ސުވަރުގެ ވަދެވޭނެ އަންހެނުންގެ ތެރެއިން އެންމެ މާތް 4 ކަނބަލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ސުވަރުގެ ވަދެވޭނެ އަންހެނުންގެ ތެރެއިން އެންމެ މާތް 4 ކަނބަލުން-

ސުވަރުގެއިން މަތީ ދަރަޖަ ހޯދަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެންމެންނަށް އެންމެ މާތް މީހަކު ކަމުގައި ނުވެވިދާނެއެވެ. ނަމަވެސް މަސައްކަތްކޮށްފިނަމަ އެންމެ މަތީ ދަރަޖައަށް ވާޞިލްވެވިދާނެއެވެ. ސުވަރުގެއަކީ ތަނަވަސްވެގެންވާ ތަނެކެވެ. ދަރަޖަ ޙައްޤުވާ މީހުން ގިނަވެގެން ޖާގަފުރޭނެ ތަނެއް ނޫނެވެ. 

ތިއަބޭފުޅުން ކުރައްވަން އޮތް ކަމަކީ މިދަންނަވާ 4 ބޭކަނބަލުން އެ މަތިވެރި ދަރަޖަ ހޯދެވިގޮތް ދަސްކޮށް ޢަމަލުކުރުމެވެ. ޢަމަލުކުރަން މަސައްކަތްކުރީމާ ﷲ ތަޢާލާ ތައުފީޤް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

"ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ މާތް އަންހެން ކަނބަލުންނަކީ މަރްޔަމް ބިންތި ޢިމްރާން އާއި ޚަދީޖަތު ބިންތި ޚުވައިލިދާއި، ފާޠިމަތު ބިންތި މުޙައްމަދު އަދި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތު ބިންތި މުޒާޙިމެވެ." [رواه أحمد وصححه الألباني] 

މަރްޔަމް ބިންތި ޢިމްރާންއަކީ ޢީސާގެފާނުގެ މައިކަނބަލުންނެވެ. އެކަމަނާއަކީ ތަޤްވާވެރިކަމުގައި އަރައި އިންނެވި ބޭކނބަލެކެވެ. އެކަމަނާއަށް ﷲ ތަޢާލާ ވަނީ ތަޢްރީފްގެ ބަސްފުޅު ވަހީ ކުރައްވަވައިފައެވެ. އަދި އެކަމަނާގެ ނަންފުޅުގައި ކީރިތި ޤުރްއާނުގައި ސޫރަތެއްވެސް ވެއެވެ. 

ޚަދީޖަތުގެފާނަކީ ރަސޫލް () ގެ ފުރަތަމަ އަނބިކަނބަލުންނެވެ. އަންހެން ބޭކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތީވެސް އެކަމަނާއެވެ! ﷲ ތަޢާލާ 7 އުޑުމަތިން އެކަމަނާއަށް ސަލާމް ވަޙީކުރެއްވެވިއެވެ. 

ފާޠިމަތުގެފާނަކީ ރަސޫލް () އަށް ހުރިހާ ޙާލަތްތަކެއްގައި ޚިދުމަތް ކުރެއްވެވި ދަރިކަނބަލުންނެވެ! ރަސޫލް () ގެ ސިއްރުފުޅުތައް އެންމެ އެންމެ ބޮޑަށް އެނގިވަޑައިގަންނަވަނީވެސް އެކަމަނާއަށެވެ! އަދި ރަސޫލް () ސުވަރުގެވަޑައިގެންނެވިއިރު ދުނިޔޭގައި އިންނެވި ހަމައެކަނި ދަރިކަނބަލުންނެވެ. 

ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތު ބިންތި މުޒާޙިމްއަށް މިފަދަ މަތިވެރި ޝަރަފެއް ލިބިވަޑައިގަތީ އެ ނުބައި ނުލަފާ ފިރުއަޢުނުގެ އަނބިކަނބަލަކަށް އިންނަވައި އީމާންކަމުގައި ސާބިތުވެވަޑައިގެންނެވިވަރުންނެވެ. ފިރުއަޢުނު އެކަމަނާއަށް ކުރި ގަދަފަދަ އަނިޔާތަކަށް ކެތްތެރިވެވަޑައިގެންނެވުމުންނެވެ. 

ބައެއް ރިވާޔަތްތަކުގައި އެކަމަނާއަށް ގަދަފަދަ އަނިޔާތައް ލިބިވަޑައިގަންނަވަމުން ދިއަ ވަގުތުގައި ސުވަރުގޭގައި އެކަމަނާއަށް ޚާއްޞަކުރައްވަވާފައިވާ ގަނޑުވަރު އެކަމަާގެ ލޯފުޅަށް ދެއްކެވިކަމަށް ވެސް އައިސްފައިވެއެވެ.  

މިކަމުން އެނގިގެންދަނީ މީހަކު ނުވަތަ ބައަކު ދައްކާ ބިރަށް ޖެހިލުން ނުވެ ﷲ ތަޢާލާއަށް ޢީމާންވުމުގައި ސާބިތުވުމުން ދެއްވަވާނެ މަތިވެރިކަމެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ ސާބިތުކަމެއް ލިބިގަތުމަށެވެ.

- މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން