ނަމާދު ތިބާގެ ކަންބޮޑުވުންތައް ފިލުވައިދޭނެ! ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި ހުންނަންޖެހުނަސް ނަމާދަށް ރައްކައުތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނަމާދު ތިބާގެ ކަންބޮޑުވުންތައް ފިލުވައިދޭނެ! ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި ހުންނަންޖެހުނަސް ނަމާދަށް ރައްކައުތެރިވާށެވެ!

ކުރިމަތިވާ ކަންކަމާއި ގުޅިގެން ތިމާގެ އެދުވަހުގެ ޠަބީޢަތް ނުވަތަ "މޫޑް" ގޯސްވުން ބަހަނާއަކަށް ދައްކައި ނަމާދު އަޅާމީހުން މަދެއް ނޫނެވެ. ކުރިމަތިވާ ކޮންމެ ޙާލަތެއް މިންވަރުކުރައްވަވަނީ ﷲ ތަޢާލާކަމާއި އެއީ އިމްތިޙާން ކުރެއްވެވުމެއްކަން ރަނގަޅަށް އެނގޭއިރުވެސްމެއެވެ. މިއީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެކެވެ. ސުވާލަކީ މޫޑް ރަނގަޅުވާނީ ނަމާދު ފަރުޟުކުރެއްވެވި ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންކަން ވެސް ހަމަ ނުއެނގެނީހެއްޔެވެ؟

އިންސާނުންގެ އެންމެ ބޮޑު ބަލިފައަކީ ކަންބޮޑުވެ މުޞީބާތްތައް ގިނަވާވަރަކަށް ﷲ ތަޢާލާ އާއި ދުރަށް ޖެހެވޭ ކަމެވެ. ﷲ ތަޢާލާގެ މަގުން ފޭވެވޭކަމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ދަތިތައް އިތުރުވާ ވަރަކަށް އެކަލާނގެ އާއި ކުތަންވުމަށެވެ. ނަމަވެސް އިންސާނުންނަށް މިވާގޮތަކީ ކިރިޔާ ދަތިކަމެއް ކުރިމަތިވި ނަމަވެސް ފުރަތަމަ ކަމަކަށް ހަނދުމަނެތިކޮށްލެވެނީ ﷲ ތަޢާލާއެވެ!

މީސްތަކުންނޭވެ! ތިމާއަށް ކުރިމަތިވެފައިވަނީ ކިތަންމެ ބޮޑު ހިތްދަތިކަމެއް އަދި ތަކްލީފެއް ނަމަވެސް "މޫޑް" ގޯސްނުކުރާށެވެ! ނަމާދާއި ދުރުހެލިވެ ﷲ ތަޢާލާގެމަތިން ހަނދުމަނެތިކޮށްނުލާށެވެ! ނަމާދާއި އެހެނިހެން އަޅުކަންމަތިން ހަނދުމަނެތިކޮށްނުލާށެވެ. ހާސްވެ ކަންބޮޑުވާވަރަކަށް އަތްތައް އުފުލާށެވެ! ދުޢާކުރާށެވެ! ޙާލަތު ބަދަލުކޮށްދެއްވެވުމަށް އެދޭށެވެ! ﷲ ތަޢާލާ ތިބާގެ ޙާލަތު އުފާވެރިކަމާ ހިނިތުންވުމަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ ބިރުވެތިވާށެވެ! އެދުވަހުގެ "މޫޑް" އާއި ގުޅުވައިގެން ނަމާދު އަޅާނަމަ އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއެއް ނޫނެވެ! އެކަމުގެ ސަބަބުން އެމީހާގެ މޫޑް ދުވަހަކުވެސް ރަނގަޅުނުވެދާނެ ކަމަށް ބިރުވެތިވާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެގެން ހުންނަ މީހަކު ދުވަހަކު ނަމާދު އަޅަން އެއްވެސް ބަހަނާއެއް ނުދައްކާނެއެވެ! ނަމާދުކުރާނެއެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން