ކިތަންމެ ބޮޑަށް ތަޤްވާވެރިވާން މަސައްކަތްކުރި ނަމަވެސް ކޮންމެ މީހެއްގެވެސް އީމާންކަން ކޮންމެވެސް މިންވަރަކަށް ބަލިކަށިވާނެ ދުވަސްތައްވެސް ކުރިމަތިވާނެއެވެ. އެދުވަސްތަކުގައި ޢަމަލުކުރަން އޮތް ގޮތް މުސްލިމުންގެ ދެވަނަ ޚަލީފާ، ޢުމަރުގެފާނު ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.
ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިބާގެ އީމާންކަން ކުޑަވެގެންދާ ވަޤުތުގައިވެސް ރަތްރޮނގު ހުރަސް ނުކުރާށެވެ." މާނައަކީ ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކޮށްދޫކޮށްނުލާށެވެ. އަދި ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ އެއިރުން ތިމާގެ އީމާންކަން ވަރުގަދަވެގެންދާނެއެވެ. އަދި އީމާންކަން ވަރުގަދަވާ ދުވަސްތަކުގައި ޢަމަލުކުރާނެ ގޮތްވެސް ވަނީ ވިދާޅުވެދެއްވަވައިފައެވެ. "އެދުވަސްތަކުގައި ވީހާ ގިނައިން ސުންނަތް ޢަމަލުތައް ކުޜާށެވެ. އެއިރުން ތިބާގެ އެކައުންޓަށްދާނީ އިތުރުވަމުންނެވެ."
މެސެޖަކީ ޠަބީޢަތަށް އަންނަ ބަދަލެއްގެ ސަބަބުން ކަންނެތްވިޔަސް ފަރުޟުތައް އަދާކުރުންމަތީގައި ދެމިހުންނާށެވެ. ހިތްހަމަޖެއްސުމުގެ ބޭނުމުގައި އެއްވެސް ފާފައަކަށް އަރައިނުގަންނާށެވެ. ޢަމްދުން ފަރުޟް ފަސްނަމާދަށް ރައްކައުތެރިވާށެވެ. އެނޫން ފަރުޟްތައްވެސް އަދާކުރަމުން ގެންދާށެވެ. އެއިރުން ޠަބީޢަތް ބަދަލުވެ ގިނައިން އަޅުކަންކުރަން ޝައުޤުވެރިވެވޭނެއެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން