ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަންވެސް އިބިލީސް ހަނދާން ނައްތުވާލައެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ސަބަބަކީ އެކަމުގެ ސބަބުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެއްސުވައި ރުޅިއެރުވުމަށެވެ. އެކަން ތަކުރާރުވަމުން ގޮސް ޒުވާބަށް ބަދަލުވެ ދެމީހުން ވަކިވާ ހިސާބަށް ކަންކަން ގެންދިއުމުގެ ބޭނުމުގައެވެ.
ދެމަފިރިއަކު ލޯބިން ދިރިއުޅޭނަމަ ޝައިޠޯނާ ވަރަށް ދެރަވާނެއެވެ. އެދެމަފިރިން ދުރުކުރުވަން ޚާއްޞަ ޝައިޠޯނުން ޢައްޔަނުކޮށްގެން ޚާއްޞަ ޓާސްކެއްގެ ގޮތުގައި މަސައްކަތްކުރާނެއެވެ. ދެމަފިރިން ދުރުކުރެވިއްޖެނަމަ އުފާފައުޅުކޮށް ޕާޓީ ބާއްވާނެއެވެ. އެކަންކުރުވި ޝައިޠޯނަށް އިނާމުދީ އެޝައިޠޯނެއްގެ ބޮލުގަ ތާޖުވެސް ބަހައްޓައިދޭނެއެވެ.
ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން ހަނދާން ނެތޭނަމަ ލިޔެގެންވެސް، ފޯނާއި ލެޕްގައި ނޯޓުކޮށްގެންވެސް ހަނދާންކުރަން މަސައްކަތްކުރަންވާނެއެވެ. ގިނަގިނައިން އެކަން މެދުވެރިވާނަމަ އަޢޫޛްކިޔުން ގިނަކޮށް ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ.
އަދި ނަޞޭޙަތެއްގެ ގޮތުން ބުނެލާނަމެވެ. ދެމަފިރިންކުރެ މީހަކަށް ހަނދާން ނެތިގެން ކަމެއްކޮށް ނުދެވިއްޖެނަމަ މާފުކުރާށެވެ. ރުޅި ނާންނާށެވެ. އެކަން އެއަންނަނީ ޝައިޠޯނާގެ ކިބައިންކަން ވިސްނުމަށް ގެންނާށެވެ.
މީގެ މާނައަކީ ފަރުވާކުޑަކުރަން ހިތްވަރުދިނުމެއް ނޫނެވެ. ފަރުވާކުޑަކުރުމަކީ ހަނދާންނެތެން މެދުވެރިވާ ސަބަބެކެވެ. ވީމާ ދެމަފިރިންވެސް އެކަމަށް ވިސްނައި އަނެކާގެ ބޭނުންތަކަށް ފަރުވާތެރިވާން މަސައްކަތްކުރަންވާނެއެވެ. ފަރުވާކުޑަކުރުމުގެ ސަބަބުން ހަނދާންނެތުމަކީ މުޅިން ތަފާތު މައްސަލައެކެވެ. މިދެއްކީ ފަރުވާ ބަހައްޓަން މަސައްކަތްކުރާއިރުގައިވެސް ހަނދާންނެތޭނަމަ އެކަމުގެ ވާހަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން