ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވަނީ މީސްތަކުންނަށް ރަހްމަތް ލެއްވެވުމަށެވެ! ބަންދުކުރެވޭއިރު ތިބާއަށް ހުންނަންޖެހުނީ ބާކީވެފައި ކަމަށް ނުވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވަނީ މީސްތަކުންނަށް ރަހްމަތް ލެއްވެވުމަށެވެ! ބަންދުކުރެވޭއިރު ތިބާއަށް ހުންނަންޖެހުނީ ބާކީވެފައި ކަމަށް ނުވަމާ!

ކިތަންމެ ކުޑަކުޑަ ކަމެއް މެދުވެރިވިޔަސް ޙަސަދަލައިގެން އެބަތިބެއެވެ. އެކަކު އަނެކަކާއި ވާހަކަ ނުދައްކައިވެސް އެބަތިބެއެވެ. ރުޅިވެރިކަން ކުރިއަށް ނެރެގެން އެބަ ތިބެއެވެ. ތިމާގެ ކޮޅު މޮޅުކުރުމުގެ ބޭނުމުގައެވެ. އަނެކާ ނިކަމެތިކުރުމުގެ ބޭނުމުގައެވެ. އެފަދަ މީހުން ވިސްނާލަންވީ މިކަންކަމަށެވެ. 

ސުވަރުގޭގެ ދޮރުކޮޅުތައް ކޮންމެ ހަފްތާއަކު 2 ދުވަހު ހުޅުއްވަވައެވެ! ބައެއްގެ ފާފަތައްވެސް ފުއްސަވައި ދެއްވަވަތެވެ! ދުވަސް ނިމުމުން ދޮރުކޮޅުތައް ބަންދުކުރައްވަވަތެވެ! ތިބާއަށް ހުންނަން ޖެހުނީ ސަސްޕެންޑްވެފައިކަން އަމިއްލަ ލޮލަށް ފެނިގެންދާހިނދު ކުރާނެ އަސަރު ނިކަން ހިތަށް ގެނެސްބަލާށެވެ! 

ޝައިޚް މުޖުތަބާ ޙަމީދުގެ މި ލިޔުއްވުމުން އިތުރު ތަފްޞީލް ލިބިވަޑައިގަންނަވާނެއެވެ!  

ތަޢާލާ އެކި ދުވަސްތައް އެހެންދުވަސްތަކަށްވުރެ މާތްކުރައްވައި މަތިވެރިކުރައްވާފައި ވެއެވެ. އަދި އެއިލާހު އެކި ދުވަސްތަކުގައި އެކި ޚާއްޞަކަންތައްތައް ލައްވާފައިވެއެވެ. އެގޮތުން ހުކުރުދުވަހުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ވަރަށް ގިނަގިނައިން އަޑުއަހަމެވެ. ހަމައެގޮތަށް ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހޯމަދުވަހާއި ބުރާސްފަތި ދުވަހަކީވެސް ޚާއްޞަ ދެދުވަހެވެ. އެއީ އެދެދުވަހު ރޯދަހިފުން މުސްތަޙައްބުވެގެންވާތީއެވެ.  

އަދި ޚުދު رسول الله صلى الله عليه وسلم ޢަމަލީ ގޮތުން އެ ދެދުވަހު ރޯދަ ހިއްޕެވީތީއެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި ދެދުވަހު ރޯދަހިއްޕަވާ ބޭފުޅުން ވަރަށް ގިނައެވެ. އަދި ބައެއް މިސްކިތްތަކުގައި މިހާރަކަށް އައިސް ހޯމަ އަދި ބުރާސްފަތީގައި ރޯދަވީއްލުމަށް ސުފުރާ އަޅާފައި އޮންނަތަން ފެނެއެވެ. މިއީ ކޮންފަދަ އުފާވެރިކަމެއްތޯއެވެ. 

މިއުފާވެރިކަން އިތުރުވާނެ އަނެއް ޚަބަރަކީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ ދުވަހާއި އަދި ބުރާސްފަތި ދުވަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާކަމެވެ. އެސުވަރުގެއަކީ ރޯދަވެރިންނަށްޓަކައި ”އައްރައްޔާން“ މި ނަމުން ނަންދެވިފައިވާ ޚާއްޞަ ދޮރުކޮޅެއްވާ މަތިވެރި ގޮވައްޗެކެވެ. رسول الله صلى الله عليه وسلم ޙަދީޘުކުރައްވާފައިވެއެވެ:  

( تفتح أبواب الجنة يوم الاثنين ويوم الخميس ، فيغفر الله لكل عبد لا يشرك بالله شيئا إلا رجلا كانت بينه وبين أخيه شحناء ، فيقال أنظروا هذين حتى يصطلحا، أنظروا هذين حتى يصطلحا، أنظروا هذين حتى يصطلحا) رواه مسلم. 

