ޢަޤީދާ ޗެކްކޮށްލާ!: އީމާންކަން ފުރިހަމަ އަޅުކަންކުރުމަށް ޝައުޤުވެރިވެވެއްޖެނަމަ އަޅުކަމުގެ މަދުމިންވަރު ކޮށްލުމަކުން ހިތަށް ހަމަޖެހުމެއް ނުލިބޭނެ! އިތުރުކުރަން ބޭނުންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޢަޤީދާ ޗެކްކޮށްލާ!: އީމާންކަން ފުރިހަމަ އަޅުކަންކުރުމަށް ޝައުޤުވެރިވެވެއްޖެނަމަ އަޅުކަމުގެ މަދުމިންވަރު ކޮށްލުމަކުން ހިތަށް ހަމަޖެހުމެއް ނުލިބޭނެ! އިތުރުކުރަން ބޭނުންވާނެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"--- ހަމަކަށަވަރުން، ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތު ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، ޝައިޠޯނާއަށް ކާފިރުވެ ﷲ އަށް އީމާންވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިއުމެއް އެއަކަށް ނުވެއެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ ." (ބަޤަރާ: 256)    

ﷲ ތަޢާލާގެ ވަހީ ބަސްފުޅުގައި އެންމެ މަތިވެރި ޢަޤީދާއާއިމެދު މިފަދައިން އެނގެން އޮތްއިރުވެސް އިބިލީހުގެ ވަސްވާސްތަކަށް ހެއްލި ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަމުން ތިމާ މިހުރީ އެންމެ މަތިވެރި ޢަޤީދާގެ މަތީގައި ކަމަށް ބުނާ މީހުން އެބަ އުޅެއެވެ. އެމީހުން އެބުނާ ބަހަށް އޮތީ ކޮން އިތުބާރެއް ހެއްޔެވެ؟ އެ ދައްކާ ވާހަކަތައް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މީހާގެ ޢަޤީދާ ފުރިހަމަވެ ހިތުގައި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ލޯބި އުފެދި ﷲ ތައާލާގެ ރުހިވޮޑިގަތުމާއި ދިމާއަށް ދެވެން ފެށުމުން އެކަން އެކަން އެމީހަކަށް ވަރަށް ރަނގަޅަށް އެނގެން ފަށާނެއެވެ! ފަރުޟު 5 ނަމާދު ކޮށްލެވުމަކުން ނުފުދޭނެއެވެ. ރަވާތިބް ސުންނަތްތައް ކުރެވެން ފަށާނެއެވެ! އެވަރަކުން ވެސް ނުފުދޭނެއެވެ! އެހެން ސުންނަތް ނަމާދުތައްވެސް ކުރެވެން ފަށާނެއެވެ! ވީހައި ދިގުކޮށް ދަމުނަމާދާއި ވިތުރި ކުރެވެން ފަށާނެއެވެ! އަދި އެހެން އަޅުކަންތައް ކުރެވެން ފަށާނެއެވެ!  

މިސާލެއް ބުނަން ހެއްޔެވެ؟ ފަރުޟު ޙައްޖު އަދާކުރެވުނީއެވެ. އެވަރަކުންވެސް ނުފުދޭނެއެވެ. ހުންނާނީ ކިހައި އަވަހަކަށް ޢުމުރާއަކަށް އާދެވޭނެ ކަމާއިމެދު ކަންބޮޑުވެފައެވެ. ފަރުޟު ޒަކާކްތ ދެއްކީއެވެ. އެވަރަކުން ނުފުދޭނެއެވެ. ހުންނާނީ ބަދަޤާތެއް ކުރާނެ ފުރުޞަތަކަށް ބަލަބަލައެވެ. ޢަޤީދާ ފުރިހަމަ ފުރިހަމަ އީމާންތެރިއަކަށް ވެވުމުން އެމީހެއްގެ ކިބައި މި ސިފަތައް ހުންނާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވާފައެވެ! "ވީހައި ގިނައިން ސުންނަތް އަޅުކަން ކުރަން ބޭނުންވާނެ" ކަމުގެ ވާހަކައެވެ.  

މީހެއްގެ ޢަމަލުތައް މިހިސާބަށް ދިއުމުން ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާނެތެވެ! އެހިސާބުން އެއޮތީ ދެ ދުނިޔެ ކާމިޔާބުކުރެވިފައެވެ! އުފާވެރިކަން ނޫން ކަމެއް އެމީހަކަށް ލިބުމެއް ނެތެވެ!  

އެންމެ ކަމެއް ކޮށްލާށެވެ! މިކިޔައިދިން ސިފަތަކުން ތިބާގެ ކިބައިގައި ވަނީ ކޮން ސިފަތަކެއްކަން ފާހަގަކޮށްލާށެވެ! ތިމާއަށް ކަންކަން ކުރެވޭ ގޮތާއިމެދު ވިސްނައިލާށެވެ! އެއިރުން ތިމާއަށް ﷲ ތަޢާލާ ދެކެ ލޯބިވެވޭ މިންވަރު ވަޒަންކުރެވޭނެއެވެ. އިބްލާހްކުރަން ޖެހޭ މިންވަރުވެސް އެނގޭނެއެވެ! މިކިޔައި ދިނީ އުފާވެރިކަން ނޫން އެއްވެސް ކަމެއް މިދުނިޔެއިންވެސް ލިބެން ބޭނުން ނުވާ މީހާ އެ މަޤްޞަދު ޙާޞިލުކުރަން ކުރަންވީ ކަންކަމެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުކުރެވޭނެ މަގެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން