ޢާއިޝަތު ރަފާޙް ޢަލީ
عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ وَبَيْنَهُمَا مُشَبَّهَاتٌ لَا يَعْلَمُهَا كَثِيرٌ مِنْ النَّاسِ فَمَنْ اتَّقَى الْمُشَبَّهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ وَمَنْ وَقَعَ فِي الشُّبُهَاتِ كَرَاعٍ يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يُوَاقِعَهُ أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى أَلَا إِنَّ حِمَى اللَّهِ فِي أَرْضِهِ مَحَارِمُهُ أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ
މާނައީ: "މާތް ﷲ އެދެބަފައިކަލުންނަށް ރުސުންލެއްވި ބަޝީރުގެފާނުގެ ދަރިކަލުން އައްނުޢްމާންގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އަޑު އެހީމެވެ. ހަމަކަށަވަރުން ޙަލާލް ކަންތައްތައް ވަނީ ބަޔާންވެ އެނގިގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމް ކަންތައްތައްވެސް ވަނީ ބަޔާންވެ އެނގިގެންނެވެ. (އެބަހީ ކީރިތި ޤުރްއާނާ، މާތް ނަބިއްޔާގެ ސުންނަތުގައި ވަނީ ޙަލާލް ކަންކަމާއި ޙަރާމް ކަންކަން ބަޔާންކޮށްދެއްވާފައެވެ.)އަދި އެދެމެދުގައި(ދީނުގެ ޙުކުމްތައް ރަނގަޅަށް ނުދަންނަ ބަޔަކަށް އެއީ ޙަލާލް ކަމެއްތޯ ނުވަތަ ޙަރާމް ކަމެއްތޯ ދެނެގަތުމުގައި) ޝައްކުވާފަދަ ކަންތައްތަކެއްވެއެވެ. މީސްތަކުންކުރެ ގިނަ ބަޔަކަށް އެކަންކަމެއް ނޭނގެއެވެ. ފަހެ، ޝައްކު އުފެދޭ ޝުބްހަ ކަންކަމާ ދުރުހެލިވެއްޖެ މީހާ (ދަންނާށެވެ) އޭނާ އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ދީނަށްޓަކައި ރައްކާތެރިކަން ލިބިގަންފިއެވެ. އަދި ޝުބްހަ ކަންކަމުގެ ތެރެއަށް ވަދެއްޖެ މީހާ (ދަންނާށެވެ) އޭނާ ޙަރާމް ކަމެއްގެ ތެރެއަށް ވަދެގަންފިއެވެ. އެއީ އެމީހެއްގެ ދަނޑުބިމެއްގެ އިމުގެ ކައިރިއަށް ބަކަރި ހުއިހައްޕާ މީހަކު ފަދައިންނެވެ. އޭނާގެ ބަކަރިތައް ، އެއިން ވަކިކޮށްފައިވާ ސަރަހައްދަށްވަދެ ހުއިހެއްޕުމަކީ ގާތްކަމެކެވެ. ދަންނާށެވެ. ކޮންމެ ރަސްކަލަކަސްވެސް އެރަސްގެފާނަށް ޚާއްޞަވެގެންވާ އިމެއްވެއެވެ. އަދި ދަންނާށެވެ. ﷲ ގެ އިމަކީ އެކަލާނގެ ޙަރާމް ކުރެއްވި ކަންކަމެވެ. ތިޔަބައިމީހުން ދަންނާށެވެ. އަދި ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު ޞުލްޙަވެ ރަނގަޅު ވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވެދެއެވެ. އަދި އެ މަސްކޮޅު ފާސިދުވެ ނުބައި ވެއްޖެނަމަ މުޅި ހަށިގަނޑުި ފާސިދުވެ ނުބައިވެދެއެވެ. ދަންނާށެވެ. އެއީ ހިތެވެ."
މި ޙަދީޘްފުޅުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ކަންތައްތަކެއް އަންގަވާފައިވެއެވެ. އަޅުގަނޑުމެން އެކަންކަމަށް ޢަމަލު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ޙަރާމް ކަންކަމުން ދުރުހެލިވެ، ޙަލާލް ކަންކަން ކުރުމަށް އަންގަވާފައިވެއެވެ. އަދި ހިތް ރަނގަޅު ކުރުމަށްވެސް މި ޙަދީޘްގައި އިރްޝާދު ދެއްވާފައިވެއެވެ. އަދި އިންސާނުން ކުރާ ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވި ކަމެއްތޯ ނުވަތަ ޙަލާލް ކުރެއްވި ކަމެއްތޯ ބަލައި ޔަޤީންކުރަން ޖެހެއެވެ.
ﷲ ތަޢާލާ ޙުޖުރާތް ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَٱتَّقُوا۟ ٱللَّهَ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ﴿١٢﴾
މާނައީ:އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. (12)