މިހާރަކަށް އައިސް ބައެއް މީހުން (ޚާއްޞަކޮށް ބައެއް ޒުވާނުން) އެމީހުން ލޯބިވެގެން އުޅޭ މީހާއާއި ކައިވެނިކުރެވޭނެކަން ޔަޤީންކުރަން ބޭނުންވެގެން ސިޙުރުވެރިން ނުވަތަ ފާލުބަލާމީހުންގެ ޣާތަށް ގޮސް އެބަ ބަލައެވެ. މިކުރެވެނީ ކިހައިބޮޑު ފާފައެއް އަދި ތިމާއަށް ކިހައިބޮޑު ގެއްލުމެއް ލިބިދާނެ ކަމެއްކަމާއިމެދު ވިސްނައިވެސް ނުލައެވެ.
މިބާވަތުގެ ކަންކަން ކުރުމުން ލޯބިވެރިޔާ ގެއްލެން 2 ސަބަބެއް މެދުވެރިވެއެވެ.
ފުރަތަމަ ސަބަބަކީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަތުމެވެ. އެއިރުން ކަންކަްނ ވެގެންދާނެ ގޮތް ހިތަށް ގެންނާށެވެ.
ދެވަނަ ސަބަބަކީ ސިޙުރުވެރިޔާއަށް ދިން މަޢުލޫމާތުގެ ބޭނުންކޮށްގެން ދެމީހުންގެ މެދުގައި މައްސަލަތައް ޖައްސުވަން ސިޙުރުހެދުމެވެ. ސިޙުރުވެރިޔާ އެކަންކުރާނީ ދެމީހުންގެ މެދުގައި މައްސަލަ ޖެހުނީމާ އެކަން ރަނގަޅުކުރަން އޭނާގެ ގާތަށް އަންނާނެކަން ޔަޤީންކޮށްގެންނެވެ. އެއިރުން ލާރި ބޮނޑިވަރެއް އޭނާއަށް ލިބޭނެތީއެވެ.
ސިޙުރުވެރިޔާގެ މިމަޅީގައި ގިނަ ބައަކު ޖެހެއެވެ. އެކަމުގެ ސިޙުރުވެރިޔާއަށް ގިނަ ޢަދަދެއްގެ ފައިސާވެސް ލިބެއެވެ.
މުސްލިމުންނަށް އޮތީ އެއްވެސް ކަމަކަށް އެދިގެން ފާލުބެލުން ފަދަ އެއްވެސް ކަމެއް ނުކުރުމެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ. އެއީ 40 ދުވަސްވަންދެން އެމީހަކުކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ޢަމަލެއް ކަމަށް އޮތުމުން ފާފައިގެ ބޮޑުމިން އެނގިގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޣައިބުގައިވާ ކަންކަން ނުވަތަ މުސްތަޤްބަލުގައި ވާންހުރި ކަންކަން ފާލުބުލީމާ ނުވަތަ ޖިންނީންނަށް އެނގޭނެކަމަށް ޤަބޫލުކުރެވިދާނެތޯ؟ ޖަވާބަކީ ނުއެނގޭނެއެވެ. ފާލުބެލިޔަސް އަތްބެލިޔަސް ނުވަތަ ފައިބެލިޔަސް ނުއެނގޭނެއެވެ.
ޣައިބުގައި ވަންހަނާވެގެންވާ ކަންކަން ޖިންނިންނަށް ނުވަތަ ފާލު ބެލުމުން އެނގޭނެ ކަމަށް ބައަކު ޤަބޫލުކުރެއެވެ! ނަމަވެސް އެކަމުގެ ޙަޤީޤަތަކީ ޖިންނީންނަށް ޣައިބު އެނގޭނެތަ؟ ސުވާލަށް ޝައިޚް މުޖުތަބާ ޙަމީދު ދެއްވާފައިވާ މި ޖަވާބެވެ!
ޖިންނީންނަށް ޣައިބު އެނގޭނެތަ؟
الحمد لله والصلاة والسلام على رسوله ، أما بعد :
އަޞްލަކީ އެއްވެސް މަޚްލޫޤަކަށް ޣައިބު އެގިގެން ނުވުމެވެ. މިކަމުގައި ޖިންނިއެއް އިންސިއެއް އަދި މަލާއިކަތެއްވެސް އިސްތިޘްނާވެގެން ނުވެއެވެ. ޣައިބު އެނގޭނީ ﷲ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެއިލާހު ޣައިބު ކަޝްފުކޮށްދެއްވި ފަރާތަކަށެވެ.
الشيخ محمد بن صالح العثيمين رحمه الله ވިދާޅުވިއެވެ. ”ޖިންނީންނަށް ޣައިބެއް ނޭނގޭނެއެވެ.“
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ (النمل: ٦٥) މާނައީ: ”ﷲ ތަޢާލާ ފިޔަވާ އުޑުތަކާއި ބިމުގައިވާ އެއްވެސް ފަރާތަކަށް ޣައިބެއް ނޭނގޭނެތެވެ.“
- ޝައިޚް މުޖުތަބާ ޙަމީދު