މާނައީ: ހޯމަދުވަހާއި ބުރާސްފަތި ދުވަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. ދެން ތިމާގެ މުސްލިމުއަޚާ އާއިމެދު ނުޙައްޤުން ދެކޮޅުވެރިކަމެއްވާ ދެ މިހުން މެނުވީ ﷲ އަށް ޝަރީކުނުކުރާ ހުރިހާ މީސްތަކުންގެ ފާފަތައް ފުއްސަވައެވެ. އެދެމީހުންނާއި މެދު ބުނެވޭނެތެވެ. މިދެމީހުން ސުލްޙަވަންދެން އެމީހުންގެ ފާފަތައް ފުއްސެވުން މަޑުޖައްސާލާށެވެ. މިދެމީހުން ސުލްޙަވަންދެން އެމީހުންގެ ފާފަތައް ފުއްސެވުން މަޑުޖައްސާލާށެވެ. މިދެމީހުން ސުލްޙަވަންދެން އެމީހުންގެ ފާފަތައް ފުއްސެވުން މަޑުޖައްސާލާށެވެ.

މި ޞައްޙަ ޙަދީޘްފުޅަށް ނަޒަރު ހިންގާލާއިރު މިއީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭކަމެކެވެ. އެހެނީ ތިންފަހަރަށް رسول الله صلى الله عليه وسلم އެދެމީހުން ޞުލްޙަނުވާހާ ހިނދަކު އެދެމީހުންނާއި މެދު ކަންތައްކުރެވޭނެގޮތް އެވަނީ ތަކުރާރުކޮށް ބަޔާންކޮށްދެއްވާފައެވެ. އާއްމުކޮށް ކަމެއް ތަކުރާރު ކުރައްވާ ޙަދީޘްތަކުގައި ވާރިދުވެފައި ހުންނަނީ އެކަމެއްގެ ނުބައިކަން ނުވަތަ މުހިއްމުކަން ބަޔާންކޮށްދެއްވުމަށެވެ.

މިއަދު އަޅުގަނޑުމެންގެ ތެރެއިން ހޯމަ ބުރާސްފަތި ﷲއަށް ޓަކައި ކެއުންބުއިމާއި ޝަޙުވަތްތައް ދޫކޮށްފައި ހުރުން ބުރަކަމަކަށް ނުވާއިރު ދުނިޔެވީކަމެއް ނުވަތަ ސިޔާސީ ފޯރީގައި ގުޅުންކަނޑާލާ ދެކޮޅުވެރިވެގެން އުޅެނީ ކިތައް މުސްލިމު އަޚުންނާއި އުޚުތުންތޯއެވެ. 

އޭ ލޮބުވެތި އަޚާއެވެ! އޭނާ ގުޅުން ކަނޑާލިއަސް ނުވަތަ އިސްވެ ވާހަކަ ނުދެއްކިޔަސް ތިބާ އެގުޅުން ދަމަހައްޓާށެވެ. ތިބާ އިސްވެ އޭނާއާއި ސުލްޙަވާށެވެ. އެއީ ތިބާ ބަލިކަށިވުމެއްނޫނެވެ. ތިބާ ކުށްކުރިކަމަށް އިޢުތިރާފުވުމެއްވެސް ނޫނެވެ. ނަމަވެސް އެއީ ތިބާގެ ބުއްދިވެރިކަމާއި ﷲއަށް އޮތް ލޯބީގެ މަތިވެރިކަމެވެ. އެއީ ތިބާގެ ގާތަށް ނަބަވީ އިރުޝާދެއް އައުމުން ތިބާ އެ ޙަދީޘްފުޅަށް ޢަމަލުކުރުމުގައި ހަވާނަފްސުގެ މައްޗަށް ކުރިހޯދުމެކެވެ. ހޯމައާއި ބުރާސްފަތި ދުވަހުގައި ސުވަރުގޭގެ ދޮރުކޮޅު ހުޅުވޭއިރު ތިބާގެ ފާފަތައް ފުއްސެވުމަށްޓަކައި އަވަހަށް ނުޙައްޤުން ގުޅުން ކަނޑާލެވިފައިވާ އަނެއް މުސްލިމު އަޚާ ނުވަތަ އުޚުތާގެ ކިބައިން މަޢާފަށް އެދި ސުލްޙައިގެ އަތްދިއްކޮށްލާށެވެ. އަހަރެމެންނަށް ﷲ ރަޙްމައްލައްވައި އެކަމަށް ތައުފީޤު ދެއްވާށިއެވެ. އާމިން!

 

- ޝައިޚް މުޖުތަބާ ޙަމީދު/ސަލަފް 

މިއަދު އޮންލައިން