އުފާވެރި ޒަވާޖީ ހަޔާތަކަށް ދެމަފިރިން ވަކިން ދިރިއުޅުމުގެ މުހިއްމުކަން.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
އުފާވެރި ޒަވާޖީ ހަޔާތަކަށް ދެމަފިރިން ވަކިން ދިރިއުޅުމުގެ މުހިއްމުކަން.

ކައިވެންޏަކީ އާއިލާތައް ބިނާވުމުގެ އަސްލެވެ. އިސްލާމްދީނުގައި ކައިވެންޏަށް ވަރަށް ބޮޑަށް އަހުމިއްޔަތުކަށް ދެއްވާފައިވެއެވެ. އިސްލާމްދީނުގައި ކައިވެނި ކުރާ ދެމީހުން އުފަލަންޖެހޭ ގިނަ ޒިއްމާތަކެއްވެއެވެ. ފިރިމީހާއަކީ އާއިލާގެ އިސްވެރިޔާ އަދި އަނބިދަރިންގެ ބެލެހެއްޓުންތެރިޔާ ކަމަށް ވާތީ ފިރިމީހާގެ ޒިއްމާތައް ބޮޑެވެ. އެގޮތުން ކައިވެނި ކުރުމަށްފަހު އެމީހެއްގެ ފެންވަރުން ދިރިއުޅޭނެ ތަނެއް އަނބިމީހާއަށް ދައްކަށްޖެހެއެވެ.

އަޅުގަނޑުމެން ތެރޭގައި ގެދޮރުގެ ދަތި ކަމަކީ އިންތިހާއަށް ބޮޑިވެފައިވާ މައްސަލައެކެވެ. ދިރިއުޅޭނެ ތަނެއް ނެތިގެން ކައިވެއްޏެއް ނުކުރަށް ހުންނަ މީހުންވެސް އަޅުގަނޑުމެން ތެރޭގައި މަދެއް ނޫނެވެ. ގިނަ ފަހަރަށް ކައިވެނިކޮށްގެން އުޅެން މި ޖެހެނީ ފިރިހެންމީހާ ނުވަތަ އަންހެންމީހާގެ މައިންބަފައިން ގޭގައެވެ. މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އަދި އެމީހުންގެ ދަރިން ހުރިނަމަ ދަރިންނާއިވެސް އެކުގައެވެ. މިހެންވުމުގެ ސަބަބުން އެތައް މައްސަލައެއް ކުރިމަތިވެއެވެ.

ދެމަފިރިން ވަކިން ދިރިއުޅޭނަމަ އަމިއްލަ ދިރިއުޅުމުގައި ކޮންމެ ދުވަހަކުންވެސް ކުރަންޖެހޭ ކަންކަން ދެމީހުން ބޭނުންވާ ގޮތަށް ކޮށްލެވޭނެއެވެ. ގޭތެރޭގެ ކަންކަން އަނބިމީހާ ބޭނުންގޮތަށް ތަރުތީބުކޮށްލެވޭނެއެވެ. އެހެން ބަޔަކާއިއެކު ދިރިއުޅޭނަމަ މިއީ އުނދަގޫ ކަމަކަށް ވާނެއެވެ. އެކުގައި އުޅޭ އެންމެންނަށް ފަސޭހަ ގޮތަށް ކަންކަން ރާވާލުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެކެވެ.

އަޅުގަނޑުމެން ތެރެއިން ގިނަ މީހުންނަކީ ރުފިޔާ ލިބޭނަމަ ޚަރަދަށް ބަލައިގެން އުޅުމަށް އާދަވެފައި ހުންނަ މީހުންނެއްނޫނެވެ. ކޮންމެ ދުވަހަކު ގޭތަކުން އުކާލާ ކާއެއްޗެހީގެ އަދަދަށް ބަލައިލީމައި އެކަށް ވަރަށް ރަނގަޅަށް ހާމަވެގެންދާނެއެވެ. އެންމެން އެއްކޮށް ދިރިއުޅޭނަމަ ޚަރަދު ބަރަދަށް ބަލައިގެން އުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް މީހުންނަކީ ތަފާތު އެކިބާވަތުގެ ކާއެއްޗެހި ކޮންމެ ދުވަހަކު ތައްޔާރު ކުރަން ބޭނުންވާ މީހުންނެވެ. އަދި މަހެއްގެ ތެރޭގައި މިކަންކަމަށް އެތައް ކަރަދެއް ހޭދަވެގެންދާނެއެވެ. ދެމަފިރިން ވަކިން ދިރިއުޅޭނަމަ ކާއެއްޗެއްސާއި އަދި އެހެނިހެން ޚަރަދުތަކަށް ބަލައިގެން އުޅެން ފަސޭހަވެގެން ދާނެއެވެ.

ބައެއް މައިންބަފައިންނަކީ އެމީހުންގެ ދަރިންގެ އަތަށް އެއްވެސް ކޮންޓްރޯލެއް ނެތި ސްމާރޓް ފޯން ދީގެން ހުންނަ ބައެކެވެ. އަދި ސިޓިންރޫމްގައި އަޑުގަދަކޮށް ލަވަ ޖަހާ ހަދާ ބައެކެވެ. މިހެންވުމުން އެންމެން އެއްކޮށް ދިރިއުޅޭއިރު ފޯނާއި ލަވަ ދަރިންނަށް ދައްކަށް ބޭނުންނުވާ މައިންބަފައިންނަށް އުނދަގޫތަކާއި ކުރިމަތިވެއެވެ. ކުޑަކުދިން ކަމުގައި ވުމުން ގޭތެރެއިން ފެންނަ މިފަދަ މަންޒަރުތައް ދަރިން ވަރަށް އަވަހަށް ނަކަލު ކޮށްލައެވެ. ވަކިން ދިރިއުޅޭނަމަ ދަރިން ތަރުބިއްޔަތު ކުރަށް ފަސޭހަވެގެންދެއެވެ.

އެންމެން އެއްކޮށް ދިރިއުޅޭއިރު ދެމަފިރިންގެ ދެމެދުގައިޖެހޭ މައްސަލަތަކުގެ ތެރެއަށް މައިންބަފައިން ނުވަތަ ގޭގައި ދެންވެސް އުޅޭ މީހުން ބަސް ކިޔައި ހަދައެވެ. މިހެންވުމުގެ ސަބަބުން ބައެއް ފަހަރު ދެމަފިރިންގެ ދެމެދުގައި މައްސަލަ އިތުރަށް ގޯސްވެގެންދެއެވެ.

ގިނަ ގޮތްގޮތުން ބަލާނަމަ ދެމަފިރިން ވަކިން ދިރިއުޅޭނަމަ އެކަމުގެ ފައިދާ ޒަވާޖީ ހަޔާތަށް ކުރެއެވެ. މައިންބަފައިންނާއި ވަކިން ދިރިއުޅެމުންވެސް ދެފަރާތުގެ މައިންބަފައިންނަށް ހެޔޮ ފޯރު ކޮށްދެވޭނެއެވެ. އަދި އާއިލާގެ އެހެން މެންބަރުންނަށް އެހީތެރިވެވޭނެއެވެ. 

މިއަދު އޮންލައިން