި އީމާން ވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެއުރެންގެ ކުށްފާފަފުއްސަވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ޢަމަލު ތަކުގެ އެންމެ ހެޔޮ ޖަޒާ ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ" (އަލްޢަންކަބޫތު: 7)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން