މިދުނިޔޭގަ މަގުމައްޗަށް ވެއްޓުނަސް ތެދުވެވިދާނެ! ޞިރާޠުމަގު ހުރަސްކުރަން ލިބޭ ވަޤުތު ފައިކައްސާލައިފިނަމަ ވެއްޓޭނީ ނަރަކައަށް! ނުތެދުވެވޭނެތަނުގައި ފުށުންވެސް ނުޖެހެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
މިދުނިޔޭގަ މަގުމައްޗަށް ވެއްޓުނަސް ތެދުވެވިދާނެ! ޞިރާޠުމަގު ހުރަސްކުރަން ލިބޭ ވަޤުތު  ފައިކައްސާލައިފިނަމަ ވެއްޓޭނީ ނަރަކައަށް! ނުތެދުވެވޭނެތަނުގައި ފުށުންވެސް ނުޖެހެވޭނެ!

ޞިރާޠުމަގު ހުރަސްކުރުމުގެ ވާހަކަ ދައްކާއިރަށް ބައެއް މީހުންނަށް ވިސްނެނީ އެއީ ދުނިޔޭގައި މިހުންނަ މަގުތައް ފަދަ މަގެއް ކަމަށެވެ. ނަމަވެސް އެއީ މުޅިންތަފާތުމަގެކެވެ. އެމަގުގެ ޙަޤީޤަތް ދެނެވޮިގެންވަނީ ﷲ ތަޢާލާއެވެ. އެނގޭކަމަކީ ޞިރާޠުމަގު ހުރަސްކުރެވޭނީ ދުނިޔޭގައި ހުރެ އެކަމަށް ގަދައަޅައި މަސައްކަތްކުރި މީހަކަށް ކަމެވެ. ސީދާވެގެންވާ ތެދުމަގުގައި ޘާބިތުވި މީހަކަށް ކަމެވެ.

މި މައުޟޫއަށް ވާހަކަދައްކާއިރު ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ޤިޔާމަތްދުވަހު ނަރަކައިގެމަތިން ހުރަސްކުރަންޖެހޭ ޞިރާޠުމަގަކީ ހާދަހައިވާ ނުރައްކައުތެރިކަން ބޮޑުތަނެކެވެ. ނަރަކައަށް ނުވެއްޓި ސަލާމަތްވެވޭނީ ހާދަހައި މަދުމީސްކޮޅަކަށެވެ. އެމަދު މީސްކޮޅުގެ ތެރޭގައި ތިބާ ނުހިމެނި ފައިކައްސާލައިގެން ނަރަކައަށް ވެއްޓިއްޖެނަމަ ތިބާ ސަލާމްތަކުރެވޭނީ ކާކަށް ހެއްޔެވެ؟ އަދި ސަލާމަތްވާން ތިބާއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

ކޮންމެ މީހަކުވެސް ހިނގާނީ ފައިކައްސާލައިގެން ވެއްޓިދާނެތީ އެކަމަށް ވަރަށް ބޮޑަށް ބަލައިގެންނެވެ. އެއީ ވެއްޓިއްޖެ ނަމަ ލިބިދާނެ އަނިޔާއެއް ނުވަތަ އަނިޔާތައް ނުވެސް އެނގޭތީ އެކަމަށް ގަންނަ ބިރު ބޮޑުކަމުންނެވެ. ފައި ކައްސާލައިފާނެހެން ހީވާ އެއްވެސް ތަނަކުން ނުވެސް ހިނގާނެއެވެ. މަސައްކަތްކުރާނީ ކައިރިވެސްނުވެ ދުރުދުރުން ދާށެވެ!

ސުވާލަކީ ތިބާ ކުރާ ކަމެއްގެ ސަބަބުން ﷲ ތަޢާލާގެ މަގުން ފައިކައްސާލައިގެން ދިއުމުން ލިބިދާނެ ގެއްލުމަކާއިމެދު ވިސްނަމު ހެއްޔެވެ؟ ﷲ ތަޢާލާގެ މަގުން ފައިކައްސާލައި ވެއްޓުމުން ނުލިބޭނެ ގެއްލުމަކީ ކޮބައިހެއްޔެވެ؟ ﷲ ގެ މަގުން ފައިކައްސާލައިފިނަމަ ލިބޭނެ ގެއްލުން ކިހައި ބޮޑުވާނެކަމަށް ބިރުވެތިނުވާ މީހަކަށް ނަރަކައިން ސަލާމަތްވެވުމަކީ ފަސޭހަ ކަމެއްކަމަށް ހީނުކުރާށެވެ!

ފައިކައްސާލައިގެން ވެއްޓިދާނެކަމުގެ ބިރަށް އެކަމަށް ޝައްކުކުރެވޭ ތަނަކުން ނުހިނގާއިރު ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކުރެވިދާނެ ކަމަށް ހީކުރެވޭ ތަނަކާއިވެސް ކައިރިނުވާށެވެ! އަދި އެފަދަ ކަމަކާއިވެސް ކައރިނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުވުމަކީ އެއީއެވެ!

އެފަދަ ތަންތަނަށް ދިއުމަށާއި އެފަދަ ކަންކަން ކުރުމަށް ދަޢުވަތުވެސް ލިބޭނެއެވެ. ޝައިޠޯނާ އަބަދުވެސް ދާނީ އެފަދަ ދައުވަތުތައް ދެމުންނެވެ! ﷲ ތަޢާލާގެ މަގުން ކައްސާ ނުލައި ހުރެވޭނީ އެ ދައުވަތުތަކަށް ބީރުކަންފަތެއް ދިއުމުންނެވެ. އެދައުޥަތުތައް ޤަބޫލުނުކުރުމުންނެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާގެ މަގުން ފައި ކައްސާލައިފިނަމަ ވެއްޓޭނީ އެ ހޫނުކަން ގަދަ ނަރަކައިގެ އަލިފާނަށެވެ. މިއީ އަހުރެން ނުވަތަ އެހެންވެސް މީހަކު ބުނާ ބުނުމެއް ނޫނެވެ! ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ވަނީ އެކަމަށް ގަދަފަދަ އިންޒާރު ދެއްވަވައިފައެވެ.

ﷲ ތަޢާލާގެ މަގުން ފައިކައްސާލުމުގެ ވާހަކަ މިވަރަށް ދައްކަން މިޖެހުނީ އެކަމަށް ވިސްނައި ނުލައި ތިބެ ކުރެވޭ ކަންކަމުގެ ސަބަބަބުން ގިނަ ބައަކު ﷲ ތަޢާލާގެ މަގުން ކައްސާލަމުންދާތީއެވެ! އަމިއްލައަށް ނަރަކައަށް ވަންނަމުންދާތީއެވެ! އެކަމުގެ އާޚިރު ނަތީޖާއަކަށްވާނީ ނަރަކައަށް ވަންނަން ޖެހުން ކަމުގައި ޤުރުއާނުން އެނގެން އޮތުމުންނެވެ!

މީސްތަކުންނޭވެ! ކޮންމެ މީހަކުވެސް މިކަމުގައި ހޭލުންތެރިވާށެވެ! އަދި ފައިކައްސާލަމުންދާ އެކުވެރިންވެސް އެކަމުން ސަލާމަތްކުރަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާށެވެ! އެކަމުގެ ފައިދާ އެމީހަކަށް ދެ ދުނިޔޭގައިވެސް ކުރާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން