ވަރަށް ގިނައިން ހަނދާންކޮށްދެވޭކަމެއް މިރޭވެސް ހަނދުމަކޮށްލައިދޭނަމެވެ. ކައިވެންޏަށްފަހު ވަރިބަސް ރަދީފުންވެސް ފުހެލާށެވެ. އެބަސް އެއްގޮތަކަށްވެސް ނުބުނަން މަސައްކަތްކުރާށެވެ. ދެކެވޭ ވާހަކައެއްގައިވެސް ވަރިކުރުމުގެ ވާހަކަނުދައްކާށެވެ.
ޙާލަތު ދިމާވާގޮތަކުން ވަރިކުރަން ޖެހިދާނެ ވާހަކަބުނަން ބޭނުންވިނަމަވެސް އެހެން ޢިބާރާތަކުން އެވާހަކަ ބުނާށެވެ. ދެމީހުން ދުރުވާންޖެހިދާނެ ކަމަށް ފަދަ ޢިބާރާތެއް ބޭނުންކުރާށެވެ. ޚާއްޞަކޮށް ރުޅިމަތީގައި ވަރިބަސް އެއްގޮތަކަށްވެސް ބޭނުންނުކުރާށެވެ. ދޫކަސިޔާރުވެގެންނަމަވެސް ވަރިބަސްބުނެވޭ ގޮތަކުން ކައިވެނި ރޫޅިގެން ހިނގައިދާނެތީއެވެ. އެއިރުން މުޅި ޢުމުރަށް ހިތާމަކުރަންޖެހިދާނެތީއެވެ.
ގިނަ އަންހެނުންނަކީ 2 ފަށްވާންވެސް ބޭނުންވާނެ ބައެއް ނޫނެވެ. ވީމާ އަލުން ގުޅެން ބޭނުންނުވާނެ އަންހެނުން ވަރަށް ގިނަވާނެއެވެ. ވީމާ ކަމެއް ދިމާވާއިރަށް ވަރިއާއި ނުއަޅުވާށެވެ! ވަރިބަސްވެސް ނުބުނާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައި އެވަނީ ވިސްނާނުލައި ވަރިބަސްބުނެވުނު މީހަކު ކަންބޮޑުވެެގންހުރެ ކޮށްފައިވާ ސުވާލަކާއި ޖަވާބެވެ. އެޙާލަތު އޭނާއަށް ކުރިމަތިވީ މަތީގައި ބުނެވުނު ގޮތަށް ކަންތައް ނުކުރެވުމުންނެވެ.
ސުވާލު:. އަޅުގަނޑު ވަރަށް ބޮޑު ކަމެއް ޖެހިގެން! މިއުޅެނީ އަޅުގަނޑު ރުޅިއައިސްގެން އަންހެނުންނާ ދިމާއަށް ބުނެވިއްޖެ ތިއަހުރީ ވަރިކޮށްފައޭ! ނަމަވެސް އަޅުގަނޑުގެ ނިޔަތަކީ ވަރި ކުރުމެއްނޫން! މީގެ ވަރި ވާނެތޯ؟
ޖަވާބު:. ވަރިވާނެ.
(ރުޅިއަންނައިރަށް ވަރިބަސް ނުބުނާށެވެ! ވަރިކުރެވިއްޖެނަމަ ވާނީ ވަރިއަކަށެވެ. ކޯޓުގައި ވަރި ރަޖިސްޓްރީކުރަންވެސް ޖެހޭނެއެވެ. ނޫންނަމަ 3 ފަށްވެގެން ޖެހޭ މައްސަލަތައް ޙައްލެއް ނުކުރެވޭނެއެވެ.
ޝަރުޠު ހަމަވާނަމަ އަމިއްލައަށް ރުޖޫޢަކުރެވިދާނެއެވެ. އަމިއްލައަށް ރުޖޫޢަ ކުރިޔަސް ކޯޓުން ނިންމަންޖެހޭ ކަންކަން ނިންމަން ޖެހޭނެއެވެ. ނޫންނަމަ ކުރިން މިބުނިފަދައިން ފަހުން ނުކުންނަ މައްސަލަތައް ބައިވަރު ހުންނާނެއެވެ.
(ޑރ. އިޔާޟްގެ ކުރީގެ ޖަވާބުތަކުން)
އިތުރު ސުވާލެއް:
ސުވާލު:. އަންހެން ކުއްޖަކަށް ފިރިހެން ކުއްޖަކާ ފްރެންޑެއްގެ ގޮތުން ވާހަކަދެއްކުމަކީ
ކޮންކަހަލަ ކަމެއް؟
ޖަވާބު:. ދެމީހުން ދައްކާވާހަކަ އެނގޭ ހިސާބުގައި އެހެންމީހަކު ހުންނަން ވާނެ.
ޖަވާބު ދެއްވި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް