ކައިވެނިކުރުމަށްފަހު އިސްލާމް ދީނުގައި އޮތީ ހަމަހަމަ ފުރުޞަތުތަކެވެ. ތަފާތުވަނީ ޢަމަލުކުރަންޖެހޭ ގޮތެވެ. ވާޖިބުތަކެވެ. ޒިންމާއެވެ. އެކަން ދެމީހުންވެސް ދަންނަންވާނެއެވެ. ޤަބޫލުކުރަންވެސް ވާނެއެވެ.
މިޘާލަކަށް އަނބިމީހާ ވަރިވާން ބޭނުންވެއްޖެނަމަ ތެދުބަހުން ބުނެ ވަރިއަށް އެދޭށެވެ. ވަރިނުކުރިނަމަ ކޯޓަށް ގޮސް ވަރިވުމުގެ ފުރުޞަތު އެބައޮތެވެ. ފިރިމީހާ އަށްވެސް އޮތީ ހަމައެގޮތެވެ. ރިވެތި ގޮތުގައި މުޢާމަލާތުކޮށް ވަރިކުރާށެވެ. ތަފާތަކީ ކޯޓަށް ނުގޮސް ވަރިކުރެވޭ ކަމެވެ. ކޯޓުގައި ވަރިކުރިޔަސް ކޯޓަށް ނުގޮސް ވަރިކުރިޔަސް އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަންޖެހޭނެއެވެ.
ފިރިމީހާކަމަށްވީތީ، ހުރިހާ ބާރެއް ލިބިގެންވާކަމަށްހީކޮށް އަނބިމީހާއަށް ސިއްރުން ކަންކަން ކޮށްގެން ނުވާނެއެވެ. ދެވަނަ އަންތބަކު ހޯދަން ބޭނުންވި ނަމަވެސް އޮޅުވާނުލައި ތެދުވެރިކަމާއިއެކު އަނބިމީހާގެ ގާތުގައި ބުނާށެވެ!
އެހެން މިބުނަނީ ސިއްރުން ކަންކަން ކުރުމުން އެކަންހާމަވާ ދުވަހު ދެން ނުކުންނަ މައްސަލަތައް މާގޯސްވީމައެވެ. ބައެއް ޙާލަތްތަކުގައި އަނބިމީހާއަށް ލިބޭ މާޔޫސްކަމުގައި ކެތްތެރިނުވެވިގެން އަމިއްލައަށް ދުނިޔެދޫކުރުން ފަދަ އެންމެ ބޮޑެތި ފާފަތައްވެސް އެބަ ކުރެވެއެވެ.
ވީމާ ދެމީހުންގެ ދިރިއުޅުމާއި ގުޅުންހުރި އެބާވަތުގެ ކަންކަމަކީ އެކެއްގެ ޙައްޤެއް ކަމަށް ބަލައިގެން ދެކޮޅުޖެއްސޭކަށް ނެތެވެ. އެއީ އެއަށްވުރެ މާ ސީރިއަސް މައްސަލައެކެވެ. ޚާއްޞަކޮށް ދަރިން ތިބިނައެވެ. ދަރިން ތިބިނަމަ ސީރިޔަސްކަން އިތުރުވެއެވެ. ކައިވެނި ރޫޅައިލާނަމަ ދަރިންގެ ކަންކަމަށް މަޝްވަރާކޮށް ޢަމަލުކުރާނެ ގޮތަކަށް އެއްބަސްވާންވާނެއެވެ.
މިއަދަކީ ދިރިއުޅުމުގެ ކަންކަމުގައި ދެމަފިރިންނަށް ކަންކަން ހަމަހަމަ ޒަމާނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްޤުތައް ހޯދެން އޮތް ޒަމާނެކެވެ. ވަރިވާން ބޭނުންވުމުން ވަރިނުކުރިނަމަ ފިރިމީހާ ގޮވައިގެން ކޯޓަށް ދެވެއެވެ. ވަރިކުރަން ބޭނުންވެއްޖެނަމަ ވަރިކުރުމުގެ ބާރު ފިރިންނަށް ލިބިގެންވެއެވެ. ވީމާ އޮޅުވާލައިގެން ކަންކަން ކުރަން އުޅެންވީ ކީއްވެގެން ހެއްޔެވެ؟
އަނެކާއަށް އޮޅުވައިލާއިއރު ވިސްނަންވީ ބައިވެރިޔާ ތިމާއަށް ކަމެއް އޮޅުވައިލުމުން ތިމާއަށް ކުރާނެ އަސަރަށެވެ. ވީމާ ތިމާވެސް އޮޅުވައިލުމުން އޭނާއަށްވެސް ހަމައެއަސަރުތައް ކުރާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ތެދުވެރިކަމާއިއެކު ކަންކަންކުރާ އަޅުންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން