ބައިވެރިޔާގެ ކިބައިން ތިމާ ހިތްހަމަނުޖެހޭ ކަމެއް ފެންނައިރަށް ރުޅިއިސްކުރުމާ ހަރުކަށި، ނުބައިބަސްތައް ބުނުމަކީ ﷲ އެމީހަކު ނިކަމެތިކުރައްވަވައިފާނެ ނުބައިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ބައިވެރިޔާގެ ކިބައިން ތިމާ ހިތްހަމަނުޖެހޭ ކަމެއް ފެންނައިރަށް ރުޅިއިސްކުރުމާ ހަރުކަށި، ނުބައިބަސްތައް ބުނުމަކީ ﷲ އެމީހަކު ނިކަމެތިކުރައްވަވައިފާނެ ނުބައިކަމެއް!

ބުނާ ބަހުގައިވެސް އަދި ކުރާ ޢަމަލުގައިވެސް ހަރުކަށިވުމަކީ އިސްލާމްދީނުގައި އޮތް ގޮތެއް ނޫނެވެ. ޙައްޤުބަސްބުނުމާއި ޙައްޤަށް ޙުކުމްކުރުމަކީ ހަރުކަށިވުމެއް ނޫނެވެ. އަދި މީހަކަށް ދޭންޖެހޭ ޙައްޤު އަދަބު ދިނުމަކީވެސް ހަރުކަށިވުމެއް ނޫނެވެ. އެހެނީ އެއީ އިސްލާމް ދީނަށް ޢަމަލުކުރުން ކަމުގައިވާތީއެވެ.

އެއިގެ ބަދަލުގައި ޙައްޤަށް ބަސްނުބުނުމާއި ޙައްޤަށް ޢަމަލުނުކުރުމާއި ޢަދުލަށް ޙުކުމް ނުކުރުމަކީ ހަރުކަށިކަމެވެ. ﷲ ތަޢަލާގެ ޙައްދުތައް ޤާއިމުކުރުމަކީ ހަރުކަށިވުމެއް ނޫނެވެ. ﷲ ތަޢާލާގެ ޙައްދުތައް ޤައިމުނުކުރުމަކީ ހަރުކަށިވުމެވެ. އެހެނީ އެއިރުން (ޙައްދުތައް ޤާއިމުނުކުރުމުން ވާނީ ﷲ ތަޢާލާގެ މަގު ދޫކޮށް ޝައިޠޯނާގެ ބަހަށް ހެއްލުން ކަމަށެވެ. ހަޤީޤީ ހަރުކަށިކަމަކީ އެއީއެވެ. 

ދެން މިބަލައިލަނީ ދިރިއުޅުމުގައި ހަރުކަށިވުމުގެ މައްޗަށެވެ.   

އިސްލާމް ދީނަށް ބަލައިފިނަމަ އެއްވެސް މީހަކަށް ހަރުކަށި، ނުބައިބަސްތައް ބުނުމެއް ނެތެވެ. އެއީ ކުރެވޭ ފާފައެކެވެ. ޚާއްޞަކޮށް ޙަޔާތުގެ ބައިވެރިޔާއަށް އެފަދަ ބަސްތައް ބުނެގެން ނުވާނެއެވެ. އެހެނީ އޭނާ އެވަނީ ތިބާގެ ޙިމާޔަތާއި ރައްކައުތެރިކަމުގައެވެ. އޭނާއަށް ހެޔޮކޮށް ހިތުމަކީ ތިބާގެ މައްޗަށް ވާޖިބުވެގެންވާ ކަމަކެވެ.  

އެހެންކަމާއިއެކުވެސް ތިމާއަކީ ޢާއިލާގެ އެންމެ އިސްމީހާކަމަށްވުމުން އަނބިންނަކީ ތިމާއަށްވުރެ މާދަށުދަރަޖައިގައި ތިބޭ ބައެއްކަމަށް އެބަ ޤަބޫލުކުރެވެއެވެ. ވީމާ ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނުމަކީވެސް ތިމާއަށް ލިބިގެންވާ ޙައްޤެއް ކަމަށް އެބަ ޤަބޫލުކުރެވެއެވެ. ނަމަވެސް މިއީ މުޅިން ނުބައި ވިސްނުމެކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަނެކާއަކީ ތިމާ މުސާރަދީގެން ގެންގުޅޭ ނޯކަރެއކަމުގައިވީނަމަވެސް އޭނާއަށްވެސް ބުނަންޖެހޭނީ ޙައްޤު ބަހެވެ. ބަސްބުނަންޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ.  

މިފަދަ ނުބައި އާދަތައް ހިފިފައިތިބޭ މީހުން އެކަމުން ސަލާމަތްވާން އޮތް އެންމެ ފަސޭހަގޮތަކީ އަނެކާގެ އަގުވަޒަންކުރުމެވެ. ވީމާ ވިސްނައިލާށެވެ. ތިމާއަށް ހަރުކަށި، ނުބައި ބަސްތައް މިބުނެވެނީ ތިމާ ފަދައިން ﷲ ތަޢާލާގެ އަޅަކަށް ކަމެވެ. ތިމާ ބުނާ ބަސްތައް މަލާއިކަތުން ފަތުގައި ލިޔުއްވަވާނެ ކަމެވެ.  

ދެވަނައަށް ވިސްނައިލަންވީ ﷲ ތަޢާލާގެ އަޅަކަށް ނުބައިބަސްތައް ބުނެ ހިތުގައި ޖެއްސުމުން ﷲ ތަޢާލާ ތިމާއަށް ހިތްދަތިކަމެއް ކުރިމަތިކުރައްވަވައިފިނަމަ ދެން ތިމާއަށް ޖެހޭނެ ޙާލާއިމެދުގައެވެ.  

މިސާލަކަށް ތިބާ ތިބާގެ އަނބިމީހާއަށް ނުބައިބަސްތައް ބުނެ އަނިޔާވެރިވެ ހިތުގައި ޖައްސުވާފައި ދޫކޮށްލީއެވެ. އޭނާއަށް މާހެޔޮލަފާ ބައިވެރިއަކު ދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. ﷲ ތަޢާލާ ތިބާ ނިކަމެތިކުރައްވަވައި ހިތްދަތިކުރައްވަވައިފިނަމަ ތިބާއަށް އުފާވެރިކަން ހޯދައިދެވޭނީ ކާކަށް ހެއްޔެވެ؟ އަތުގައި ފައިސާހުރިމީހަކު ބިލިއަނުން ފައިސާ ޚަރަދުކުރިނަމަވެސް ﷲ ތަޢާލާ އެމީހަކަށް ހިތްދަތިކަން ކުރިމަތިކުރައްވަވައިފި މީހަކަށް އުފާވެރިކަން ލިބޭނެ އެއްވެސް މަގެއް ނެތެވެ. ނުވެސް އޮންނާނެއެވެ.  

ވީމާ ޢަމަލުތައް އިޞްލާޙްކުރަން އެދޭ މީހާ މިބުނި ކަންކަމަށް ވިސްނައިލާށެވެ. އިޞްލާޙްވެވޭނީ އެމީހަކު އަމިއްލައަށް ވިސްނައި އިޞްލާޙްވާން މަސައްކަތްކުރުމުންނެވެ. ހެޔޮ ނިޔަތުގައި އިޞްލާޙްވާން މަސައްކަތްކޮށްފި މީހަކަށް އެކަމަށް މަގުދައްކަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން