ބޭރުފުށުގެ ސިފައަށް ބަލައި ވަކިކަމެއް ޙާޞިލުކުރަން ކައިވެނިނުކުރޭ! ގިނަ ބައެއްގެ ބޭރުފުށުން ފެންނަ ސިފައާ ޙަޤީޤީ ދިރިއުޅުން ވަރަށް ތަފާތުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބޭރުފުށުގެ ސިފައަށް ބަލައި ވަކިކަމެއް ޙާޞިލުކުރަން ކައިވެނިނުކުރޭ! ގިނަ ބައެއްގެ ބޭރުފުށުން ފެންނަ ސިފައާ ޙަޤީޤީ ދިރިއުޅުން ވަރަށް ތަފާތުވާނެ!

ވަރަށް ނުރައްކައުތެރި ކައިވެނިތަކެއްވެސް އެބަކުރެވެއެވެ. މާނައަކީ ކައިވެނިކުރުމުގެ މަޤްޞަދުތަކާއި ވަރަށް ބޮޑަށް ޚިލާފްވާ އަދި އެކަމުގެ ސަބަބުން އަނެކާއަށް ވަރަށް ބޮޑަށް ދެރައާއި ހިތްދަތިކަން ލިބޭފަދަ ކައިވެނިތައް އެބަ ކުރެވެއެވެ. 

މިމައްސަލަ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް އެބަދިމާވެއެވެ. ނަމަވެސް ގިނަ ފަހަރު އަނިޔާލިބެނީ އަންހެނުންނަށެވެ. އެކަން ކުރިމަތިވާ ގޮތް ކުރު ގޮތަކަށް ބުނެލާނަމެވެ. 

މީހުންގެ ޙަޤީޤަތް އޭނާގެ ސިފައިން ދަސްކުރަން ބޭނުންވާ މީހުން އެކަން ދެނެގަތުމަސްޓަކައި ފޮތްތައް ކިޔަނީއެވެ. އެފަދަ މައުލޫމާތު ހިމެނޭ ވީޑިއޯތައްވެސް ބަލަނީއެވެ. ވަކިހިސާބަކުން ޤަބޫލުކުރެވެނީ މީހަކު ފެންނައިރަށް އެމީހާގެ ޙަޤީޤަތް މިހާރު ތިމާއަށް އެނގޭނެ ކަމަށެވެ. 

ދެން މިވާގޮތަކީ (މިޘާލަކަށް) އަންހެނަކު ނުވަތަ ފިރިހެނަކު ފެނުނީއެވެ. އޭނާގެ މޫނަށާއި ހަށިގަނޑަށް ބަލާފައި ޤަބޫލުކުރެވެނީ އޭނާގެ ކިބައިގައި މިވެނި އެވެނި ސިފަތަކެއް ހުންނާނެ ކަމަށެވެ. މިވެނި އެވެނިކަންކަމަށް ވަރަށް ފައްކާވާނެ ކަމަށެވެ. އެކަންކަން ޤަބޫލުކުރެވުމާއިއެކު ކައިވެނިކުރެވެނީއެވެ. ކައިވެނިކުރުމުން މިއެނގެނީ ތިމާއަށް ޤަބޫލުކުރެވުނު ޤަބޫލުކުރެވުމަކީ ވަރަށް ބޮޑު ގޯހެއްކަމެވެ. މިއީ އަދި މުޅިން ތަފާތު މީހެއް ކަމެވެ. އެހިސާބުން މައްސަލަ ޖެހެން ފަށަނީއެވެ. އިސާހިތަކު ކައިވެނި ރޫޅެނީއެވެ. އަނެކާއަށް ބޮޑު ދެރައެއް ލިބިނިމުނީއެވެ. 

މީސްތަކުންނޭވެ! އެއްވެސް މީހެއްގެ ހުރިހާ ކަންކަމެއް އޭނާގެ ބޭރުފުށުގެ ސިފައަކުން ނުއެނގޭނެއެވެ. ބައެއް ކަންކަން ދިމާވެސްވެދާނެއެވެ. ދިމާނުވާނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެހެން މިބުނަނީ ބޭރުފުށުގެ ސިފަ މުޅިން އެއްގޮތް ދެމީހުންގެ ދިރިއުޅުމުގެ ކަންކަން މުޅިން ތަފާތުކަން އެތައް ބައެއްގެ ދިރިއުޅުމުން އެނގިފައިވާތީއެވެ. 

ކައިވެނިކުރަންވާނީ ބައިވެރިޔާގެ ކިބައިން ވަކިކަމެއް ޙާޞިލްކުރާކަށް ނޫނެވެ. ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ބޭނުމުގައެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް ބައިވެރިޔާގެ ކިބައިން ތިމާ ބޭނުންވާ ސިފަތަކާއި ބޭނުންނުވާ ސިފަތަކެއްވެސް ހުންނާނެއެވެ. ބޭނުންވާ ސިފަތައް ގިނަނަމަ އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. ޝުކުރުވެރިވާށެވެ. ދެން ހުރި ސިފަތަކަށް އެހާބޮޑަށް ޝަކުވާ ނުކުރާށެވެ. 

ތިމާ ބޭނުންވާ ހުރިހާ ސިފަތަކެއް އެންމެ ފުރިހަމައަށް ހުރި ބައިވެރިއަކު ދުނިޔެއިން ލިބުމަކީ ވަރަށް ނުވާނެ ކަމެވެ. އެފަދަ ބައިވެރިން ލިބޭނީ ހަމައެކަނި ސުވަރުގެއިންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން