ބެލެނިވެރިންނަށާ ދަރިވަރުންނަށް ވަރަށް ޚާއްޞަ!: އިމްތިހާންތަކުން ދަރިން ރަނގަޅު ނަތީޖާ ހޯދަން އެހީވެދޭ ބައެއް ކަންތައްތަކާ ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 14މ 29ސ
ބެލެނިވެރިންނަށާ ދަރިވަރުންނަށް ވަރަށް ޚާއްޞަ!: އިމްތިހާންތަކުން ދަރިން ރަނގަޅު ނަތީޖާ ހޯދަން އެހީވެދޭ ބައެއް ކަންތައްތަކާ ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތައް-

ދަރިންގެ ތަޢުލީމަށްޓަކާ މައިންބަފައިން އަންނަނީ ޖާނާ މާލުން ޤުރްބާންވަމުންނެވެ. ޖާނުންވެވޭ ޤުރްބާނީއަކީ ކުދިން ތައްޔާރުކޮށް ސްކޫލަށާއި ކްލާސްތަކަށް ގެންދަން ކުރާ މަސައްކަތެވެ. މާލުންވެވޭ ޤުރްބާނީއަކީ ދަރިންގެ ކިޔެވުމަށް ކުރާ ހޭދައެވެ. ހެޔޮލަފާ މައިންބަފައިން އެމީހުންގެ އަމިއްލަ އުފާތައް ޤުރްބާންކޮށްފައިވެސް ދަރިންގެ ތަޢްލީމަށް ހޭދަކުރެއެވެ.  

ހުރިހާ ބެލެނިވެރިންގެ ޢިލްމީފެންވަރާއި ހޭލުންތެރިކަން އެއްވަރުނުވެދާނެއެވެ. އެހެންވެ މިގެނެސްދެނީ ދަރިންގެ ކިޔެވުމަށް ކުރިއެރުން ލިބި ރަނގަޅު ނަތީޖާއެއް ލިބިދާނެ ގޮތްތަކެވެ. އެކަމަށް ކުރެވެންހުރި ބައެއް ކަންކަމެވެ.  

މިހާރަކަށް އައިސް އަބަދުވެސް ޓެސްޓްތައް އޮންނަނީ ބޯމަތިވެފައެވެ. ޔުނިޓް ޓެސްޓްތަކާއި ޓާމްޓެސްޓްތައް އަބަދުވެސް ކުރިއަށްދަނީއެވެ. ވީމާ ފިލާވަލުތައް ދަސްކުރަމުން ގެންދާއިރު އިމްތިހާންތަކުން ރަނގަޅު ނަތީޖާ ހޯދަން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރަންޖެހެއެވެ.  

އެހެންކަމުން މި ލިޔުމަކީ ވަރަށް ބޮޑަށް ފައިދާކުރާނެ ލިޔުމެއް ކަމަށް ބެލެވެއެވެ!  

ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތަތަކާ ރަނގަޅު ނަތީޖާއެއް ހޯދުމަށް އެހީވެދޭ ބައެއް ކަންތައްތައް: 

މިލިޔުމުގައި ބަލައިލެވިފައިވާނީ ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތަކަށާއި، ރަނގަޅު ނަތީޖާއެއް ހޯދުމަށް އެހީވެދޭ ބައެއް ކަންތައްތަކުގެ މައްޗަށެވެ. މި މަޢުލޫމާތުތައް ނެގިފައިވަނީ ފިލާވަޅު ދަސްކުރުމުގެ ފަންނާއި ބެހޭގޮތުން ކަމުގެ މާހިރުން ލިޔުއްވާފައިވާ ބައެއްލިޔުންތަކުންނާއި، އަދި ޢިލްމު އުނގެނުމުގެ އުސްލޫބުތަކާއި ބެހޭގޮތުން ދީނީ ޢިލްމުވެރިން ލިޔުއްވައިފައިވާ ބައެއް ލިޔުންތަކުންނެވެ. 

ފުރަތަމަ އުކުޅު: ވަކި އިންތިޒާމަކުން ފިލާވަޅު މުރާޖަޢާކުރުން 

ފިލާވަޅު މުރާޖަޢާކުރަން ފެށުމުގެ ކުރިން މުރާޖަޢާކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއްހަދާށެވެ. މިވެނި ގަޑިއެއްގައި ކިޔާނީ ކިތައް ޗެޕްޓަރ ތޯ، ނުވަތަ ހަދާނީ ކިތައް ތަމްރީންތޯ ކަނޑައަޅާށެވެ. މުރާޖަޢާކޮށް ނިމުމުން އުއްމީދުކުރި ނަތިޖާ ޙާސިލްކުރެވުނުތޯ ބަލަންޖެހޭނެއެވެ. 

ދެވަނަ އުކުޅު: ގްރޫޕް ސްޓަޑީސް ހެދުން 

ކުލާހުގެ އެހެންކުދިންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރުމުން ފޫހިކަމެއްނެތި ގިނައިރު ވަންދެން މުރާޖަޢާކުރެވޭނެއެވެ. ގްރޫޕް ސްޓަޑީގެ ސަބަބުން ކުރެވޭ މަސައްކަތްތައް ގިނަވާނެއެވެ. އެކަމަކު ގްރޫޕް ސްޓަޑީއިން އެދެވޭ ނަތީޖާއެއް ނުކުންނާނީ ބޭކާރު ވާހަކަޔާއި ކަންތައްތަކުން ދުރުވެ ސީރިއަސްކަމާއެކު މުރާޖަޢާކުރެވޭނަމައެވެ. 

ތިންވަނަ އުކުޅު: ދުރާލާ މުރާޖަޢާކުރަންފެށުން 

ހަނދާންނުނެތޭ ވަރަށް ހިތުދަސްކުރަން ބޭނުންނަމަ އެކަމަށް އޮތް އެންމެ މޮޅު ގޮތަކީ ތަކުރާރުކޮށް އެއެއްޗެއްކިޔުމާއި، ކޮންމެ ހަފްތާއަކު އެއްފަހަރުހެން އެ އެއްޗެއް ދަސްވެފައިވަނީ ކިހާވަރަކަށްތޯ ބެލުމެވެ.

ހަތަރުވަނަ އުކުޅު: އޮފްލައިންވޭ !

އުނދަގޫ މާއްދާއެއް މުރާޖަޢާކުރާނަމަ، ފޯކަސްގެއްލި އެމާއްދާ މުރާޖަޢާކުރުން ހުއްޓާލާ، ފޯނާއި ކުޅުންފަދަ ކަމެއްކުރެވެން ފެށުމަކީ ވަރަށްގިނަ ދަރިވަރުންނަށް ދިމާވާ ކަމެކެވެ. އެހެންކަމުން މުރާޖަޢާކުރާއިރު ފޯނު ނިންވާލުމާއި، އޮފްލައިންވުމަކީ ވަރަށް މުހިންމުކަމެކެވެ.

ފަސްވަނަ އުކުޅު: ބްރޭކް ނެގުން (Promodoro technique) 

މި ޓެކްނިކް ބޭނުންކުރާއިރު ކޮންމެ 35 މިނިޓަކުން އެލާމް ވާގޮތް ހަދާށެވެ. 35 ވަންދެން މުރާޖަޢާކޮށްފައި، ފަސްމިނެޓްގެ ބްރޭކެއްނަގާށެވެ. މިގޮތަށް މުރާޖަޢާކުރުމުން ފޫހިނުވެ ގިނައިރުވަންދެން މުރާޖަޢާކުރެވޭނެއެވެ. 

ހަވަނަ އުކުޅު: ދަސްކުރެވުނުވަރު ބެލުން 

ފޮތްކިޔާ ނިންމާލަމުން ދަސްކުރެވުނުވަރު ބެލުމަށްޓަކައި ތަމްރީނެއް ނުވަތަ ކުޑަ ޓެސްޓެއް ހަދާށެވެ.  ފިލާވަޅު ދަސްކުރާ ނިންމާތަނުން މިގޮތަށް އެނގުނުވަރު ބަލާކަމުގައިވާނަމަ، ސިކުނޑީގައި މަޢުލޫމާތުހަރުލުމުގެ ރޭޓް 30 ޕަސެންޓް އިތުރުވެއެވެ. 

މި ދާއިރާގެ ޢިލްމުވެރިން ދެކޭގޮތުގައި ދަސްކޮށްފައިވާ އެއްޗެއް ހަނދާނުގައި ގިނަދުވަހު ބެހެއްޓުމަށްޓަކައި ކުރެވެން އޮތް އެންމެ ރަނގަޅުކަމަކީ ދޭތެރެ ދޭތެރެއިން އަމިއްލައަށްވެސް ޓެސްޓްހެދުމެވެ. މިގޮތަށް ޓެސްޓްހެދުމުން ފިލާވަޅުން ތިމާއަށް ނޭނގޭ ބައިތަކަކީ ކޮބައިކަންވެސް އެނގޭނެއެވެ. 

ޕާސްޓްޕޭޕަރ ހެދުމަކީ މިގޮތުން ޓެސްޓްކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ފޮތްކިޔާނިންމާފައި، ފިލާވަޅުތަކުގެ ތަމްރީންތަކުގެ އެހީގައި އެނގިފައިވާ މިންވަރުބެލިދާނެއެވެ. 

ހަތްވަނަ އުކުޅު: ކިޔަވައިދިނުން 

އިސްވެދެންނެވިފަދައިން އަމިއްލަ ނަފުސު ޓެސްޓްކުރުމަށްފަހު އެހެންމީހަކަށްކިޔަވައިދޭށެވެ. އެހެންމީހުންނަށް ކިޔަވއިދީގެން ދަސްކުރާއެއްޗެހި ހަނދާނުގައި ހުންނަ ހުރުމަށް ކިޔަނީ the protégé effect އެވެ. އެހެންމީހަކަށް ކިޔަވައިދެވޭނީ ކިޔަވައިދެވޭ މަޢުލޫމާތު ތިމާއަށް ރަނގަޅަށް ފަހުމްވެގެންނެވެ. ކިޔަވައިދިނުމަށްޓަކައި ފިލާވަޅުގެ މަޢުލޫމާތުތައް ވީހާވެސް ތިލަކޮށް ފަސޭހައިން ދޭހަވާނެގޮތަކަށް ޝަރަޙަކުރާށާއި މަޢުލޫމާތު މަރުޙަލާކުރަން ޖެހޭނެއެވެ. ކިޔަވައިދިނުމަށްޓަކައި މިދެންނެވި ހުރިހާގޮތަކަށް ފިލާވަޅު ”ކޮށާމަށާލަން” ޖެހޭއިރު ފިލާވަޅެއް އެހެން ކުއްޖަކަށް ކިޔަވައިދިނުމުން ތިމާއަށް ހުންނާނީ ފިލާވަޅު ވަރަށް ރަނގަޅަށް ފަހުމްވެފައެވެ. އަދި އެފިލާވަޅު ގިނަ ދުވަހު ހަނދާންވެސް ހުންނާނެއެވެ. 

ރަނގަޅު ނަތީޖާއެއް ޙާޞިލްކުރުމަށް އެހީވެދޭނެ މުހިންމު ސަބަބުތައް 

1. ތަޤްވާވެރިކަން އިތުރުކުރުން

ތަޤްވާވެރިކަމަކީ ﷲތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި އަދި ނަޙީތަކުން ދުރުވެގަތުމެވެ.

ތަޤްވާވެރިކަން އިތުރުވާވަރަކަށް، ތިމާގެ ހިތްމަޑުވެ، ހިލަކަން ފިލާ، ހިތްސާފުވާނެއެވެ. ބޭކާރު ޚިޔާލުތަކާއި ވަސްވާސްތަކުން ސަލާމަތްވެވި، ސަމާލުކަން (concentration)  އިތުރުވާނެއެވެ. ތިމާގެ ޢިލްމުވެރިކަމާއި އެއްވަރަށް ތަޤްވާވެރިކަން އިތުރުކުރަންޖެހެއެވެ. ތަޤްވާވެރިކަމާއި ޢިލްމާއިހުރި ގުޅުން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން ހާމަވެގެންދެއެވެ.

﴿وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ﴾ [2:282]

މާނައީ: “ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ.”

ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.

﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴾ [65:4]

މާނައީ: “އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނައެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.” 

2. ދުޢާކުރުން [1]

رَبِّ زِدْنِي عِلْمًا

މާނައީ؛ އަޅުގެ ވެރިރައްބު! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!

رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي

މާނައީ؛ އަޅުގެ ވެރިރައްބު! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާ އަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ހުރި ދަތި ގޮތް ފިލުއްވައިދެއްވައި، ދޫ ފަސޭހަ ކޮށްދެއްވާނދޭވެ!

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا

މާނައީ؛ އޭ ﷲ! އެ ޢިލްމަކުން މި އަޅާ އަށް މަންފާ ނުކުރާނޭ ޢިލްމުންނާއި، އިބަ ރަސްކަލާނގެ އަށް ބިރުވެތި ނުވާ ހިތަކުންނާއި އިބަ އިލާހަށް ކިޔަމަން ނުގަންނަ ނަފްސަކުންނާއި އިޖާބަ ނުކުރައްވާނޭ ދުޢާއިން މި އަޅާ ސަލާމަތް ކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން ވާގި އެދި، ރައްކާތެރިކަން ލިބިގަންނަމެވެ.

اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلا مُتَقَبَّلا

މާނައީ؛ އޭﷲ! މަންފާ ކުރަނިވި ޢިލްމަކާއި ރަނގަޅު ރިޒްޤަކާއި އިބަ އިލާހުގެ ޙަޟްރަތުގައި ޤަބޫލުވަނިވި ޢަމަލެއް މި އަޅާއަށް ދެއްވުން އެދި އިބަ ރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.

އަދި މިނޫން ދުޢާތައްވެސް ކުރެވިދާނެއެވެ. ދުޢާކުރުމުގައި ވަކި ބަހަކުން ކުރުމަށް ލާޒިމެއް ނޫނެވެ. ޢަރަބިބަސް އެނގޭނަމަ ޢަރަބިބަހުންކުރުން އެދެވިގެން ވެއެވެ. ނޭނގޭނަމަ އެހެން ބަހަކުންވެސް ކުރެވިދާނެއެވެ. 

މައިންބަފައިން ދަރިންގެ މައްޗަށް ކުރާ ދުޢާ އިޖާބަވެގެންވެއެވެ. މީގެއިތުރުން ބަންގި އާއި ޤަމަތާއިދޭތެރޭގަޔާއި ވާރޭވެހޭވަގުތާއި، ރޯދަވީއްލުމުގެ ކުރިންނާއި ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަވެގެންވާ ވަގުތުތަކެވެ. ނަބަވީ ސީރަތުން އަޅުގަނޑުމެންނަށް އިރުޝާދު ލިބެނީ ކަންކަންފަހިވުމަށް އޮންނަ ސަބަބުތަކުގައި ހިފުމަށްފަހު ދެން ދުޢާކުރުމެވެ. މަސައްކަތްކުރާ ހާލު އެކަން ކާމިޔާބުކޮށްދެއްވުން އެދި ކަށަކުޅަދުންވަންތަ އިލާހުގެ ހަޟްރަތުގައި ދެންނެވުމެވެ.ނަމާދުކުރުން ނުވަތަ ޒިކުރުކުރުން ފަދަ ސިކުނޑިއަށް ހަމަޖެހުންގެނެސްދޭ ކަންކަން ކުރުމުން ސިކުނޑީގައި އާ ނިއުރޯންސް އުފެދެއެވެ. 

3. ފާފަތަކުން ދުރުވުން 

ފާފަތަކުގެ ސަބަބުން ހިތުގައި ކަޅުލައްތަކެއްޖެހި، ހިތް ކަޅުވެގެންދެއެވެ.

އެއްދުވަހަކު އިމާމް ޝާފިޢީ އެކަލޭގެފާނުގެ އެދުވަހުގެ ފިލާވަޅު ދަސްކުރުން އުނދަގޫވެގެން އެކަމުގެ ޝަކުވާ އެކަލޭގެފާނުގެ އުސްތާޒު އިމާމް ވަކީޢްއަށް ކުރިއެވެ. އެހިނދު އިމާމް ވަކީޢް އިމާމް ޝާފިޢީގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ.

شَكَوْتُ إلَى وَكِيعٍ سُوءَ حِفْظِي

فَأرْشَدَنِي إلَى تَرْكِ المعَاصي

وَأخْبَرَنِي بأَنَّ العِلْمَ نُورٌ

ونورُ الله لا يهدى لعاصي

ތިމަންކަލޭގެފާނަށް ފިލާވަޅު ހިތުދަސްކުރަން އުނދަގޫވެ އެކަމުގެ ޝަކުވާ ތިމަންކަލޭގެފާނުގެ އުސްތާޒު ވަކީޢުއަށް ކުރީމެވެ.

އެހިނދު އުސްތާޒު ތިމަންކަލޭގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ.

އަދި ޢިލްމަކީ ނޫރެއްކަމަށް ވިދާޅުވިއެވެ.

ﷲ އަށް އުރެދޭމީހުންނަށް ﷲ އެނޫރު ނުދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

4. ހެނދުނުގެ ވަގުތުތަކުގެ ބޭނުންހިފުން

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ.

((اللَّهُمَّ بَارِكْ لأُمَّتِي فِي بُكُورِهَا)) [رواه الترمذي وابن ماجه وصححه الألباني]

މާނައީ: ” އޭ ﷲ! ތިމަންކަލޭގެފާނުގެ އުންމަތަށް އެއުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!”

ދުވަހުގެ ހެނދުނު ވަގުތުތަކުގައި ފިލާވަޅު ދަސްކުރުމުން، އެފިލާވަޅު އަވަހަށް ދަސްވެ، ހަނދާނުގައި ހުންނާނެއެވެ.

5. ފުރިހަމަ ނިދިހޯދުން

ފުރިހަމަ ނިންޖަކީ މަޢުލޫމާތު ސިކުނޑީގައި ހަރުލެއްވުމަށާއި ޕްރޮސެސްވުމަށް ކޮންމެހެންވެސް ބޭނުންވާއެއްޗެކެވެ.

6. ބޭކާރުކަންކަމުގައި ވަގުތު ހޭދަނުކުރުން

ފިލާވަޅުދަސްކުރަން ވަގުތުނުވާކަމުގެ ޝަކުވާއަކީ ޢާއްމު ޝަކުވާއެކެވެ. އެކަމަކު ރަނގަޅަށް ޓައިމް މެނޭޖުކުރާނަމަ މިކަމަށް ބޭނުންވާ ވަގުތު ރަނގަޅަށް ލިބޭނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

((مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ)) [حديث حسن رواه الترمذي وغيره]

ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.”

މިހަދީސް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ.

ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. އަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.”

އަދި އެހެން ހަދީސެއްގައިވެއެވެ.

((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ ، الصِّحَّةُ ، وَالْفَرَاغُ)) [رواه البخاري]

މާނައީ: ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކުރެވޭ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ.”

7. ހިއްމަތްތެރިކަން އިތުރުކޮށްދޭފަދަ ހަދީސްތަކާއި ޢިބާރާތްތައް ފެންނަފަށުގައި ބެހެއްޓުމަކީ ހިތްވަރުއެލޭ ދަނޑިވަޅުތަކުގައި ހިތްވަރު އާލާކޮށްދޭ ކަމެކެވެ. މިގޮތުން ތިރީގައި މިގެނެސްދެނީ އެފަދަ ބައެއް motivational quotes އެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

((الْمُؤْمِنُ الْقَوِىُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ وَفِى كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلاَ تَعْجِزْ)) [رواه مسلم]

މާނައީ: “ބަލިކަށި މުއުމިނަކަށްވުރެ، ވަރުގަދަ މުއުމިނެއް، ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑެވެ. އެދެމީހުންގެ ކިބައިގައިވެސް ހެޔޮކަންވެއެވެ. (ދުނިޔެއާއި އާޚިރަތުގައި) ތިމާޔަށް ފައިދާލިބޭ ކަންކަން ހޯދުމަށް ދަހިވެތިކަމާއިއެކު މަސައްކަތްކުރާށެވެ. އަދި ﷲގެ ވާގިފުޅު އެދޭށެވެ. އަދި ނިކަމެތިވެ ނުގަންނާށެވެ..” 

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވާފަދައިން ދުނިޔެއާއި އާޚިރަތުގައި ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ޖޯޝާއިއެކު މިންނެތް މަސައްކަތްކުރާށެވެ. އެކަންކަމުގައި ނިކަމެތިވެނުގަންނާށެވެ.

إذا أنت لم تزرع وأبصرت حاصداً

ندمت على التفريط في زمن البذر 

ޖުމްލަ މާނައީ:”ގޮވާންކުރުމުގެ މޫސުމުގައި، ތިބާ މުޑުވަށްކޮށް ގޮވާން ނުއިންދައިފިއްޔާ، ގޮވާންކެނޑުމުގެ މޫސުން އައުމުން، ރަނގަޅު ގޮވާމެއް ނުލިބުނުކަމަށްޓަކައި ދެރަވެ ހިތާމަ ކުރަންޖެހޭނެއެވެ"

 

- މަސްދަރު: ދިއިސްލާމް

 

 

މިއަދު އޮންލައިން