ދެމަފިރިން އެކުގަ އުފަލުގަ އުޅެމުން އައިސް ބައިވެރިޔާ ތިބާ ގާތުގައި ނުބުނެ ކަންތައްތަކެއް ސިއްރުކުރާކަމަސް ވިސްނޭ ޙާލަތުގައި ގިނަބައަކު ނުބައި ޝައްކުތައް ކުރެއެވެ. ރުޅިގަދަކުރެއެވެ. ބިރުދައްކައެވެ. ސިއްރު ބުނަން މަޖުބޫރުކުރުވައެވެ. ނަމަވެސް އެއީ މަޖުބޫރުކުރުވައިގެން ބިރުދައްކައިގެން ކުރުވޭނެ ކަމެއް ނޫނެވެ.
ބައިވެރިޔާގެ ކިބައިން އެފަދަ ޢަލާމާތެއް ފެންނަނަމަ ފުރަތަމަ ކަމަކަށްވެސް ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަމާއި އަޅައިލުން ދެވޭ މިންވަރާއިމެދު ވިސްނައިލާށެވެ. ބައިވެރިޔާއަށް ވަޤުތުދެވޭ މިންވަރާއިމެދު ވިސްނައިލާށެވެ! އެއިން ކަމެއްގައި އުނިކަމެއްވާނަމަ އަވަހަށް އެކަން އިޞްލާޙްކޮށްލާށެވެ!
ހެޔޮލަފާ ބައިވެރިއަކު ކަމަށްވާނަމަ ސިއްރުން ކަންތައްތަކެއް ނުކުރާނެއެވެ. ނަމަވެސް އަނެކާގެ ޢަމަލުތައް (ކުރިން މިބުނެވުނު ކަންކަމުގައި) ހުންނަ ގޮތުން ވާހަކަތައް ކިޔައިދޭން ފޫހިވަނީއެވެ. އަދި ކުރިން ކުރާ ކޮންމެ ކަމެއް ކިޔައިދެމުން އައިނަމަވެސް ފޫހިވުމުން އޮންނާނީ ކިޔައި ނުދެވިފައެވެ.
އަނބިންނަށްބަލާއިރު އެމީހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ކަމަކީ އެމީހުންނަށް ވަޤުތު ނުދިނުމާއި އެކުގައި ރޭކުރުމުގައި އިހްމާލްވުމެވެ. އެގޮތަށް ކަންކަން މެދުވެރިވާނަމަ ގިނަ އަނބިން ދުލުން ޝަކުވާއެއް ނުކުރާނެއެވެ. ފޫހިވެއްޖެކަން ޢަމަލުން ދައްކާނީއެވެ. އެކަން ދައްކަން ގިނަ އަނބިން ފުރަތަމަވެސް ކުރާނެ އެއް ކަމަކީ ކޮށްދޭންޖެހޭ ކަންކަން ކޮށްދިން ނަމަވެސް ވާހަކަދެއްކުން މަދުކުރުމެވެ.
ވީމާ ވާހަކަދެއްކުން މަދުކުރާނަމަ އެއީ ތިމާއަށް ކަންތައްތަކެއް ސިއްރުކުރަން ނުވަތަ އެހެން މީހަކާ ވާހަކަދައްކާތީ ކަމަށް އެހާފަސޭހައިން ނިންމައިނުލާށެވެ! ކުރިން މިބުނެދިން ކަންކަން އިޞްލާޙްކުރާށެވެ. ކުރިއާއި އެއްގޮތަށް ބަދަލުވާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމުވެރިއެއް