ޢާއިޝަތު ރަފާޙް ޢަލީ
އިބްނު ރަޖަބް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ޢިލްމުން މަންފާ ނުކުރާނެ މީހާގެ ކިބައިން ފެންނާނެ ސިފަތަކެއްވެއެވެ. އެގޮތުން ކިބުރުވެރިކަމާއި ފަޚްރުވެރިކަން ދެއްކުން ﷲ ތަޢާލާ ކިބުރުވެރިކަމުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާން ކޮށްދެއްވާފައިވެއެވެ. އަދި ކިބުރުވެރިކަމާއެކީގައި ބިމުގައި ހިނގާފައި ނޫޅުމަށް އަންގަވާފައިވެއެވެ.
އެގޮތުން ޢިލްމް ލިބި އެކަމަށް ބޮޑާވެ ކިބުރުވެރިވުމަކީ ރަނގަޅު ސިފައެއް ނޫނެވެ. ޢިލްމެއް ލިބިއްޖެނަމަ އެކަމަށް ރައްކާތެރިވެ އެހެން މީހުންނަށް އެކަން ފޯރުކޮށްދޭން ވާނެއެވެ. އަދި ﷲ ތަޢާލާ އެކަމެއް ނުކުރުމަށް ޤުރްއާނުގައި އަންގަވާފައިވާއިރުވެސް، ހިތާމައަކީ މިއަދުގެ މުޖުތަމަޢުގައިވެސް ފެންނަނީ ޢިލްމު ލިބުމުން ބޮޑާވެ ކިބުރުވެރިވާތަނެވެ.
ﷲ ތަޢާލާ އިސްރާ ސޫރަތުގެ 37 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا ﴿٣٧﴾
މާނައީ: "އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ. (37)"
މީގެ އިތުރުން އާދަމް ޢަލައިހިއްސަލާމް ޚަލްޤު ކުރެއްވުމަށްފަހު ﷲ ތަޢާލާ ސަޖިދަ ކުރެއްވުމަށް އެންގެވުމުން އިބިލީސް އާދަމްގެފާނަށް ސަޖިދަ ޖެހުމަށް އިންކާރުކުރިއެވެ. ނަމަވެސް އިބިލީސް ފިޔަވާ ހުރިހާ މަލާއިކަތުން ސަޖިދަ ޖެއްސެވިއެވެ.
ﷲ ތަޢާލާ ކަހްފް ސޫރަތުގެ 50 ވަނަ ޢާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ﴾
މާނައަކީ [ތިމަންއިލާހުގެ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އާދަމްގެފާނަށް ސަޖިދަކުރާށެވެ! ދެން އިބިލީސް މެނުވީ، އެ އެންމެހާ ބޭކަލުން ސަޖިދަ ކުރެއްވިއެވެ. އެ އިބިލީސް ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ރައްބުގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވީއެވެ."
އަޅުގަނޑުމެންނަށް ފިރްޢައުނުގެ ވާހަކައިންވެސް ބޮޑާކަމާއި ކިބުރުވެރިކަން ފެނިގެންދެއެވެ.