އެކުވެރިންގެ ތެރޭގައިވެސް ތަފާތު މިޒާޖުގެ މީހުން ތިބޭނެކަން ދަންނަންވާނެއެވެ. ބައެއް މީހުންނަކީ އެމީހުންގެ އަމިއްލައެދުން ކުރިއަށް ނެރެގެން ކަންކަންކުރާ މީހުންނެވެ. އެފަދަ މީހުން އަނެކުންނާއިމެދުގައި ވިސްނައެއް ނުލާނެއެވެ.
ބުނަންހެއްޔެވެ؟ ތިބާގެ އަމިއްލަ ގޭގައި ކުރަން ހުންނަ ކަންކަން ކުރަން ހުރަސް އެޅޭގޮތަށް އެކަން އެގިހުރެ ތިބާ ލައްވައި ކަންކަން ކުރުވާނަމަ އެމީހަކީ ތިބާގެ ޙަޤީޤީ އެކުވެރިއެއްކަމަށް ނުބަލާށެވެ! އެފަދަ މީހުންނަކީ ތިބާގެ އަމިއްލަ ދިރިއުޅުމަށްވުރެ އެމީހެއްގެ ކަންކަން ކުރިއަށް ނެރޭ މީހެކެވެ. ވީމާ އެފަދަ މީހުންނާއިއެކުގައި ގާތްގުޅުން ނުބާއްވާށެވެ!
އެއިގެ ބަދަލުގައި ތިބާގެ ގޭގައި ކަމެއް ނުވެ ހުރިނަމަ އެކަމެއް ކޮށްދޭ ނުވަތަ ތިބާ އެކަންކުރަން ވާގިވެރިވެ، އެހތެރިވެ ހިތްވަރުދޭނަމަ އެމީހަކީ ތިބާއަށް ހެޔޮއެދޭ މީހެކެވެ. އެފަދަ މީހުން ވަރަށް މަދުވާނެއެވެ، އެކުވެރިންގެ ތެރޭގައި ތިބިނަމަ އެފަދަ މީހުންނާއި ގުޅުން ބަދަހިކުރާށެވެ!
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކައިވެނީގެ ޙަޔާތުގައި ޖެހޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ކައިވެނި ރޫޅޭ ޢަދަދުވެސް ދަނީ އިތުރުވަމުންނެވެ. މައިންބަފައިން ދުނިޔޭގައި ތިބެމެ މަރުވުމުން ނިކަމެތިވާ ދަރިންގެ އަދަދު ވެސް މިދަނީ އިތުރުވަމުންނެވެ.
މިރޭ މިފާހަގަކުރީ މިޙާލަތުގައި ވަރަށް ފުންކޮށް ވިސްނައިލަން ޖެހޭ މައްސަލައެކެވެ. އެހެނީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު އެއް ޒިންމާއަކީ އެމީހާގެ ޢާއިލީ ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމެވެ. ޢާއިލާއަށްޓަކައި ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމެވެ. ނަމަވެސް ބައެއް މީހުން އެކަން ދެކެނީ ދެވަނައަށް ނުވަތަ 3 ވަނައަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ.
މިހެން ބުނަން މިޖެހެނީ އެމީހާގެ ގޭގައި ކުރަންޖެހިފައި ހުންނަ ކަންކަން ނުކޮށް ގޮސް އެހެން މީހުންނަށް ކަންކަން ކޮށްދޭތީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ގޭގައި ކަމެއް ނުވެ ހުރުމުން އަނބިދަރިންނަށް ދަތިވާއިރު އެކަންކޮށް ނުދީ ގޮސް އެހެން މީހުންނަށް ކަންކަން ކޮށްދޭއިރު އެކަން އަނބިމީހާއަށް އެބަ އެނގެއެވެ. އެހާލަތުގައި ނިކަން ބުނެބަލާށެވެ! ތިބާއަކީ އަނބިމީހާ ނަމަ ހަމަ ރުހިގެން އަނގައިންވެސް ނުބުނެ ހުންނާނީ ހެއްޔެވެ؟ އެއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟
އެކަން އެގޮތަށް ކުރެވޭނެ އެއްވެސް އިންސާނަކު ހުރެދާނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ރުޅި އައިސް ޒުވާބު ނުކުރިނަމަވެސް ހަމަ އެކަކުވެސް މިފަދަ ކަންކަމަށް ރުހިގެނެއް ނުހުންނާނެއެވެ. ވީމާ ޢާއިލީ ދިރިއުޅުން މައްސަލަތަކުން ސަލާމަތްކުރަން ބޭނުން ނަމަ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން