ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކުރަން ބޭނުންވާނެ ސަޖިދައަކީ ކޮބައިކަން އެނގޭ ހެއްޔެވެ. އެއީ ޤިޔާމަތްދުވަހު މީސްތަކުން އެކުގައި ﷲ ތަޢާލާއަށް ކުރާ ސަޖިދައެވެ. އެސަޖިދަ ކުރެވިއްޖެމީހަކަށް ލިބިގެންދާނެ ހިތްހަމަޖެހުން މިއަދު އިޙްޞާޞްވެސް ނުކުރެވޭނެއެވެ. އަދި ނުކުރެވިއްޖެ މީހާ ކުރަންޖެހޭނެ ހިތާމަވެސް އިޙްޞާޞް އިޙްޞާޞެއް ނުކުރެވޭނެއެވެ. އަދި އެކަންކަން މިއަދު ދުލަކުން ބަޔާނެއްވެސް ނުކުރެވޭނެއެވެ.
ހިތާމައަކީ އެސަޖިދަ ކުރަން ގުދުވެސްވެނުލެވޭނެ ބައަކު ތިބޭނެ ކަމެވެ. އެމީހުންގެ މައިބަދަތައް ހަރުވެ އެންމެ ވަރުގަދަ ދަގަނޑުފަދައިންވެފައި ހުންނާނެތީއެވެ. ސުވާލަކީ އެޙާލަޖެހި ނިކަމެތިވެގެންދަނީ ކޮންބައެއް ހެއްޔެވެ؟ ޖަވާބަކީ އެއީ ދުނިޔޭގައި އެމީހުންނަށް ދެއްވެވި ފުރުޞަތުގައި ﷲ ތަޢާލާއަށް ސަޖިދަ ނުކުރި މީހުންނެވެ. ބަންގީގެ އަޑު އުވުނަސް ނުއިވޭކަމަށް ހަދާލާފައި ނަމާދުނުކުރި މީހުންނެވެ.
މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ﷲ ތަޢާލާއަށް ސަޖިދަކުރަން ބޭނުންވާނަމަ ދުނިޔޭގައި ސަޖިދަކުރާމީހަކަށްވާށެވެ. ވީހައި ގިނައިން ސަޖިދަކުރުމަށް ލޯބިކުރާ މީހަކަށްވާށެވެ. ފަރުޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތަކަށްވެސް ފަރުވާތެރިވާ މީހަކަށްވާށެވެ.
އަދި ކީއްހެއްޔެވެ؟ ސަޖިދައިގައި އޮންނަ ވަޤުތަކީ އެމީހާއަށް މުހިންމު ވަޤުތުކަމުގައި ހަދައި ފުރުޞަތުގެ ބޭނުންހިފަންވާނެއެވެ. ﷲ ތަޢާލާ މަތިވެރިކުރާށެވެ. އެއަށްފަހު އެމީހަކު ބޭނުންވާ ކަމެއްގެ ވާހަކަ ދަންނަވާށެވެ. ތިމާއަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭނެ ވަޤުތަކީ އެއީ ކަމުގައިވާތީއެވެ.
ވީމާ ސަޖިދައިގައި އޮންނަންލިބޭ ވަޤުތުކޮޅު ދުނިޔަވީ ވިސްނުންތަކުން ދުރުހެލިވާށެވެ. އެވަޤުތުކޮލޫ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަކޮށްލާށެވެ. އެމީހަކަށް ދެދުނިޔޭގައިވެސް އެކަމުގެ ފައިދާ ދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން