އަހުރެން މިބަސްކޮޅު މިބުނަނީ ދެމަފިރިންނަށްވެސް ނިޞްބަތްކޮށެވެ. ލޯބިވެގެންއުޅޭއިރު ލޯބިވެރިޔާ ދެއްވެވުން އެދި ދުޢާކުރަމުއެވެ. އަނެއް ބައަކު ދުޢާކުރަނީ ހެޔޮލަފާ ބައިވެރިއަކު ދެއްވެވުމަށެވެ. މިތަނުން ރަނގަޅު ގޮތަކީ ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރުމެވެ. އެހެންކަމާއިއެކުވެސް ލޯބިވެރިޔާ ދެއްވެވުން އެދިގެންވެސް ގިނަ ބައަކު ދުޢާކުރެއެވެ.
މުހިންމީ ކުރި ދުޢާ ޢިޖާބަކުރެއްވެވުމުން ކަންކަން ކުރެވޭ ގޮތެވެ. ބިރުވެތިވާންވީ ކުރަމުން އައި ދުޢާ ޢިޖާބަކުރައްވަވައި ހެޔޮލަފާ މީހަކާއި ނުވަތަ ތިމާ ލޯބިވާ މީހާއާއި ކައިވެނިކުރެވުން މިންވަރުކޮށް ދެއްވެވީމާ ޢަމަލުކުރެވޭ ގޮތެވެ. ކުރިން ކުރި ދުޢާތަކުގެ މަތިން ހަނދާންވެސް ނުކުރެވޭތީއެވެ.
ކޮންމެ ބާވަތަކުން ކުރިނަމަވެސް އަނިޔާވާނީ އަނިޔާއަށެވެ. އެންމެ ބޮޑު އަނިޔާއަކީ ހިތުގައި ޖެއްސުވުމެވެ. ޢަދުލުވެރިނުވުމެވެ. ބައިވެރިޔާއަށް ބޭވަފާތެރިވެ އަނިޔާވެރިވާ މީހުންނަށް އޮތީ މި 3 އާޔަތަށް ބިރުވެތިވުމެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އެއުރެންގެ މައްޗަށް މި ޢަޛާބް އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ މޫސާ ގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ތިމަންމެންނަށްޓަކައި، ދުޢާ ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ ޢަހްދު ކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި ޢަޛާބް ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން އީމާންވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި އިސްރާއީލްގެދަރިން ފޮނުވާހުށީމެވެ." (އަލްއައްރާފް: 134)
"ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ ޢަޛާބް ފިއްލެވިހިނދު، އެހާރުން ޢަހްދު އުވާލާ ބައަކު ކަމުގައި އެއުރެން ވޫއެވެ."
(އަލްއައްރާފް: 135)
ދެން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެއަށް އެއުރެން ޣަރަޤް ކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އާޔަތް ތައް އެއުރެން ދޮގުކޮށް، އެ އާޔަތްތަކާމެދު ޣާފިލު ވީ ބައަކު ކަމުގައި ވީކަމަށްޓަކައެވެ." (އަލްއަޢްރާފް: 136)
މި 3 އާޔަތުގައި މިވަނީ މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ކަންކަން މެދުވެރިކުރެއްވެވި ގޮތެވެ! ނިޢްމަތަށް ޝުކުރުނުކޮށް ކާފިރުވުމުން ބަދަލު ހިއްޕެވި ގޮތުގެ ވާހަކައެވެ. މިއީ ހަމަ މިހާރުވެސް ކަންކަން ހިނގާނެ މަގެވެ!
ކަސްތޮޅު އެޅި ބަނދެވުމުން ނުވަތަ އެއްވެސް މުޞިބާތެއް ކުރިމަތިވާއިރަށް ދެއަތް އުފުލައި އެބަދުޢާކުރަމުއެވެ! އެކަމަކުން މިންޖުކޮށްދެއްވަވާއިރަށް ފެނިގެންމިދަނީ ކުރިއަށްވުރެވެސް ބޮޑަށް އުރެދޭތަނެވެ!
މީސްތަކުންނޭވެ! މިއަދުވެސް އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއަށެވެ. ދުނިޔެމަތީގައި މާބާރުގަދަ މީހަކު ކަމަށް ޤަބޫލުކުރެވިގެން "އުޑުގެ ކަލާނގެ" އަށް ގޮންޖަހަމުން އައި ފިރުއަޢުނު ނިކަމެތިކުރައްވަވައި ކަނޑަށް ޣަރަޤްކުރެވެވި ﷲ ތަޢާލާއަށެވެ. ވީމާ ހަމަ ކޮންމެ މީހަކުވެސް މި 3 އާޔަތަށް ވިސްނައި ފިކުރުކުރާށެވެ! ސަލާމަތްކަން ލިބުންވަނީ ސަލާމަތްކަން ހޯދަން އެނގުނު މީހަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން