ކުރާ މަސައްކަތުގަ ކުރިއަށް ދިއުމަށާ އަޅުކަންކުރަންވެސް ކުރިމަތިވާ އެންމެ ބޮޑު މައްސަލައާ އެކަމަށް އޮތް ޙައްލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކުރާ މަސައްކަތުގަ ކުރިއަށް ދިއުމަށާ އަޅުކަންކުރަންވެސް ކުރިމަތިވާ އެންމެ ބޮޑު މައްސަލައާ އެކަމަށް އޮތް ޙައްލު-

އަންހެނަކު ކަމަށްވިޔަސް ފިރިހެނަކު ކަމަށްވިޔަސް ސިކުނޑިއަށް ހަމަޖެހުން ލިބިގެން އުފަލުގައި ދިރިއުޅެވޭނަމަ އެމީހަކު ދިރިއުޅެންކުރާ މަސައްކަތް ދާނީ ކުރިއަރަމުންނެވެ. ލިބޭ ފައިދާ  ބޮޑުވަމުންނެވެ. އަދި އެއިގެ އިތުރުން ކުރެވޭ އަޅުކަންވެސް ގިނަވާނެއެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުވެސް ކުރެވޭނެއެވެ. އިން ޝާ ﷲ 

ދެން ބަލައިލަންވީ ސިކުނޑިއަށް ހަމަޖެހުން ލިބިގެން އުފަލުގައި ދިރިއުޅެން އެންމެ ބޮޑަށް އުނދަގޫވެގެން މިއުޅޭ މައްސަލައަށެވެ. އަހުރެންނަށް ވިސްނޭ ގޮތުގައި ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ކައިވެންޏަށްފަހު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކެވެ. އެކަކު އަނެކަކަށް ކުރަންޖެހޭ އިތުބާރުވެސް ނުކުރެވޭ ކަމެވެ. ދެން ކަންކަން ވެދާނެ ގޮތަކަށް ފިކުރުކުރަންޖެހޭ ކަމެވެ. އަބަދުހެން ޝައްކެއްގެ މަތީގައި ތިބެންޖެހޭ ކަމެވެ. އެކަންކަމަށް އަބަދުހެން ވިސްނަން ޖެހުމެވެ. 

މިމައްސަލަ ޙައްލުކުރެވޭނީ ދެމީހުންވެސް އެކަމަށް ސަމާލުކަންދީގެންނެވެ. މިޘާލެއް ބުނެލާނަމެވެ. ކޮންމެ ޤައުމެއްގެ ރައްޔިތުންވެސް ބޭނުންވާނީ ހަމަޖެހިގެން އުފަލުގައި ދިރިއުޅޭށެވެ. މިހާރު މައްސަލަތައް އެންމެ ބޮޑުވެފައިވާ ޣާޒާގެ ރައްޔިތުންވެސް އެދޭނީ ހަމަ އެކަމަށެވެ. އެކަމަކު އެމީހުންގެ ބޮލަށް އަބަދު ބޮންއަޅަމުން ގެންދާއިރު ހަމަޖެހިގެން އުފަލުގައި ތިބެވޭނީ ކިހިނަކުންހެއްޔެވެ؟ ކަންބޮޑުވުމުން ސަލާމަތްވެ ތިބެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ދެމަފިރިންގެ ދިރިއުޅުމަށްވެސް ކުރިމަތިވަނީ ހަމަ މިފަދަ ގޮތެކެވެ. އެކަކު ހަމަ ބޭނުންހައި ގޮތަކަށް އުޅެނީއެވެ. ކުރަން ހިތަށްއެރިހައި ކަމެއް ކުރަނީއެވެ. އަނެކާއާއިމެދު ވިސްނައިވެސް ނުލައެވެ. އެޙާލަތުގައި ފިކުރުތައް ގިނަވެ ކަންބޮޑުވެފައި ހުންނަން ޖެހޭނީ ހަމައެކަނި އަނިޔާ ލިބޭ މީހާއަކަށް ނޫނެވެ. އަނިޔާކުރާ މީހާގެ ސިކުނޑިއަށްވެސް އޮންނާނީ ބާރު ބޮޑުވެފައެވެ. 

ދެމަފިރިން އެކުގައި އުޅެން ބޭނުންނުވާނަމަ ރިވެތިގޮތުގައި ދެމީހުން ވަކިވާށެވެ! އެކުގައި އުޅޭނަމަ ދެމީހުންގެ ސިކުނޑިއަށްވެސް ހަމަޖެހުން ލިބޭނެ ގޮތަށް އުޅޭށެވެ. ނޫންނަމަ ދިރިއުޅެން ކުރާ މަސައްކަތްތަކަށްވެސް ހުރަސްތައް ކުރިމަތިވާނެއެވެ. އަޅުކަންކުރަންވެސް ހުރަސްތައް ކުރިމަތިވާނެއެވެ. ނަތީޖާއެއްގެ ގޮތުން ގާތޫީ ދެމީހުންގެ ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެން ދިއުމެވެ. ވީމާ ދެމީހުންވެސް ވިސްނައި މިކަންކަމަށް ސަމާލުކަންދިނުން ވަރަށް މުހިންމެވެ. ސަމާލުކަންދީފިނަމަ ދުނިޔެއާއި އާޚިރަތުގައިވެސް އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން