ކުރާ ހެޔޮޢަމަލުތައް ޤަބޫލުފުޅު ނުކުރައްވަވާ އަދި ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާ ސަބަބު ނައްތާލަން ފުރަތަމަކަމަކަށް ކުރަންޖެހޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކުރާ ހެޔޮޢަމަލުތައް ޤަބޫލުފުޅު ނުކުރައްވަވާ އަދި ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާ ސަބަބު ނައްތާލަން ފުރަތަމަކަމަކަށް ކުރަންޖެހޭ ކަންތައް!

ކޮންމެ އަޅުކަމެއްވެސް ޤަބޫލުފުޅުކުރައްވަވާނީ އިޚްލާޞްތެރިކަން ކުރިއަށް ނެރެގެން އެކަމެއް ކުރުމުންނެވެ. ނަމަވެސް ގިނަ ބައަކަށް މިއުޅެނީ އިޚްލާޞްތެރިކަމާއި ދިމާއަށް މިސްރާބު ނުޖެހިގެންނެވެ. މިސްރާބުޖެހުނަސް ކަސިޔާރުވާތީއެވެ. ދެން އޮތީ ކުރާ ދުޢާ ޢިޖާބަކުރެއްވެވުމެވެ. މިދެކަންތައްވެސް ގޮސް ތާށިވަނީ އެއްދިމާއެއްގައެވެ. އެއްގުނަވަނެއްގައެވެ. އެހެންކަމުން މިރޭ ދައްކަން މަސައްކަތްމިކުރަނީ އެގުނަވަނުގެ ޥާހަކައެވެ.  

ކޮންމެ މުސްލިމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭނެ މީހެކެވެ. ﷲ ތަޢާލާ އަންގަވާފައި އޮތީވެސް ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދިގެން މަސައްކަތްކުރުމަށެވެ. ވީމާ މުސްލިމުންނަކީ އެއްވެސް ޙާލެއްގައި ދުނިޔެ ދޫކޮށްލަންޖެހޭ ބައެއް ނޫނެވެ. ހަމައެކަނި ވިސްނަންޖެހޭ ކަމަކީ ދުނިޔެ އެދިގެން މަސައްކަތްކުރުމުގައި ޢާޚިރަތް ގެއްލިގެން ހިނގައިދާނެ ކަމެއް ނުކުރުމެވެ.  

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކީ އެމީހާ ކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވައިފާނެތީއެވެ. އެންމެ ދެރަވާނީ ކުރާ ދުޢާ ޢިޖާބަ ނުކުރެއްވެވުމުންނެވެ. މިދެކަންތައްވެސް ގުޅިފައިވަނީ އަހަރެމެންގެ ހިތާއިއެވެ. ހިތުގެ ނުތާހިރުކަމާއިއެވެ. ވީމާ ކޮންމެ މީހަކަށްވެސް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އެމީހާގެ ހިތް ޠޯހިރު ކުރުމެވެ.  

މައްސަލަތައް އުފެދެނީ ހިތުގައި ﷲ ތަޢާލާއަށް ދޭންޖެހޭ ޤަދަރާއި މަތިވެރިކަން ނުދެވޭތީއެވެ. ނުވަތަ ކުޑަކުރެވުމުންނެވެ. އެހެންކަންތައްތަކަށް ދެވޭ ޖާގަބޮޑުވާތީއެވެ. ވީމާ ފުރަތަމަކަމަކަށްވެސް ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާއަށް ލޯބިވުމާއި އެކަލާނގެއަށް ބިރުވެތިވުމުން ހިތް އެކުގައި ފުރައިލުމުންނެވެ. ހިތް މިބުނިފަދައިން ފުރައިލެވިއްޖެ މީހަކަށް އެމީހާ ބޭނުންވާ ހުރިހާ ކަންކަން ދާނީ ޙާޞިލްވަމުންނެވެ. ވީމާ މިބުނާމަގުން ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ތިބާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަންޖެހޭ ލޯބިކުޑަވާ، ނުވަތަ ކުޑަކުރުވާ ހުރިހާ ކަމުން ތިބާގެ ހިތް ޠޯހިރުކުރުވުމެވެ.

ﷲ ތަޢާލާގެ މަގުގައި ތިބާ ކުރިއަށް ދިއުމަށް ކުރަން ބޭނުންވާ ކަންކަމަށް އެއްވެސް ހުރަހެއް އެޅޭކަމެއް އޮތްނަމަ ފުރަތަމަ ކަމަކަށް އެހުރަސް ނައްތާލަން ތިބާއަށް ކުރެވެންހުރި ކަންކަން ކުރަން މަސައްކަތްކުރާށެވެ. އެހުރަހަކީ ތިބާއަށް ނައްތައިލެވެން ނެތް ހުރަހެއް ނަމަ ދެން އަވަސްވެގަންނަންވީ އެހުރަހަކުން ތިބާ ސަލާމަތްވުމަށެވެ.  

އެޅިފައިވާ ހުރަހަކީ ތިބާއަށް އެކަމެއްގެ މައްޗަށް ބާރު ހިންގޭނެ ކަމަކަށް ނުވާނަމަ ތިބާއަށް އެ ހުރަސް ނައްތައިނުލެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއިއެކު އިޚްލާޞްތެރިކަމާއިއެކުގައި މަސައްކަތްކުރުމުން ތިބާއަށް އެހުރަހުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ.  އިން ޝާ ﷲ  

ހިތަށް ގެންނަންވީ އެންމެ ކަމެކެވެ. އެއީ އެންމެ މުހިންމީ ﷲ ތަޢާލާ ކަމެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ތިމާއަށް ކާމިޔާބީއެއް ލިބުން އޮތީ ﷲ ތަޢާލާ ދެއްވެވުމުންކަމެވެ. ދުނިޔޭގައި ތިބި އެންމެންގެ ރުހުމާއި ތާއީދަށްވުރެ މުހިންމީ ﷲ ތަޢާލާގެ ރުހިވޮޑިގަތުންކަމެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރަންއޮތްކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަމެވެ.  

މިބަޔާންކުރިމަގުން ތިބާގެ ހިތުގެ ކަންކަން ތަރުތީބު ކުރުވިއްޖެނަމަ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. ދުނިޔެއާ އާޚިރަތްވެސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން