ދެމަފިރިން އެކުގައި އުޅެންފަށާއިރު އެއްވެސް ކަމަކަށްނުވާ ކުދިކުދި ަމއްސަލަތައްވެސް ފަހުން ނުވަތަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި މައްސަލަތަކަށްވެ ދެމަފިރިންގެ ގުޅުންކެނޑި ދުރުވާ ޙާލަތަށްވެސް ކަންކަން އެބަދެއެވެ. ވީމާ މިވާގޮތަކާއިމެދު ވިސްނާލަމާ ހިނގާށެވެ!
ދެމަފިރިން ނުހަނު ލޯބިން އެކުގައި އުޅެމުންދަނިކޮށްވެސް ބައެއް ފަހަރު ކުރިމަތިވާ ބައެއް ކަންކަން ބޮޑެތި މައްސަލަތަކަށްވެސް ބަދަލުވެއެވެ. މިފަދަ ޙާލަތެއް މެދުވެރިވެގެން ރަނގަޅަށް ބަލާއިރު އަޞްލު މައްސލައވެފައި އޮންނަނީ ވަރަށް ކުޑަކުޑަ މައްސަލައަކަށެވެ. އެކުޑަކުޑަކަމަކީ މާބޮޑު މައްސަލައެއް ކަމަށް ވިސްނައިދީގެންއުޅެނީ ޝައިޠޯނާކަމަށް އޮންނަނީ ވެފައެވެ. ވީމާ މިފަދަ ކަންކަން މެދުވެރިވާ ސަބަބާއިމެދު ތަންކޮޅެއް ބޮޑަށް ސަމާލުވާން އެބަޖެހެއެވެ.
ހަމަޖެހިލައިގެން އުފަލުގައި ދެމަފިރިނަ ދިރިއުޅެމުން ދަނިކޮށްވެސް ބައިވެރިޔާ ދެކެ ފޫހިވާން ފެށެއެވެ. ބައިވެރިޔާއަށް ނަފްރަތުކުރަން ފެށެއެވެ! އަދި ކުރެވޭ ބައެއް ކުދިކުދި ކުށްތައްވެސް އެއީ ވަރަށް ބޮޑެތި ކަންކަމުގައި ޤަބޫލުކުރެވެން ފަށައެވެ. އަދި އިސާހިތަކު ބައިވެރިޔާއަށް ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް ނެތްކަމަށް ވެސް ޤަބޫލުކުރެވެން ފަށައެވެ.
މިފަދަ ގޮތްތައް ގިނަ ފަހަރު މެދުވެރިވަނީ އެފަދަ ކަންކަން މެދުވެރިވާންޖެހޭ ފަދަ އެއްވެސް ސަބަބެއް ނުވެސް ނެތިއެވެ. ނަމަވެސް ހިތުގައި އުފެދޭ ނަފްރަތެއްގެ ސަބަބުން ކުދިކުދި ނަފްރަތުގެ ބަސްތައް ބުނެވެންފަށަނީއެވެ. އެކަން ބޮޑުވަމުން އައިސް ދުވަސްކޮޅަކުން އެކަން ބޮޑު ފިތުނައަކަށް ބަދަލުވެ ދެމަފިރިންނަށް އެކުގައި ދެން އިތުރަށް އުޅެވެން ނެތްކަމަށް ޤަބޫލުކުރެވޭ ޙާލަތަށްވެސް ކަންކަން ބަދަލުވެގެންދެއެވެ. އަދި ދެމަފިރިންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުން ނަފްރަތަށް ބަދަލުވެ ދެމަފިރިން ވަކިވާންވެސް ޖެހެނީއެވެ.
މިބާވަތުގެ އެއްވެސް ކަމެއް މެދުވެރިވާނަމަ ފުރަތަމަވެސް ވިސްނައިލަންވީ އެކަން އެފެށުނު ގޮތަކާއިމެދުގައެވެ. އެފަދަ ވިސްނުމެއް އަންނަން ފެށީ ކީއްވެގެން ކަމާއިމެދުގައެވެ. އެކަން މެދުވެރިވަނީ އެއްވެސް ޙަޤީޤީ ސަބަބެއް އޮވެގެން ކަމާއިމެދުގައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޝައިޠޯނާ އެންމެ އުފާ ކުރާ އެއް ކަމަކީ ކައިވެނި ރޫޅުމެވެ. ޚާއްޞަކޮށް ލޯބިން އެކުގައި ދިރިއުޅެމުން އަންނަ ދެމަފިރިއެއްގެ ކައިވެނި ރޫޅުވައިލެވިއްޖެ ނަމަ އެއީ ޝައިޠޯނާ އުފަލުން ޖާފަތް ބާއްވައި އެކަން ކުރުވި ޝައިޠޯނުންނަށް އިނާމުދީ ދަރަޖަވެސް މަތިވެރިކޮށްދޭ ކަމެކެވެ.
އެކަމުގެ ސަބަބުވެސް ވަރަށް ސާފެވެ. ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާކަމަކީ ވަރިކުރުމެވެ. ވީމާ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންކަން ވެގެންދާނީ ޝައިޠޯނާ އެންމެ ލޯބިކޮށް އުފާކުރާ ކަންތަކަށެވެ. ޝައިޠޯނުންނަށް ކުރެވޭ އެންމެ މޮޅު ކަމަކީ ދެމަފިރިންގެ މެދުގައި ފިޠުނަ އުފެއްދުމާއި ކައިވެނި ރޫޅުވުން ކަމަށް އިބިލީހުގެ ކުރިމަތީގައިވަނީ އެ ސަބަބަށްޓަކައެވެ.
ހަމަ އެއާއިއެކު ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވައި ވަރިކުރުވަން މަސައްކަތްކުރާ އެކަމަށް ހިތްވަރުދޭ އިންސާނުންވެސް މަދެއް ނޫނެވެ. އެމީހުންނަކީ އިންސާނުންގެ ތެރޭގައި ތިބި ނަމަވެސް އިބިލީހުގެ ބައިވެރިންނެވެ. ލޮލަށް ނުފެންނަ ޝައިޠޯނުންނަށްވުރެ އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠޯނުންގެ ބައިވެރިންގެ ނުރައްކައުތެރިކަން މިކަމުގައިވެސް މާބޮޑެވެ!
ދެމަފިރިން ވަރިކުރުވަން ޝައިޠޯނާ އެހައިވަރަށް ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ފާހިޝް އަމަލުތައް ކުރުވަން މަގުފަހިކުރުވުމެވެ. ރައްޓެހިންތައް ގިނަ ކުރުވައިގެން ﷲ ތަޢާލާއަށް އުރެދި ނަހީކުރެއްވެވިކަންކަން ކުރުވަން މަގުފަހިކުރުވުމެވެ! މިއީ މިކަމުގައި މުޅި ދުނިޔެ ދެކެމުންދާ ޙަޤީޤަތެވެ. ކުރަމުން އަންނަ ތަޖުރިބާއެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޒަވާޖީ ޙަޔާތުގައި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމެއް ޙައްލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ބައިވެރިޔާގެ ކިބައިން ކުށެއް ފެނުނު ނަމަވެސް އެކަމަކަށް ދެމަފިރިން އަވަހަށް ވަގުތުން މަޝްވަރާކުރާށެވެ! ނުބުނެ ހިނދުކޮޅަކަށް ވެސް ސިއްރު ނުކުރާށެވެ! އެހެނީ އެއީ ޤަޞްދުގައި ކުރި ކުށަކަށް ނުވެދާނެއެވެ. ވީމާ މަޝްވަރާކުރުމުން އެކަން ތަކުރާރުވުމުގެ ފުރުޞަތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ!
އަދި ކީއްހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލތައް ޙައްލުކޮށް ލޯބިން އެކުގައި ދިރިއުޅެން މަސައްކަތްކުރާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. ރަހްމަތް އޮހެމުންދާ ގޮތް ނުވެސް އެނގޭނެއެވެ! އުފާވެރިކަން އިތުރުވާ މިންވަރު އިޙްޞާޞްވެސް ނުކުރެވޭނެއެވެ!
މި މައޟޫއަށް މީގެ ކުރިންވެސް ތަފާތު ދަރުސްތައް ދެވިފައިވާނެއެވެ! އެއީ މިކަމަކީ މުޅި އިންސާނިއްޔަތާއި ގުޅި ލާމެހިފައިވާ ކަމަކަށްވުމުން މިކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ! މުޖުތަމައުތަކަށް ކުރިއަރައި ދެވޭނީ ޢާއިލީ ގުޅުންތައް ބަދަހިވެ ލޯބި އިތުރުވީވަރަކުން ކަމަށްވާތީއެވެ. ދަރިންނަށް ބައްޕަ އާއި މަންމަގެ ފުރިހަމަ ލޯބި ދެވެން އޮތް މަގަކީވެސް މިއީ ކަމަށްވާތީއެވެ!
ދެމަފިރިން އެކުގައި ތިބޭއިރުވެސް ފުރިހަމަ ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވިގެންއުޅޭއިރު ވަކިން ތިބެގެން އެކަން ކުރެވޭނެ މިންވަރާއިމެދު ވިސްނައިލާށެވެ! ވީމާ ދަރިންގެ ޙަޔާތް ކަތިލާން ބޭނުން ނުވާނަމަ މިކަންކަމަށް ވިސްނާށެވެ!
އިސްލާމީ ތިލަފަތުގެ ދަރުސަކުން