އަޅުގަނޑުމެންނަކީ ވަރަށް އާދައިގެ ފެންވަރުގައި ދިރިއުޅޭ ބައެކެވެ. އަސާސީ ބޭނުންތައް ފުއްދައިލެވެނީވެސް ހަމަކިރިޔާއެވެ. ދަރިފުޅުގެ ކްލާހުގައި 32 ކުދިން ތިބެއެވެ. އެހެންވެ ކޮންމެ މަހަކުހެން 2،3 ޕާޓީއަށް ދާން ކިޔައެވެ. އަޅުގަނޑުގެ ދަރިފުޅަށްޓަކައި ޕާޓީއެއް ބާއްވައި ނުދެވޭތަނުގައި ގެންދާނެ ހަދިޔާއެއްވެސް ގަނެނުލެވެއެވެ. އެކަމާ ދަރިފުޅު ވަރަށް ދެރަވެއެވެ.
މިޙާލަތުގައި ދަރިފުޅަށް ވިސްނައިދޭން ކަންތައް ކުރާނެ ގޮތެއް ބުނެދީފާނަންތަ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ތަނަވަސްކަން ހުރިނަމަވެސް ބޮޑެތި ޕާޓީތައް ބޭއްވުމަކީ ކުރަން އެހާރަނގަޅު ކަމެއް ނޫނެވެ. އެކަމަށް ކުރާ ބޮޑުހޭދަނުކޮށް ދަރިންނަށް މާފައިދާކުރާނެ ގޮތަށްވެސް ބޭނުންކުރެވިދާނެއެވެ. ވީމާ ޕާޓީ ނުބޭއްވިގެން ކަންބޮޑުނުވާށެވެ!
ދެން ތިއަފާހަގަކުރަނީ ހަދިޔާ ގެންދިއުމުގެ މައްސަލައެވެ. ތިރީގައިވާ ލިޔުމުގައިވާގޮތަށް ޢަމަލުކުރާށެވެ. އަގުބޮޑު ހަދިޔާ ގަނެގެން ގެންގޮސްދިނުމަށްވުރެ އެކުއްޖަކަށްވެސް އަދި ތިބާއަށާ ތިބާގެ ދަރިފުޅަށްވެސް މާބޮޑަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ
ދަރިފުޅު: މަންމާއެވެ! މިއަދު ހަވީރު ޒަހޫގެ ޕާޓީ އޮންނާނެއެވެ. ކުދިން ވަރަށް އަގުބޮޑު ހަދިޔާތައްވެސް ގެންދާނެއެވެ. ކޮއްކޮ ގެންދާނެ އެއްވެސް އެއްޗެއް މަންމައަށް ގަނެދެވޭނެ ހެއްޔެވެ؟
މަންމަ: ދަރިފުޅާ ދެރަނުވާށެވެ! ދަރިފުޅު ދޭ ހަދިޔާއަށްވުރެ އަގުބޮޑު ހަދިޔާއެއް ހަމަ އެއްކުއްޖަކަށްވެސް ނުގެންދެވޭނެއެވެ.
ހަވީރު ޕާޓީއަށްދާން އޮތް ގަޑިޖެހިއްޖެއެވެ. ދަރިފުޅު ގޮވައިގެން މަންމަ ހިނގައިގެންފިއެވެ. ދަރިފުޅު ސުވާލުކުރިއެވެ. "މަންމަ ގެންދަން ބުނި ހަދިޔާ ކޮބައިހެއްޔެވެ؟"
މަންމަ: "ދަރިފުޅާއެވެ! މިހާރުވެސް ވަރަށް ގިނަ ހަދިޔާ ފޮނުވައިފީމެވެ. މިހާރުވެސް މިދަނީ ފޮނުވަމުންނެވެ. މަންމަ މިފޮނުވާ ހަދިޔާ ލޮލަކަށް ނުފެންނާނެއެވެ. އެކަމަކު ޒަހޫއަށް އެންމެ ބޮޑަށް ފައިދާކުރާނީ މަންމަ މިފޮނުވާ ހަދިޔާތަކުންނެވެ. އިން ޝާ ﷲ
ދަރިފުޅާއެވެ! މުސްލިމަކަށް އޭނާގެ އަޚާއަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާއަކީ އޭނާގެ ހެޔޮ ދުޢާއެވެ. ދަރިފުޅުވެސް ހަދިޔާއެއް ފޮނުވަން ބޭނުންނަމަ ދުޢާކުރާށެވެ! ޒަހޫއަކީ މޮޅު ކުޖަކަށްވޭތޯއެވެ. ﷲ އަށް ބިރުވެތިވާ ތަޤްވާވެރި ކުއްޖަކަށްވޭތޯއެވެ. ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ލިބި އަތްމަތި ތަނަވަސްކުއްޖަކަށްވޭތޯއެވެ!
އެނގޭހެއްޔެވެ؟ ދަރިފުޅު އެހަދިޔާ ފޮނުވީމާ ދަރިފުޅަށްވެސް ހަދިޔާލިބެއެވެ. ޒަހޫއަށް ނުއަންގައި ޒަހޫއަށްޓަކައި ހެޔޮހިތުން ދަރިފުޅު ދުޢާކޮށްދިނީމާ މަލާއިކަތް ބޭކަލުން ދަރިފުޅަށްވެސް އެފަދައިން ދެއްވުން އެދި ދުޢާކުރައްވާނެކަން ޞައްޙަ ޙަދީޘުން ޘާބިތުވާން އެބައޮތެވެ."