އަހުރެމެންނަކީ ހިތާމައެއް ކުރިމަތިވެދާނެތީވެސް ދެރައެއް ލިބިދާނެކަމަށްވެސް ބިރުގަންނަން ޖެހޭ ބައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
އަހުރެމެންނަކީ ހިތާމައެއް ކުރިމަތިވެދާނެތީވެސް ދެރައެއް ލިބިދާނެކަމަށްވެސް ބިރުގަންނަން ޖެހޭ ބައެއް ނޫން!

ހިތާމައެއް، ހިތްދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ނުވަތަ އެއްވެސް ދެރައެއް ލިބިދާނެކަމަށް ބިރުގަތުމަކީ މުސްލިމުންނަށް އޮތްކަމެއް ނޫނެވެ! އެހެނީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހާގެ މައްޗަށް އެއްވެސް ބިރެއް ނެތްކަމަށް އަދި އެއީ އެއްވެސް ހިތާމައެއް ކުރާނޭ ބައަކު ނޫންކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.   

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ! 

"އޭ އާދަމްގެދަރިންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް، ތިއަބައިމީހުންނަށް ކިޔައިދެއްވާ ރަސޫލުންތަކެއް، ތިއަބައިމީހުންގެ ތެރެއިން ތިއަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، ތަޤްވާ ވެރިވެ، އަދި (ޢަމަލު ތައް) އިޞްލާހްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބައަކު ކަމުގައިވެސް ނުމެވޭމެއެވެ." (އަލްއަޢްރާފް: 35) 

ﷲ ތަޢާލާ މިފަދައިން ވަޙިކުރައްވަވާފައި އޮތް ނަމަވެސް ބައެއް މީހުން ކަންކަމާއި ގުޅިގެން އެކިވަރަށް ހިތާމަކުރެއެވެ. ދެރަވެސް ވެއެވެ. ބިރުވެސް ގަނެއެވެ. އެފަދަ މީހުންނަށް ބުނަން އޮތީ އެއްވެސް މުސްލިމަކު އެއްވެސް ކަމަކާއިމެދު ބިރުގަންނަ ނަމަ ދެރަވާނަމަ ވެސް ފުރަތަމަ ކަމަކަށް ވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! ތައުބާވުން ގިނަކުރާށެވެ! ކުރީ ދުވަހަށްވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. 

އެހެނީ ތިބާއަކީ ހެޔޮ އަމަލުތައް ކުރުންމަތީގައި ހުރިނަމަ ތިބާއަކީ އެއްވެސް ހިތާމައެއް ކުރަންޖެހޭނެ، އެއްވެސް ކަމަކާއިމެދު ބިރުގަންނަން ޖެހޭނެ މީހަކު ނޫން ކަމަށެވެ.  

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ސުވަރުގެވަނީ ތައުބާވި މީހުންނަށް ކަމަށެވެ. އެއްވެސް ފާފައެއް ދުވަހަކުވެސް ނުކުރެވޭ މީހުންނަށް ކަމަށް އެންމެ އާޔަތެއްގައިވެސް ވަޙީ ކުރައްވަވާފައެއް ނުވެއެވެ. ވީއިރު ސުވާލަކީ ތިބާ ތައުބާވެއްޖައިން ހެއްޔެވެ؟ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވަމު ހެއްޔެވެ؟  

ކަމުގެ މުހިންމުކަން ބޮޑުކަމުން މި ވާހަކަ މިރޭވެސް ހަމަ ތަކުރާރުކޮށްލާނަމެވެ! "--- ޙަމްދުހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ---." ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ސުވަރުގެ ވެއްދެވުމުން މިފަދައިން ދަންނަވަން ފުރުޞަތު ލިބޭ އަޅުންގެތެރޭގައި ހިމެނޭތޯއެވެ! ވީމާ އެފަދަ މީހުންގެ ތެރެއިން ލެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! 

ހަމައެއާއިއެކު ބުނެލަން އޮތީ މިބަޔާތްކުރި އާޔަތުގައި އެވަނީ ވަކި ބައެއްގެ ވާހަކައެވެ. އެމީހުންގެ ތެރޭގައި ހިމެނުމަކީ އެމީހަކު ކުރަންޖެހޭނެ ކަމެކެވެ. އާޔަތުގައި އެވަނީ "އޭ އާދަމްގެދަރިންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް، ތިއަބައިމީހުންނަށް ކިޔައިދެއްވާ ރަސޫލުންތަކެއް، ތިއަބައިމީހުންގެ ތެރެއިން ތިއަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، ތަޤްވާ ވެރިވެ، އަދި (ޢަމަލު ތައް) އިޞްލާހްކޮށްފިމީހާ" އަށް އެއްވެސް ބިރެއް ނެތްކަމާއި އަދި އެމީހުންނަކީ ހިތާމަކުރާނޭ ބައަކު ކަމުގައިވެސް ނުވާނެކަމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން