އަހުރެމެންގެ އީމާންކަން ބަލިކަށިވެ ޢަޤީދާއަށް އައިސްފައިވާ ބަދަލުގެ ސަބަބުން އަތަށްއަރާ ފައިސާ ނޫން އެއްޗެއް ނުފެންނަ މީހުން އަންނަނީ ގިނަވަމުންނެވެ. ފައިސާއަށް އަޅުކަންކުރުން ގިނަވެއްޖެކަމަށް އެބުނަނީ އެހެންވެގެންނެވެ. އެހެންވެ މިރޭ ފުރަތަމަ ކަމަކަށް މިކިޔައިދެނީ ވަރަށް ޢިބްރަތްތެރިވާހަކައެކެވެ.
މިކިޔައިދެނީ މާކުރީ ޒަމާނުގެ ވާހަކައެއް ނޫނެވެ. ހާމަ ދާދިފަހުގެ ވާހަކައެކެވެ. އޭނާއަށް ބޭނުންވި ދުވަހު ނަމާދާއި ޤުރްޢާން އަދި ދުޢާ، އެކުގައި އޭނާއާއި ބައްދަލުކޮށް އޭނާގެ މައްސލަ ވަގުތުން ޙައްލުވެގެން ދިއަ ކަމުގެ ވާހަކައެވެ.
މިހާދިސާގައި ނަމާދުގެ ދައުރަކީ ފަތިސްވެ އޭނާއަށް އިމާމްވެ ނަމާދުކުރަން ފުރުޞަތު ލިބުމެވެ. ޤުރްއާންގެ އަޑު އިއްވައިލުމުގެ ފުރުޞަތު އޭނާއަށް އެ ލިބުނީ އަޑުހަރުކޮށް ކިޔަވާ ނަމާދަކަށްވުމުންނެވެ. އޭނާ ކުރި ކަމަކީ ކޮންމެ ކަމެއްގައިވެސް އަބަދުވެސް ދުޢާކުރާފަދައިން ދުޢާކުރުމެވެ. އެ ހިސާބުން އެންމެ ގަދަ 3 ބާރު އެކު ﷲ ތަޢާލާ މަތިވެރިކުރީއެވެ! ރަނގަޅަށް ވިސްނައިގެން ތިބެ އަޑުއަހާށެވެ!
ސައުދީގައި ކިޔެވި މިޞުރުގެ ދަރިވަރެކެވެ. ﷲ ތައާލަ އޭނާއަށް ދެއްވަވާފައިވަނީ ރަން އަޑެކެވެ. އެހެންކަމުން ޔުނިވަރސިޓީގައި ވަނީ ވަރަށް ގިނަ އެވޯޑްތައްވެސް ލިބިފައެވެ.
އޭނާއަކީ ފަޤީރު ދަރިވަރިވެރެކެވެ. އެނބުރި މިޞްރަށް ދާން ޓިކެޓެއް ދިނީވެސް ޔުނިވަރސިޓީންނެވެ. ފުރަންގޮސް ފުރތަމަ ގޭޓުންވެސް ކުރިމަތިވީ ވަރަށް ބޮޑު މައްސަލައެކެވެ. ދަބަސް ބަރުވެ 300 ރިޔާލަ ދައްކަން ޖެހުނީއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތްކަމާއި އޭނާއަކީ ސައުދީން ކިޔެވި ދަރިވަރެއް ކަމާއި ކިޔެވުން ނިންމައި އެނބުރިދަނީ ކަމާއި ބުރަނަމަވެސް ގެންދެވޭތޯ މަސައްކަތްކުރަނީ ދީނުގެ ފޮތްތައް ކަމަށްބުނެ ފޮތްތައް ދެއްކުމުން ވެސް އެންގީ ފައިސާ ދެއްކުމަށެވެ.
އޭނާ އިތުރަށް އާދޭސްކުރަން ފެށުމުން ސފައިން ގެނުވައި ބިރުދައްކައިގެން އޭނާ ކައުންޓަރުން ފޮނުވައިލީއެވެ. ސިފައިންގެ މީހާ ވެސް ބުނީ ފައިސާ ހިފައިގެން އަވަހަށް އައުމަށެވެ. "އިން ޝާ ﷲ" ބުނެފައި އޭނާ ދިއައީ އެވެ.
ދާނީ ކޮންތަނަކަށްހެއްޔެވެ؟ ލާރިއަށް އެދޭނީ ކާކުގެ ގާތުންހެއްޔެވެ؟ ދަންނަ މީހަކުވެސް ހުރި ތަނެއް ނޫނެވެ. އޭނާ އުންމީދު ކަނޑައެއް ނުލައެވެ. ދިއައީ އެއާޕޯޓް މިސްކިތަށެވެ. އެއިރު ފަތިސް ވަގުތުވަނީއެވެ. ކަންދިމާވިގޮތުން އިމާމަކަށް ނައުދެވުނެވެ. އެއިރު މިސްކިތުގައި އެފަދަ ފެންވަރެއް ހުރި މީހަކު ނެތިފައި އޭނާގެ ވަނަވަރު އެހީމާ އޭނާއަކީ ޙާފީޡެއްކަން އެނގުމުން ބަންގިގޮވާލައި ނަމާދުކޮށްލުން އޭނާ އާއި ޙަވާލުކުރިއެވެ.
ނަމާދު ނިމުނުތަނާ މީހަކު އައިސް އޭނާގެ ކިޔެވުމަށް ތަޢްރީފްކޮށް ވާހަކަދައްކައި ފުރަން އައިސް ގަޑިޖެހޭއިރުވެސް ޗެކިންވެސް ނުކޮށް މިސްކިތުގަ ހުރި ސަބަބު އޮޅުންފިލުވިއެވެ. އޭނާވެސް އޭނާގެ ވާހަކަ ކިޔައިދިނެވެ. ޗެކިން ނުކުރެވި ލަސްވެފައިވާ ސަބަބު ބުނެދިނެވެ.
އެހިސާބުން އެމީހާ އެދުނީ އޭނާ އާއިއެކު ދިއުމަށެވެ! އޭނާ ގޮވައިގެން ކައުންޓަރަށް ދިއުމުން އެންމެން ފުންމައިގެން ތެދުވެ ސަލާމްކުރިއެވެ. އޭނާ ޗެކިންގކޮށް ސީޓްވެސް އަޕްގްރޭޑްކޮށްދީ ނިންމައިދީ އޭނާ ފްލައިޓަށް ފުނުވާލުމަށްފަހު މުވައްޒިފުންނަށް ނަޞޭޙަތް ދިނެވެ!
"300 ރިޔާލައަކީ ސައުދީ ސަރުކާރަށް ކޮން އެއްޗެއް ހެއްޔެވެ؟ ނަމަވެސް އަތުގައި އެންމެ ރިޔާލައެއް ނެތް މީހަކަށް އެއީ ކިހައި ބޮޑު އެއްޗަކަށްވާނެ ހެއްޔެވެ؟ އޭނާގެ ފޮށިތަންމަތި ބަރުވެގެން ބައެއް ފޮތްތައް ދޫކޮށްލަން ޖެއްސި ނަމަ އޭނާގެ އަތުން ގެއްލިގެން އެދަނީ އުމުރު ދުވަހު ކުރި މަސައްކަތެވެ. ވީމާ ޤަވާއިދުތަކަށް ޢަމަލުކުރުމުގައިވެސް މީހާއަށާއި ޙާލަތަށް ރިޢާޔަތްކުރަންވާނެއެވެ.
މިސާލަކަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ހާލުގައި ފޮތްތައް ދޫކޮށްލަން ބޭނުން ނުވުމުން އޭނާ އެދިއައީ މިސްކިތަށެވެ! އޭނާ ﷲ ތަޢާލާއަށް ދުޢާ ދެންނެވީއެވެ. އެ ދުޢާ ވަގުތުން ޢިޖާވެގެން އެދިއައީއެވެ. އޭނާއަށް ﷲ ތަޢާލާ ދެއްވެވި ރިވެތި އަޑު ސަބަބަކަށްވެ އެކަމުގައި މެދުވެރިއަކަށް މިވެނުނީ އަހަރެންނަށެވެ! މިއީ ހަމަ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. ކީރިތި ޤުރްޢާނުގެ މަތިވެރިކަން އެނގިގެންދާ ދަލީލުތަކެވެ.
ވަރަށް ފަހުން ވެސް ޢިލްމްވެރިއަކު ވިދާޅުވި އަޑު އެހީމެވެ! ނަމާދުކޮށް ޤުރްއާނުން ވާގިއެދި އަދި ދުޢާކޮށް ދަންނަވާ މީހާ އެދޭ ހުރިހާ ކަންތައްތައްވެސް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެއެވެ. އިން ޝާ ﷲ. މިއަދު އަހަރެންގެ ލޮލަށް މިދެއްކެވީ އެބަހުގެ ތެދުކަމެވެ! ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާ މަތިވެރިވަންތަކަން ނިކަން ދެކި ބަލާށެވެ!
އެކްސަސް ދައްކަން އަތުގައި އެންމެ ރިޔާލައެއް ނެތިގެން ނުފުރުނު މީހަކު ހަމަ އެފްލައިޓުން ފުރައިގެން އެދިއައީ އެތަކެތި ހިފައިގެންނެވެ. އަދި އަތުން ރިޔާލަވެސް ހިފައިގެންނެވެ. (މާނައަކީ އޭނާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިން ކަމެވެ.) ވީމާ އެއްވެސް މީހަކާއިމެދު ހަރުކަށިވެ އަނިޔާވެރިނުވާށެވެ! ޙާލަތަށް ބަލައި މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދޭށެވެ!
ޙާޞިލްކުރަން އޮތް ޢިބްރަތަކީ ކޮންމެ ކަމަކަށް ބޭނމުންވިނަމަވެސް ނަމާދުކޮށް (ސުންނަތް ނަމާދުކުރުން ގިނަކޮށް ޤުރްއާން ކިޔަވައި ދުޢާކުރާނަމަ އެމީހަކަށް މަގެއް ދައްކަވާނެ ކަމެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން