އިމްތިޙާންތައް ކުރިމަތިވެ ދަތިޙާލުގަ އުޅެންޖެހުމަކީ ސުވަރުގެއިން މަތީދަރަޖަ ހޯދަން ދެއްވަވާ ފުރުޞަތެއް! ފާސްވުމުން ލިބެންއޮތް އުފާވެރިކަން މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އިމްތިޙާންތައް ކުރިމަތިވެ ދަތިޙާލުގަ އުޅެންޖެހުމަކީ ސުވަރުގެއިން މަތީދަރަޖަ ހޯދަން ދެއްވަވާ ފުރުޞަތެއް! ފާސްވުމުން ލިބެންއޮތް އުފާވެރިކަން މާބޮޑު!

ކޮންމެ މީހަކުވެސް ދިރިއުޅެން ބޭނުންވާނީ އުފަލުގައެވެ. ހިތްހަމަޖެހިގެންނެވެ. ތިމާގެ ހުރިހާ ބޭނުންތަކެއް ފުދިގެންނެވެ. ނަމަވެސް މިއީ ދުނިޔޭގައި ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. މިޘާލަކަށް އަގުގައި ކިތަންމެ ގިނަ ފައިސާ ހުރިނަމަވެސް އަބަދު އުފަލަކު ނުހުރެވޭނެއެވެ. ހިތްދަތިވާ ކަންކަން ކުރިމަތިވާނެއެވެ. 

ޢާންމު ފެންވަރަށް ބަލައިފިނަމަ ޢާއިލީ ދިރިއުޅުމުގަ ގިނަބައަކަށް ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަވާނެއެވެ. އެންމެ ގިނަބައަކަށް ކުރިމަތިވާނެ އެއް މައްސަލައަކީ ފައިސާގެ ދަތިކަމެވެ. ތަނަވސްކަން ކުޑަވެ ކުރަން ބޭނުންވާ ކަންކަން ނުކުރެވި ހުންނަން ޖެހުމެވެ. 

އެއިގެ އިތުރުން ޝައިޠޯނާގެ މަގުން ނުގޮސް ﷲ ގެ މަގުގައި ކުރިއަށްދާން މަސައްކަތްކުރާނަމަވެސް މަލާމާތާއި ފުރައްސާތަކާއި ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެއެވެ. 

މިބާވަތުގެ ކޮންމެ ކަމަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާންތަކެވެ. މާލީ ގޮތުން ދަތިޙާލަތެއް ކުރިމަތިވިނަމަވެސް ދެން އެހެން ގޮތެއް ނެތިގެން ނޫނީ މީހުންގެ ކިބައިން ކަންކަމު ނުއެދޭށެވެ. ސަލާންނުޖަހާށެވެ. ލޯނު ނުނަގާށެވެ. ދަރަނިވެރި ނުވާށެވެ! 

ކުރިމަތިވާ ގޮންޖެހުންތައް ކިތަންމެ ބޮޑު ނަމަވެސް ﷲ ގެ މަގު ދޫނުކުރާށެވެ. ﷲ ގެ މަގުގައި ސާބިތުވެހުންނާށެވެ. އިސާހިތަކު ހުރިހާ ގޮންޖެހުންތައް ފިލުއްވަވައިދެއްވަވައިފާނެތެވެ. މީހުން ކުރާ މަލާމާތަށްވުރެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބުމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ! 

ޙައްޤުގެ މަގުގައި ފައިތިލަ ޘާބިތުކުރަން ބޭނުން ކޮންމެ މީހަކަށް އެކިކަހަލަ އިމްތިޙާނުތަކާއި ކުރިމަތިވުމަކީ ނުވެނުދާނެ ކަމެކެވެ! މި އިމްތިޙާނުތަކުގައި ޘާބިތުވެތިބުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. އަދި ކެތްތެރިކަމާއި ޘާބިތުކަން އިތުރުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރަންޖެހޭނެއެވެ. 

ވިސްނާށެވެ! އިމްތިޙާންތައް ކުރިމަތިނުވާނަމަ އެއިމްތިޙާންތަކުން ފާސްވުމުން ސުވަރުގެއިން ލިބެން ހުރި މަތީދަރަޖަތައް ހޯދޭނީ ކިހިނަކުންހެއްޔެވެ؟ ވީމާ އިމްތިޙާންތައް ކުރިމަތިކުރައްވަވަނީ ހަމަ އަހުރެމެންނަށް ފައިދާއަކަށެވެ. ދެރައެއް ލިބުމަކަށް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން