ވައްކަންކުރުމަށް ދެވިހިފާފަ ހުރުމުން ތަންވަސް މީހަކާ ކައިވެނިކުރަން ލިބުނު ފުރުޞަތު ގެއްލި ހިތާމަކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ވައްކަންކުރުމަށް ދެވިހިފާފަ ހުރުމުން ތަންވަސް މީހަކާ ކައިވެނިކުރަން ލިބުނު ފުރުޞަތު ގެއްލި ހިތާމަކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

އޭނާގެ މަންމައަކީ ތަނަވަސް އަންހެނެކެވެ. ހުރީ އެންމެ ފިރިހެން ދަރިފުޅެކެވެ. ކައިވެނިކުރާ ޢުމުރަށް އެޅުމުން ކައިވެނިކުރުވަން ބޭނުންވީވެސް މަންމަ ހޯދި އަންހެނަކާއިއެވެ. 

ދަރިފުޅު އެކަމަށް ދެކޮޅެއް ނުހަދައެވެ. އެހެންވެ އެއަންހެންމީހާ އާއި ވާހަކަދައްކައި ގުޅުން ބަދަހިކުރަން ފެށިއެވެ. ގެއަށް ގެނެސްގެން ގެންގުޅެންވެސް ފެށިއެވެ. ނަމަވެސް އޭނާއަށް ކުރިމަތިވީ ކަންބޮޑުވާންޖެހޭ ކަމަކާއިއެވެ. އޭނާ ގެއަށް އަންނަ ދުވަސްދުވަހު ކޮޓަރީގައި ބަހައްޓާފައި ހުންނަ ފައިސާއިން މަދުވަނީއެވެ. ބައެއް ދުވަސްދުވަހު ވޮލެޓުންވެސް މަދުވެއެވެ. 

އޭނާގެ މަންމައަކީ އަންހެންމީހާ އާއިމެދު މިފަދަ ވާހަކައެއް ބުނި ނަމަވެސް ޤަބޫލުކުރާނެ މީހަކަށް ނުވާތީ އެކަމުގެ ހެކި ހޯދަން ކުރި މަސައްކަތުގެ ތެރެއިން އެއްރޭ އަންހެންމީހާ ގެއަށް ގެނުވީ ސިޓިންގ ރޫމްގައި ފައިސާތަކެއް ބަހައްޓައިފައެވެ. 

އޭނާ އައުމުން ފާޚާނާއަށް ދަނީ ކަމަށް ބުނެފައި ގޮސްފައި އައިސް ފައިސާ ގުނުމުން މަދުކަން ފާހަގަކުރެވުނެވެ. އެކަން ޔަޤީންކުރެވުމުން މަންމައަށް ގޮވައި ގެނެސްފައި އެވާހަކަ ދެއްކުމުން މަންމަ ޤަބޫލެއް ނުކުރިއެވެ. ބުނީ ދަރިފުޅަށް ޢަދަދު އޮޅިގެން އުޅެނީ ކަމަށެވެ. 

ދަރިފުޅު ވީޑިއޯ ކެމެރާގެ ފުޓޭޖް ފޯނުން ދެއްކުމުން އަންހެންމީހާ ވަރަށް ދެރަވެފައި މާފަށް އެދުނެވެ. އަދި އެކަން ކުރެވުނީ މަންމަ ބަލިވެއުޅޭތީ ފައިސާއަށް ބޭނުންވެގެންކަމަށްވެސް ބުންޏެވެ. 

އެއިރު މަންމަ ހުރީ ވަރަށް ރުޅިގަދަވެފައެވެ. މަންމަ ބުނީ ބުނީމާ ބުނާކަންކަން ކޮށްދޭއިރު ވައްކަންކުރީމާ އިތުބާރުގެއްލުނީ ކަމަށެވެ. އެހެންވީމާ ދަރިފުޅާއި ކައިވެނިކުރުން ނިމުނީ ކަމަށާއި ދެން އެގެއަށް ވަދެގެންވެސް ނުވާނެ ކަމަށެވެ. 

މިބާވަތުގެ ވާހަކައެއް މިއަދުނޫހުން އަޅުގަނޑު ވަނީ ކިޔާފައެވެ. އަޅުގަނޑުވެސް މިވާހަކަ ޙިއްޞާކޮށްލަން ބޭނުންވީ ވައްކަންކުރުން ޢާންމުވަމުން އަންނަވަރުންނެވެ. ކުރިން ވައްކަންކުރުމަކީ ފިރިހެނުން ކުރާ ކަމެއްކަމަށާއި ވަރަށް މަދު އަންހެނަކު ނޫނީ ނުކުރާ ކަމެއް ކަމަށް ބެލެވުނު ނަމަވެސް އެކަން މިއަދު މިވަނީ ބަދަލުވެފައެވެ. 

ފިރިހެނުން ވިޔަސް އަންހެނުންވިޔަސް ވައްކަންކުރުން ހުއްޓާލަން އެބަޖެހެއެވެ. އެކަމުން ލިބޭ ވަޤުތީ މަންފާއަކަށްވުރެ އެކަން ލިބޭ ގެއްލުން ދުނިޔޭގައިވެސް މާބޮޑުވީމައެވެ. މިސާލަކަށް އެއަންހެންމީހާ ވައްކަން ނުކުރިނަމަ ތަނަވަސް ފިރިއެއްގެ އަންތބަކަށް ވެވުނީހެވެ. އޭނާއަށްވެސް ތަނަވަސްކަން ލިބުނީހެވެ. ހުރިހާ ފުރުޞަތުތަކެއް ގެއްލިގެން އެދިއައީ ވައްކަންކުރުމުންނެވެ. 

އަޅުގަނޑުގެ ބޭބެއަށް ކައިވެނިކޮށްގެން ގެއަށް ގެނެވުނު އަނބިމީހާއަށް ގޭގައި ނުއުޅެވި ދާންޖެހުނީވެސް ވައްކަންކުރާތީއެވެ. ފަޅާއެރީމާ ގަތް ލަދުންނެވެ. ވީމާ މިއީ ހަމަ އެންމެންވެސް ވިސްނައި ދުރުހެލިވާންޖެހޭ ނުބައިކަން ބޮޑު ޢަމަލެކެވެ. 

ވައްކަންކުރުން މިހައިވަރަށް އިތުރުވަމުން މިދަނީ ލިބޭ މިންވަރަށްވުރެ މާމަތިން ދިރިއުޅެން ވިސްނާތީއެވެ. އަގުބޮޑު އެއްޗެއްސަށް ދަހިވެތިވެވޭތީއެވެ. އެކުވެރިން ގެންގުޅޭހައި އެއްޗެއް ތިމާވެސް ބޭނުންވާތީއެވެ. އެމީހަކަސް ލިބޭމިންވަރަކުން ފުއްދާލައިގެން ދިރިއުޅެން މަސައްކަތްކުރާނަމަ ވައްކަންކުރާކަށް ނުޖެހޭނެއެވެ. 

- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

މިއަދު އޮންލައިން