ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ތިމާދެކެ ލޯބިވެރިޔާ ލޯބިވުމެވެ. ތިމާ ދެކެ ލޯބިވާކަން ޔަޤީންކުރެވެންވެސް ބޭނުންވާނެއެވެ. ސުވާލަކީ އެކަން ޔަޤީންކުރެވޭނެ ގޮތަކީ ކޮބައިހެއްޔވެ؟ ސުވާލުގެ ޖަވާބު ހޯދަމާ ހިނގާށެވެ!
ފުރަތަމަ ކަމަކަށް އަނެކާދެކެ ލޯބިވުމަކީ ތަސްބީޙައެއް ފަދައިން "ވަރަށް ލޯބިވަމޭ" ކިޔުމެއް ނޫނެވެ. އަދި ގިނަގިނައިން ހަދިޔާ ދިނުމެއްވެސް ނޫނެވެ. ބައްދައި އޮޅުލުމެއްވެސް ނޫނެވެ. މިއީ އެއިގެ ޒާތައް ބަލައިފިނަމަ ވަރަށް ޢާދައިގެ ކުދިކުދި ކަންކަމެވެ. ލޯބިނުވެ ހުރެގެންވެސް ކުރެވިދާނެ ކަންކަމެވެ.
ބައިވެރިޔާދެކެ ލޯބިވާނަމަ ބައިވެރިޔާ އެދޭ ގޮތަށް ތިމާގެ ކަންކަން ބަދަލުކުރެވޭނެއެވެ. ބައިވެރިޔާ އެދޭގޮތަށް ބަދަލުތައް ނުގެނެވެނީ ލޯބިނުވާތީއެވެ. މިވާހަކަ މިބުނަނީ ވަކިބައަކަށް ނޫނެވެ. އަންހެނުންނާއި ފިރިހެނުންނަށެވެ.
ދަލީލަކީ ގިނަ ކައިވެނިތަކުގައި މައްސަލޖެހި ރޫޅެމުން މިދަނީ ކުރިން މިބުނި ކަންކަން ނުކުރެވޭތީއެއް ނޫނެވެ. ބައިވެރިޔާ އެދޭގޮތަށް ކަންކަން ބަދަލުނުކުރެވޭތީއެވެ. އެކަމުގެ ސަބަބުން ލިބޭފޫހިކަން ބޮޑުވަމުން އައިސް ކެތްތެރިކަން ކޮޅުންލާތީއެވެ.
ވީމާ ކައިވެންޏަސްފަހު ފުރަތަމަ ކަމަކަށްވެސް ސަމާލުކަންދޭންވީ ތިމާ އެދޭ ގޮތަށް ބައިވެރިޔާ ބަދަލުވޭތޯ ބެލުމަށެވެ. ލޯބިވާނަމަ ބަދަލުވާނެއެވެ! ބަދަލުނުވާނަމަ އެއިގެ މާނައަކީ ލޯބިނުވާ ކަމެވެ. ލޯބިނުވާ މީހަކާއިއެކު ދިރިއުޅެން މަސައްކަތް ކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ލިބޭނީ މާޔޫސްކަމާއި ހިތްދަތިކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއް