އަންހެނުންގެ ތެރޭގައިވެސް އަދި ފިރިހެނުންގެ ތެރޭގައިވެސް އެންމެން އެއްގޮތެއް ނުވާނެއެވެ. ކަންކަން ކުރާނީވެސް އެއް ގޮތަކަށް ނޫނެވެ. ވީމާ ކައިވެންޏަށްފަހުގައި ރަނގަޅަށް އުޅޭ ބައަކާއި ނުބައިކޮށް އުޅޭ ބައަކު ތިބޭނެއެވެ. ފިރިހެނުންގެ ތެރޭގައިވެސް އަދި އަންހެނުންގެ ތެރޭގައިވެސް ތިބޭނެއެވެ.
ވީމާ ދަރިއަކު ލިބުމުން އުފާވެރިކަން އިތުރުކޮށް އުފަލުގައި އުޅެން އެކަނިވެރި މައިންނަށްވާ ބައަކުވެސް ތިބޭނެއެވެ. ނަމަވެސް ގިނައީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ކައިވެނި ރޫޅުމުން ވަރަށް ދަތި ޙާލުގައި ދިރިއުޅެމުންދާ އެކަނިވެރިމައިންނެވެ.
ބިދޭސީ ކައިވެނިތައް އިތުރުވަމުން އަންނައިރު އެއިގެތެރޭގައި ފިރިމީހާ ގާތުން ގަދަކަމުން ވަރިވެގެން ބިދޭސީންނާއި ކައިވެނިކުރާ އަންހެނުން ތިބެއެވެ. ހަމައެއާއިއެކު ކުރީގެ ކައިވެނީގައި ކަންކަން ދިމާވިގޮތުން ބިދޭސީންނާއި ކައިވެނިކުރާ ބައަކުވެސް އުޅެއެވެ. ބިދޭސީންނާއި ކައިވެނިކުރުމުން އިތުރަށް ނިކަމެތިކަން ލިބޭ ބައަކުވެސް އުޅެއެވެ. އެއީވެސް މަދު ބައެއް ނޫނެވެ. ވީމާ ދޭސީ، ބިދޭސީއަކީ މައްސަލައަށް އޮތް ޙައްލެއްވެސް ނޫނެވެ.
ވަރިކުރުމަށް އިސްލާމް ދީނުގައި އޮތް ލުއިފަސޭހަކަން ނަހަމަގޮތުގައި ބޭނުންކުރުމުން ކުރިމަތިވާ މައްސަލަތައްވެސް މަދެއް ނޫނެވެ. ތިރީގައިވާ ސުވާލަށް ބައްލަވާށެވެ!
ސުވާލު:. އަޅުގަނޑަށް ވަރަށް ބޮޑުކަމެއް ޖެހިގެން މިއުޅެނީ، އަޅުގަނޑު ރުޅި އައިސްގެން އަންހެނުންނާ ދިމާއަށް ބުނެވިއްޖެ ތިހުރީ ވަރިކޮށްފައޭ، ނަމަވެސް އަޅުގަނޑުގެ ނިޔަތަކީ ވަރިކުރުމެއް ނޫން، މީގަ ވަރިވާނެތޯ؟
ޖަވާބު:. ވަރިވާނެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުލްލަތީފް
އޭނާއަށް އަނބިމީހާ ވަރިކޮށްލެވިފައި އެވަނީ ވިސްނައިވެސް ނުލައެވެ. ދީނުގައި އޭނާއަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ނަހަމަގޮތުގައި ހިފުނީއެވެ.
ދެން އޮތީ ބައެއް އަނބިންގެ މައްސަލައެވެ. ފިރިމީހާ އާއިމެދު ހިތްހަމަނުޖެހޭއިރަށް އެހެން މީހަކު ދައްކާ ހުވަފެންތަކަށް ހެއްލެވި ގަދަކަމުން ވަރިވާ އަންހެނުންވެސް އުޅެއެވެ. ޙަޤީޤަތް އެނގޭއިރު ޢޭނާގެ ނުބައިކަން އޮންނަނީ މާބޮޑުވެފައެވެ.
ކަންކަން މިހެން ހުރުމުން ވަރިކުރުމާއި ވަރިވުމަކީ ޒިންމާދާރު ގޮތުގައި ކުރާ ކަމަކަށް ހަދަން އެބަޖެހެއެވެ. ކުރިމަތިވަމުން މިއަންނަ މައްސަލަތަކަށް ޙައްލެއް ހޯދޭނީ ފިރިހެނުންވެސް އަދި އަންހެނުންވެސް ޒިންމާދާރު ބައަކަށްވާން މަސައްކަތްކޮށްގެންނެވެ.