ބޭހާ ނުލާ ފަސޭހައިން އަރާމު ނިންޖަކަށް ޑޮކްޓަރުންވެސް ބުނެދޭ ފަރުވާއެއް! ސުންނަތާ ގުޅުވާލުމުން މާފުރިހަމަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބޭހާ ނުލާ ފަސޭހައިން އަރާމު ނިންޖަކަށް ޑޮކްޓަރުންވެސް ބުނެދޭ ފަރުވާއެއް! ސުންނަތާ ގުޅުވާލުމުން މާފުރިހަމަވާނެ! އިން ޝާ ﷲ

ރޭގަނޑު ނިދަން އުނދަގޫވާ މީހުންނަށް ބޭހާ ނުލައި ފަސޭހައިން އަރާމު ނިންޖެއް ލިބޭނެކަމަށްބުނެ ޑޮކްޓަރުންވެސް މިހާރު ބުނާ ފަރުވާއެއް އެބައޮތެވެ. 

ޑޮކްޓަރުން ބުނަނީ ނިދަންވުމުން ތިމާގެ ދެދޮރާއި އަތާއި ފައި އަދި މޫނާއި ކިހިލިފަތްދޮށް ރަނގަޅަށް ދޮވެލުމަށެވެ. އަދި ފެންވަރާ އުޞޫލުން ފެންނުވެރިނަމަވެސް މުޅި ހަށިގަނޑު ރަނގަޅަށް ދޮވެލުމަށްވެސް ބައެއް ޑޮކްޓަރުން ބުނެއެވެ. 

އަހުރެން ބުނާނީ ޞިއްޙީ ގޮތުން މައްސަލައެއް ނެތްނަމަ ރަނގަޅަށް ފެންވަރައިލާށެވެ! ރޭގަނޑު ބޮލަށް ފެންއެޅުމުން ރޯގާ، ސައިނަސް ފަދަ ބަލިތައް ހުންނަ މީހުންނަށް އުނދަގޫވެދާނެއެވެ. އެހެންކަމަށްވާނަމަ ކެޕެއް ފަދަ އެއްޗެއް އަޅައިގެން ބޮލުގައި ފެންނުޖައްސައި ފެންވަރާށެވެ. ސައިބޯނި ނުވަތަ ޝަވަރޖެލްފަދަ އެއްޗެއް ލައި ރަނގަޅަށް މުޅިހަށިގަނޑުން ދާތައް ފިލުވައިލާށެވެ. ހޫނުފެން ލިބޭނަމަ ރޭގަނޑު ރަނގަޅީ ހޫނުފެނުން ފެންވެރުމެވެ. 

މިގޮތަށް ފެންވަރައިލުމުން ކުޑަ އިރުކޮޅަކަށް ނިދި ތިމާއާއި ދުރުވެލާކަމަށް އިޙްޞާޞްކުރެވޭނެއެވެ. ނަމަވެސް އެއީ ހަމަ ކުޑަކުޑަ އިރުކޮޅަކަށެވެ. އިރުކޮޅެއް ވުމުން ވަރަށް އަރާމުކޮށް ނިދައިލެވޭނެއެވެ. އިން ޝާ ﷲ 

މިކަމަށް ގުޅުވާލަން އޮތް ސުންނަތަކީ ފެންވަރައި ނިމުމުން ވުޟޫކޮށްލުމެވެ. ވުޟޫކޮށްގެން ނިދުމަކީ ނިދަން އެންމެ ފައިދާހުރި ގޮތެވެ. ތިބާއަށްޓަކައި ހެޔޮދުޢާކުރައްވަވާނެ މަލާއިކަތަކު ތިބާ އާއިއެކުގައި ލައްވަވާނެތީއެވެ. އެކަމުގެ ތަފްޞީލުތައް ވާނީ ކުރީ ހަފްތާގެ ދަރުސްގައި ކިޔައިދީފައެވެ. 

ދެން ބުނެލަން ބޭނުންވަނީ ނިދުމަކީ ނިދިއައިސް ތާއްޔާޖެހެންފަށަންދެން ކުރަން މަޑުކުރަން އޮތްކަމެއް ނޫނެވެ. ނިދުމުގެ ވަޤުތުޖެހުމުން ނިދިނަޔަސް މިބުނި މަގުން ޢަމަލުކުރާށެވެ. ތާއްޔާ ޖެހެން ފެށުމުން ނިދަން މަސައްކަތްކުރާނަމަ އޮންނާނީ ކަންނެތްވެ ވުޟޫވެސް ނުކުރެވިފައެވެ. ކިޔަންޖެހޭ ޛިކުރުތައްވެސް ކިޔާނުލެވިފައެވެ. 

ގިނަ ބައަކަށް ފަތިސްނަމާދަށް ނުހޭލެވެނީވެސް ނިދަން އޮންނަ ވަޤުތުގައި ނިދަން އޮތް ގޮތަށް ޢަމަލުނުކޮށް މާލަހުން ވަރުބަލިކަންމަތީގައި ނިދަން އެނދަށް ވެއްޓިގަނެގެން ނިދާތީއެވެ. އެއީ މުސްލިމުން ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން