އެއީ ރީތި ކުއްޖެކެވެ. ވަރަށް ފަޤީރުވެސް ކުއްޖެކެވެ. އޭނާގެ ލޯބިވެރިޔާއަކީ ތަނަވަސް މީހެއްގެ ދަރިއެކެވެ. އެހެންވެ ދަރިފުޅު ފަޤީރު ކުއްޖަކާއި ކައިވެނިކުރަން އުޅޭތީ ބައްޕަ ހުރީ ވަރަށް ކަންބޮޑުވެފައެވެ.
އެއްރޭ އަންހެން ކުއްޖާ އެގެއަށް ގޮސް އުޅެނިކޮށް ހުއްޓުވާފައި ސުވާލުކުރިއެވެ. "އަހަރެންގެ ދަރިފުޅު ކަލެޢާއި ކައިވެނިކުރަން އެއުޅެނީ ކަލޭގެ ރީތިކަމަށް ބަލައިގެން ހެއްޔެވެ؟" ޖަވާބުގައި އަންހެން ކުއްޖާ ބުންޏެވެ. "އެއްވެސް މީހަކު ހަމައެކަނި އަނެކާގެ ރީތިކަމަށް ބަލައިގެން ކައިވެންޏެއް ނުކުރާނެއެވެ. ކައިވެނިކުރާނީ އޭނާ ރުހޭ އެހެން ސިފަތަކެއްވެސް ހުރިނަމައެވެ. ވީމާ ކަލޭގެ ދަރިފުޅު އަހުރެންނާއި ކައިވެނިކުރަން އެއުޅެނީ ހަމައެކަނި އަހުރެންގެ ރީތިކަމަށް ބަލައިގެން ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ދެން ަބއްޕަ ސުވާލުކުރީ އެހެންވީއިރު ކަލޭ އަހުރެންގެ ދަރިފުޅާއި ކައިވެނިކުރަން ތިއައުޅެނީ ކޮންކަމަކަށް ބަލައިގެންހެއްޔެވެ؟ ޖެހިލުމެއް ނެތި އަންހެން ކުއްޖާ ޖަވާބުދިނެވެ. "ކަލޭގެ އަތުގައި ހުރި ފައިށާތައް ގިނަކަމުންނެވެ." ބައްޕައަށް ލިބުނީ ޝޮކެކެވެ. ބުންޏެވެ. "އެހެންވީމާ ކަލޭގެ ބޭނުމަކީ ހަމައެކަނި އަހުރެންގެ އަތުގައި ހުރި ފައިސާތައް ނޫންހެއްޔެވެ؟"
ޖަވާބުގައި އަންހެންކުއްޖާ ބުންޏެވެ. "ނިކަން މިގޮތަށް ވިސްނަބަލާށެވެ! ކަލެއަކީ ފަޤީރެކެވެ. ކަލޭގެ ހުރީ އަންހެން ދަރިއެކެވެ. ދުނިޔޭގައި ތަނަވަސްކަން ލިބި އުފަލުގައި ދިރިއުޅެން އޭނާ ބޭނުންނުވާނެ ހެއްޔެވެ؟ ބޭނުންވާނެކަން ޔަޤީނެވެ. އަދި ދަރިފުޅަށްޓަކައި އެކަމަށް (ދަރިފުޅަށް އެކަން ލިބުމަށް) ކަލޭވެސް އެދޭނެއެވެ. ނުއެދޭނަން ހެއްޔެވެ؟ އެހެންކަމަށްވާއިރު އަހުރެން މިއަދު ފަޤީރަކަށް ހުރެ ހަމަ ކަލޭގެ އަންހެންދަރިފުޅުވެސް އެދޭނެ، އަދި އެކަން ދަރިފުޅަށް ލިބުމަށް ކަލޭވެސް އެދޭނެ ކަންތަކަށް އެދޭތީ ކަންބޮޑުވުމަކީ އިންޞާފެއް ހެއްޔެވެ؟"
ބައްޕައަށް ލިބުނު ސިހުން އިތުރަށް ބޮޑުވިއެވެ. ވިސްނާލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ބައްޕަ ބުންޏެވެ. "އިމްތިޙާނުން ކަލޭ ފާސްވެއްޖެއެވެ. ފުރަތަމަ ކަމަކަށް ތެދުހަދައިފިއެވެ. ދެވަނަ ކަމަކަށް ތިއަދެއްކި ވާހަކަތަކުން ކަލެއަކީ ވިސްނުން ތޫނު ތެދު ތޫނިފިލި، ޘާބިތުވާންކެރޭ ކުއްޖެއްކަން ދައްކައިދީފީމުއެވެ. އަވަހަށް ކައިވެނިކުރާށެވެ! އެއްވެސް ހުރަހެއް ނެތެވެ!"
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކަކޮޅެކެވެ. މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅާލަން ބޭނުންވީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. އެބައްޕަ އެކުރި ސުވާލަށް އެގޮތަށް (ކައިވެނިކުރަން މިއުޅެނީ ތަނަވަސްކަން ލިބި އުފަލުގައި އުޅެން ބޭނުންވާތީ) ކަމަށް ބުނަން ކެރޭނީ ކިތައް އަންހެން ކުދިންނަށް ހެއްޔެވެ؟
އަހުރެންނަށް ވިސްނޭ ގޮތުގައި ހާހަކުން ކުއްޖަކު ނޫނީ އެގޮތަށް ތެދުބަހުން ޖަވާބެއް ނުދޭނެއެވެ. ހަދާނީ ބޮޑު ދޮގެކެވެ. ބުނާނީ މިއުޅެނީ ތަނަވަސްކަމުގެ ބޭނުމުގައި ނޫންކަމަށާއި މިއުޅެނީ ހަމަ ލޯބިވާވަރު ބޮޑުކަމުން ކަމަށެވެ. ޤަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ކަންތައް ހިނގަމުން އަންނަ ގޮތެވެ.
އަހުރެން ބުނަން ބޭނުންވަނީ އެއްވެސް ކަމެއްގައި ދޮގުނުބުނާށެވެ! ތެދަށް ބުނާށެވެ! އެކަމުން ކުރާނެ ފައިދާ މާބޮޑުކަން މިވާހަކަކޮޅުންވެސް އެނގިގެންދާތީއެވެ.
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް