ޢާއިޝަތު ރަފާޙް ޢަލީ
މުނާފިޤޫން ސޫރަތަކީ މަދަނީ ސޫރަތެެކެވެ. މި ސޫރަތް އެކުލެވިގެންވަނީ 11 އާޔަތުގެ މައްޗަށެވެ.
މުނާފިޤޫން ސޫރަތުގައިވާ ބައެއް ވާހަކަތައް:
· 1 ވަނަ އާޔަތުން 4 ވަަނަ އާޔަތައް ބަޔާން ކޮށްދެއްވާފައި ވަނީ މުނާފިޤުންގެ ސިފަތައް އަދި މުނާފިޤުންގެ ކިބައިން ރައްކާތެރިވުމަށް
އެގޮތުން ފުރަތަމަ އާޔަތް ނިންމަވާލައްވަމުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ މުނާފިޤުންގެ ދޮގުވެރިކަމުގެ ވާހަކައެވެ.
إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ ۗ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ ﴿١﴾
މާނައީ: "ކަލޭގެފާނުގެ އަރިހަށް منافق ން އަތުވެއްޖެހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، اللَّه ގެ رسول އާކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ رسول އާކަން اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، منافق ންނީ، ދޮގުވެރިންކަމަށް اللَّه ހެކިވެވޮޑިގެންވެއެވެ. (1)"
ދެވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަނީ މީސްތަކުން ރަނގަޅު މަގުން އެއްކިބާ ކުރުމަށް މުނާފިޤުން މަސައްކަތް ކުރިކަމެވެ.
اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَن سَبِيلِ اللَّهِ ۚ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ ﴿٢﴾
މާނައީ: "އެއުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރޫއެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! (2)"
އަދި ތިންވަނަ އާޔަތުގައި ވަޙީ ކުރައްވަނީ އެމީހުން އީމާންވި ނަމަވެސް ފަހުން އެކަމާ ޚިލާފުވި ވާހަކައެވެ. އަދި އެމީހުންނަށް ނުވިސްނޭ ވާހަކައެވެ.
ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴿٣﴾
މާނައީ: "އެއީ އެއުރެން إيمان ވެ، ދެން އެއަށްފަހު كافر ވީކަމުގެ ސަބަބުންނެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވަނީ ސިއްކަގައްސަވައިފައެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެތެވެ. (3)"
ހަތަރުވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މުނާފިޤުންގެ ކިބައިން ރައްކާތެރިވުމަށެވެ. އަދި އެމީހުންނަކީ ޢަދާވާތްތެރިވާނެ ބައެއް ކަމުގައެވެ. ހެޔޮ އެދޭނެ ބައެއް ނޫން ކަމުގައެވެ.
وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْهُمْ ۚ قَاتَلَهُمُ اللَّهُ ۖ أَنَّىٰ يُؤْفَكُونَ ﴿٤﴾
މާނައީ: "އަދި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގެންފިނަމަ، އެއުރެންގެ ހަށިތައް ކަލޭގެފާނު عجائب ކުރުވަތެވެ. އަދި އެއުރެން ވާހަކަ ދައްކާނަމަ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު އައްސަވަމުއެވެ. އެއުރެންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ حملة އެއް ކަމުގައެވެ. އެއުރެންނީ، ހަމަ عداوة ތެރިންނެވެ. ފަހެ، ކަލޭގެފާނު އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! اللَّه، އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟ (4)"