ޖިބްރީލްގެފާނުގެ ވަޞިއްޔަތްފުޅެއް!: ގެއެއްގަ އުޅުނަސް ފްލެޓެއްގަ އުޅުނަސް އަވަށްޓެރިންގެ ޙާލު ބަލަންޖެހޭނެ! އެއީ އާޚިރަތަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 29ސ
ޖިބްރީލްގެފާނުގެ ވަޞިއްޔަތްފުޅެއް!: ގެއެއްގަ އުޅުނަސް ފްލެޓެއްގަ އުޅުނަސް އަވަށްޓެރިންގެ ޙާލު ބަލަންޖެހޭނެ! އެއީ އާޚިރަތަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް!

މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ކާނެ އެތިކޮޅެއް ނެތިގެން ނުކައި ބަނދަށް ތިބެނީ މަދުބައަކަށްވެދާނެއެވެ. ނަމަވެސް ހަށިގަނޑަށް ފައިދާހުރި ގޮތަށް ކައިއުޅެވެނީވެސް މަދުބައަކަށެވެ. އެއީ ތަނަވަސްކަން ކުޑަކަމުންނެވެ. ވީމާ އަވަށްޓެރިޔާ އުޅެނީ ކޮން ޙާލެއްގައިކަން އެނގޭނީ ބަލާނަމައެވެ. 

މީގެ އިތުރުން ދަތިޙާލުގައި އުޅޭ އަވަށްޓެރިޔާއަށް ކާނެއެތިކޮޅެއް ދިއްކޮށްލެވޭނަމަ އެޢާއިލާގެ ކެއުމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވި އަތުގައި ހުންނަ މަދުފައިސާކޮޅު އެހެން ބޭނުންތަކަށް ބޭނުންކުރެވޭނެއެވެ. 

ކުއްޔަށް ފްލެޓް ހިފައިގެން އުޅޭ އެންމެންނަކީ އެއްފެންވަރުގެ ބައެއް ނޫނެވެ. ބޯހިޔާވަހިކަން ލިބޭނެ އެހެން ގޮތެއް ނެތުމުން މަޖުބޫރުވެގެންވެސް ކުއްޔަށް ހިފައިގެން އުޅޭ މީހުން ވަރަށް ގިނައެވެ. ވީމާ އަވަށްޓެރިޔާއަކީވެސް ކުލިދައްކައިގެން އުޅޭ މީހަކަށްވުމުން އޭނާއަކީ ތަނަވަސް މީހަކު ކަމަށް ނުނިންމާށެވެ. 

މިއަދު ދައްކަންވީ ހަމައެކަނި ޖެހިގެންހުރި ގެތަކުގައި އުޅޭ އަވަށްޓެރިންގެ ވާހަކައެއް ނޫނެވެ. ގެތައް މިއަދު ވަކިވެފައިވެފައިވަނީ ގޯއްޗަކުން އެކަންޏެއް ނޫނެވެ. ދެފްލެޓް މެދުގައި އިންނަ އިންފާރަކުންނެވެ. ދެބައިމީހުން ދިރިއުޅެނީ އެއް ފާރެއްގެ ދެފަރާތުގައެވެ. 

މިކަމަކީ ޖިބްރީލްގެފާނު މިހައި ވަރަށް ގަދައަޅުއްވަވައި ކުރެއްވެވި ވަޞިއްޔަތްފުޅެއްކަން ނުއެނގި ތިބެ ނަމަވެސް ދިވެހިންނަކީ ޒަމާނުންސުރެ މި ވަޞިއްޔަތްފުޅަށް އަމަލުކުރުމުގައި މިހައި ތަނަށް ލާމަސީލު ބައެކެވެ. ނަމަވެސް ދިރިއުޅުމަށް އައި ބަދަލުތަކާއިއެކު މިހާރު އެކަން އޮތީ އެގޮތަށް ކަމަށް ބުނުމުގެ ފުރުޞަތުކުޑައެވެ. ނަމަވެސް އެ ވަޞިއްޔަތްފުޅަށް ޢަމަލުކުރުމުގައި ދިވެހިންނަކީ މިހާރުވެސް ދުނިޔޭގެ ނިޞްބަތުން ކުރީގައި ތިބި ބައެއް ކަމަށް ބުނެވިދާނެއެވެ.  

ޖިބްރީލް ޢަލައިހިއްސަލާމްގެ ވަޞިއްޔަތް:

އޭ މާތް ﷲ ގެ މުއުމިނު އަޅުތަކުންނޭވެ! އަހަރެމެންގެ މައްޗަށް މި ޝަރީޢަތުގައި އޮތް ބަރަކާތްތެރިވެގެންވާ އެއް ނިޢުމަތަކީ މުއުމިނުންގެ ހިތްތައް އެކުވެރި ކުރައްވާ، ވަކިވަކިވެފައިވާ ހިތްތައް ޖަމާ ކުރެއްވުމެވެ. އެކަން އެގޮތަށް ހިންގެވުމަށްޓަކައި މާތް ﷲ ވަނީ ކަންކަން ޝަރުޢުކޮށްދެއްވައި އިންތަކާއި މިންތައް ބާވައިލައްވަވާފައެވެ. އެގޮތުން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް އޮތް ޙައްޤުތަކާއި، ވާޖިބުތައްވެސް ވަނީ ކަނޑައަޅުއްވާފައެވެ. އެކަންކަމުގެ ސަބަބުން ދޭދޭފަރުދުންގެ ދޭތެރޭގެ ޞުލްޙަވެރިކަން ބަދަހިވެ،ހިތްތައް އެކުވެރިވެ، ގާތްކަމާއި ރަޙުމަތްތެރިކަން އާލާވެގެންދިއުމަށް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގެތެރޭގައި އަވައްޓެރީންގެ ޙައްޤު ހިމެނެއެވެ. 

އޭ މުއުމިނުންނޭވެ! ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި އަވައްޓެރީންގެ ޙައްޤުތަކަކީ ޙައްޤެއްކަމުގައި ކަށަވަރުކުރައްވާފައި އެބަވެއެވެ. އެހެންކަމުން އެއީ އުވުމެއްނެތި، ހިންގަންޖެހޭ ކަންކަމުގެތެރެއިންވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ مُخْتَالًا فَخُورًا (36) سورة النساء

މާނައީ“ ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އަޅުކަންކުރުމުގައި އެއްވެސް އެއްޗެއް ބައިވެރި ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތާށެވެ. އަދި ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތްތިމާގެ އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
މިއާޔަތުގައި ދުރު ކައިރި އަދި މުސްލިމް ކާފަރު ؛ ހުރިހާ ވައްތަރެއްގެ އަވައްޓެރީންނަށް ޙައްޤުތަކެއްވާކަމުގައި ވަޞިއްޔަތްކުރައްވާފައި އެބަވެއެވެ. 

އެގޮތުން ސަލާމާ ޞަލަވާތްލެއްވި ރަސޫލާގެ އަރިހުންވެސް ޙަދީޘްފުޅުތައް ވާރިދުވެފައި ވެއެވެ. “ مَا زَالَ يُوصِينِي جِبْرِيلُ بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُއަވައްޓެރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ތިމަންކަލޭގެފާނުގެ އަރިހުގައި ޖިބްރީލުގެފާނު ވިދާޅުވާލެއްގިނަކަމުންގޮސް އެމީހުންނަކީ ވާރުތަމުދަލުގައިވެސް ހިމެނިގެންދާނޭ ބައެއްކަމުގައި ހީފުޅުކުރެއްވެއެވެ.“ އަވައްޓެރިންގެ ޙައްޤުގެ ބޮޑުކަން މިޙަދީޘުންވެސް ވަރަށް ރަނގަޅަށް ދޭހަވެގެން އެބަދެއެވެ. 

- ސަލަފް.އެމްވީ

 

މިއަދު އޮންލައިން