ވަރިއަކީ، ވަކިވުމާއި އަލްވަދާޢު އޭގައި ހިމެނޭ ބަހެކެވެ. އިސްލާމީ ޝަރީޢަތުގައި ވަރިއަކީ، އެ ކަމުގައި ފިޤްހީ އެތައް ޙުކުމެއް ހިމެނޭ ކަމެކެވެ. ކައިވެންޏާއި ވަރިއަކީ، އެ ކަންކަމުގައި ސަމާސާކުރުން ހިމެނޭ ކަންކަމެއް ނޫނެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (ثَلَاثٌ جِدُّهُنَّ جِدٌّ، وَهَزْلُـهُنَّ جِدٌّ: اَلنِّكَاحُ، وَالطَّلَاقُ، وَالرَّجْعَةُ)[1] މާނައީ: "ތިން ބަހެއް ގަސްތަކާލައިގެން ނުވަތަ ސަމާސާއަކަށް ބުނިކަމުގައި ވިޔަސް އެ ކަންކަމުގެ ޙުކުމް ހިނގާނެއެވެ. އެއީ ކައިވެނިކުރުމާއި، ވަރިކުރުމާއި ކައިވެނި ރުޖޫޢަކުރުމެވެ." އަދި ޝަރުޢީ ސަބަބަކާ ލައިގެން މެނުވީ، އަނބީން އެ ކަނބަލުންގެ ފިރީންގެ ގާތުން ވަރިވާން އެދުމަކީ، އިސްލާމްދީނުގައި ނަހީކުރައްވައިފައިވާ ކަމެކެވެ. ރަސޫލު ﷲ z ޙަދީޘްކުރައްވައިފައި ވެއެވެ. (أَيـُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَـلَاقًا مِنْ غَيْرِ بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْـجَنَّةِ)[2] މާނައީ: "ޙައްޤަކާ ނުލައި، ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެން ވެއެވެ."
ކައިވެންޏަކީ މަތިވެރި ގުޅުމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިޔަބައިމީހުންނަށް ޓަކައި، ހަމަ ތިޔަބައިމީހުންގެ نفس ތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." ޒަވާޖީ ޙަޔާތުގެ ގުޅުމަށް ބުރޫއަރާ ފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި، ޢަމަލުކުރާންވީ ޝަރުޢީ ގޮތް ކީރިތި ޤުރްއާނުގައި ބަޔާން ވެގެންވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އެ ދެ މީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ أهلވެރީންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ أهلވެރީންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! صلح ކުރުމަށް އެ ދެ މީހުން قصد ކުރާނަމަ، ﷲ، އެ ދެ މީހުން صلح ކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ خبير ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ." އެހެންކަމުން ދެމަފިރިއެއްގެ ދެމެދުގައި އުފެދޭ އަރައިރުން، ވަރިއާ ހަމައަށް ދިއުމުގެ ކުރީން، އެ އަރައިރުން ޙައްލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ޓަކައި، ދެ ފަރާތުން ފޮނުވާ ނިޔާވެރީންގެ ނިންމުމާ، އެއް ގޮތަށް ޢަމަލުކުރުން ހުއްޓެވެ.
ވަރީގެ މައިގަނޑު ދެ ބާވަތެއް ވެއެވެ. އެއީ ރަޖުޢީ ވަރިއާއި ބާއިނު ވަރިއެވެ. ރަޖުޢީ ވަރިއަކީ، ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރު ކުރާ ވަރީގެ ޢިއްދައިގެ ތެރޭގައި، ފިރިމީހާ އޭނާގެ އަނބިމީހާ ރުޖޫޢަކުރިކަމަށް ބުނުމުން އަނބިމީހާ ރުޖޫޢަކުރެވޭ ވަރިއެވެ. ބާއިނު ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރީގެ ޢިއްދަ ހަމަވުމާއި، ތިންފަށް ވަރިއާއި ޚުލްޢު ވަރިއެވެ. ބާއިނު ވަރިއަކުން އަނބިމީހާ ވަރިކޮށްފި ނަމަ ކައިވެނި ރުޖޫޢައެއް ނުކުރެވޭނެއެވެ. ޙުކުމުގެ ގޮތުން ވަރި ބެހެނީ ދެބައަކަށެވެ. އެއީ ސުންނީވަރިއާއި ބިދުޢީވަރިއެވެ. ސުންނީވަރިއަކީ، އަނބިމީހާ ބަލިވެއިންދައި، ނުވަތަ ޖިމާޢުވެފައިނުވާ ޠުހުރެއްގައި، ޞަރީޙަ ޢިބާރާތުން، ވަރިކޮށްފީމޭ ބުނެ ވަރިކުރުމެވެ. އަނބިމީހާ ޙައިޟުގެ ތެރޭގައި ވަރިކުރުމާއި، ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ޙާލުގައި ވަރިކުރުމާއި، އެއްފަހަރާ ތިންފަށްވަރިއަކުން ވަރިކުރުމަކީ ބިދުޢީ ވަރިއެވެ. އެއީ ސުންނަތާ ޚިލާފު ވަރިއެކެވެ.
ވަރިކުރުން ހުއްދަވާ ސަބަބުތަކުގެ ތެރޭގައި، އަނބިމީހާގެ އަޚްލާޤު ނުބައިވުމާއި، ޒަވާޖީ ޙަޔާތުގެ އިންތަކުން ބޭރުވުމާއި، ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުން ހިމެނެއެވެ. ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ޙަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުމެވެ. ހަމަ އެ ފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ޙައްޤުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ހުއްދަވާނެއެވެ. އެ ފަދަ ޙާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެއެވެ.
ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ ޢިއްދައިގެ ތެރޭގައި، އަނބިމީހާ އިންނާން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައެވެ. އެއީ އެ ޙާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫޢަކުރުމުގެ ޙައްޤު އޮންނާތީއެވެ. އެއީ ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އަންގައިދޭ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބީން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭ ގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނައި ހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲއަށް، ތިޔަބައިމީހުން تقوىވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، ﷲ ކަނޑައަޅުއްވައިފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވައިފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفسއަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެއެވެ."[3]
މަޞްލަޙަތު ހުރި ގޮތަކީ، އެއީކަމުގައި ވަނީ ނަމަ، ޢިއްދައިގައި އަނބިމީހާ އިންނަ އިރު، އަނބިމީހާ ރުޖޫޢަކުރުމުގެ ޙައްޤު އޭނާގެ ފިރިމީހާއަށް ލިބިގެންވެއެވެ. ޢިއްދައިގެ މުއްދަތުގައި ފިރިމީހާ އޭނާގެ އަނބިމީހާ ދިރިއުޅޭނެ ތަނަކާއި ޚަރަދުބަރަދު ދޭން ޖެހޭނެއެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންގަންނަން ޖެހޭނެއެވެ. އަދި ޢިއްދައިގެ މުއްދަތުގައި އެކަކު ނިޔާވެއްޖެ ނަމަ އަނެކާއަށް ވާރުތަމުދަލުން ބައި ލިބޭނެއެވެ. ޢިއްދައިގައި އިން އަންހެނާއާ އެކު އެއްވަގުތެއްގައި ކައިވެނިކުރުން ޙަރާމް އަންހެނަކާ ކައިވެންޏެއް ނުކުރެވޭނެއެވެ. އަދި ހަތަރުވަނަ އަނބިމީހާ ވަރިކޮށްފައިވާ ނަމަ، އޭނާގެ ޢިއްދަ ހަމަވުމުގެ ކުރިން އިތުރު މީހަކާ ކައިވެންޏެއް ނުކުރެވޭނެއެވެ.
ކައިވެންޏާއި ވަރީގެ ޝަރްޢީ ޙުކުމްތަކެއް ކަނޑައެޅިފައިވާ އިރު، އެ ކަންކަން ބެލެހެއްޓުމާއި، ޢާއިލާތަކުގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ޓަކައި، ދައުލަތުން ހަދައިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެއެވެ. އެ ގޮތުން ކޯޓުތަކުގައި ކައިވެންޏާއި ވަރިއާ ގުޅުން ހުރި ކަންކަން ރަޖިސްޓްރީކޮށް، ބެލެހެއްޓުމަކީ މި ޒަމާނުގައި ކުރުން ވާޖިބުވެގެންވާ ކަމެކެމެވެ. އެ ކަންކަން އެ ގޮތަށް ނުބެލެހެއްޓިއްޖެ ނަމަ ތަރިކައިން ވާރުތަވުން ފަދަ ޙައްޤުތަކުން، ދެމަފިރީންނާއި ދަރީން މަޙްރޫމުވެދާނެއެވެ. އޭގެ ސަބަބުން އިޖުތިމާޢީ އެތަކެއް މައްސަލަތަކެއް އުފަންވުމުގެ ބިރު އެބައޮތެވެ. އެހެންކަމުން اَلْمَصَالِحُ الْمُرْسَلَة ގެ ޤަވާޢިދުގެ ދަށުން ކައިވެންޏާއި، ވަރީގެ ކަންކަމުގައި، ހެދިފައިވާ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް ތަބަޢަވާންޖެހޭނެއެވެ.
ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ، އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ޙަރާމްވާނެއެވެ. މިކަމުގެ ޙުކުމްތައް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިހެނަކާ ކާވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ ޙަލާލެއް ނުވާނެތެވެ. ދެން (ފަހުން އިން) ފިރިމީހާ، އެ އަންހެނާ ވަރިކޮށްފިނަމަ، (ކުރިން ވަރިކުރި) ފިރިހެނާއާއި، އެ އަންހެންމީހާއާއި، ދެމީހުން އަލުން އިނުމުގައި އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ ﷲ އަންގަވާފައިވާ ޙުކުމްތައް ޤާއިމުކޮށްގެން އުޅެވިދާނެކަމަށް އެ ދެމީހުންނަށް ހީވާނަމައެވެ." ތިންފަށްވެފައިވާ އަންހެނާ، އޭނާ ވަރިކުރި ފިރިމީހާއާ އިނުމުގެ ނިޔަތުގައި، ފަށްކަނޑާން މީހަކާ އިނުމަކީ ޙަރާމްކަމެކެވެ. ފަށްކަނޑާން ކައިވެނިކުރާ މީހުންނަށް މާތް ﷲ ލަޢުނަތްލައްވައިފައިވާ ކަމަށް ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ.(لَعَنَ اللهُ الْمُحَلِّلَ وَالْمُحَلَّلَ لَهُ)[4] މާނައީ: "ފަށްކަނޑައިދޭ މީހާއާއި ފަށްކަނޑައިދިނުމަށް އެދޭމީހާއަށް ﷲ ލަޢުނަތްލެއްވި އެވެ."
ޢިއްދައަކީ، ވަރިވީ އަންހެނާގެ ރަޙިމު ހުސްވެގެންވާކަން ދެނެގަތުމަށް ޓަކައި، ނުވަތަ މަރުވި ފިރިމީހާއަށް ޓަކައި ހިތާމަ ފާޅުކުރުމުގެ ގޮތުން ކާވެނިނުކޮށް މަޑުކުރާން ޖެހޭ މުއްދަތަށް ކިޔާ ނަމެކެވެ. ޙައިޟުވުން ހުއްޓިފައިވާ އަންހެނުންނާއި، ޙައިޟުނުވާ އަންހެނުންގެ ޢިއްދައަކީ ތިން މަސްދުވަހެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيضން އުންމީދުކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންގެ ޢިއްދައާމެދު) ތިޔަބައިމީހުން ޝައްކުކުރާ ނަމަ، ފަހެ، އެކަނބަލުންގެ عدّةއަކީ، އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ."[5] ހުވަފަތްވެފައިވާ އަނބިމީހާ މާބަނޑު ނުވާ ނަމަ، އޭނާގެ عدّةއަކީ ހަތަރުމަހާއި ދިހަދުވަހެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން އަނބީން ދޫކޮށް މަރުވެދާ މީހުންގެ އަނބީން، އެކަނބަލުންގެ نفسތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (މީހުނާ ނީނދެ) انتظار ކުރާހުށިކަމެވެ!" އެހެނަސް މާބަނޑު އަންހެނާގެ ޢިއްދައަކީ އޭނާ ވިހެއުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. -- މާނައީ: އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ."
މާބަނޑުވެފައިނުވާ އަންހެނުންނާއި، ފިރިމަރުވެފައިވާ އަންހެނުން ފިޔަވައި، ޙައިޟުވާ އަންހެނުންގެ ޢިއްދައަކީ ތިން قُرْءُއެވެ. ޖުމްހޫރު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، قُرْءُއަކީ ޠުހުރެވެ. ވަރިކުރުމުންނާއި، ފިރިމީހާ މަރުވުމުން ޢިއްދައިގައި އިންނަ އަންހެނާ އިންނަން ޖެހޭނީ، އޭނާގެ ޒަވާޖީ ޙަޔާތުގެ ގޭގައެވެ.