ކައިވެންޏަށްފަހު އެއްދާންކުރަން ބައިވެރިޔާ ދެކޮޅުހެދުމަކީ އަނެކާއަށް ޒިނޭކުރަން ހުއްދަވާނެ ސަބަބެއް ނޫން! ވާނީ ކުރެވޭ ފާފައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކައިވެންޏަށްފަހު އެއްދާންކުރަން ބައިވެރިޔާ ދެކޮޅުހެދުމަކީ އަނެކާއަށް ޒިނޭކުރަން ހުއްދަވާނެ ސަބަބެއް ނޫން! ވާނީ ކުރެވޭ ފާފައަކަށް!

އެއްވެސް މީހަކަށް އަމިއްލައަށް ގޮތް ނުނިންމޭނެ ކަމެއްވެއެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ޚިލާފްވުމެވެ. 

މިޘާލެއް ބުނެލާނަމެވެ. ހައިހޫނުކަން ބޮޑުވެ އެކަމުން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތި ފުރާނައަށް ނުރައްކާވާ ޙާލަތުގައި އެޙާލަތުން ސަލާމަތްވެވޭނެ މިންވަރަށް ޙަރާމްތަކެތި ކައިބޮއި ހެދުން ހުއްދައެވެ. ނަމަވެސް ބައިވެރިޔާ ތިމާއާއިއެކު އެއްދާން ނުކުރުމަކީ ޒިނޭކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. އަދި ކިއެއްތަ އެހެންވެސް ފާޙިޝް ޢަމަލެއް ކުރުން ހުއްދަވާނެ ސަބަބެއް ނޫނެވެ. އެފަދަ ކަމެއް ކޮށްފިނަމަ ފާފަވެރިވާނެއެވެ. 

ބައިވެރިޔާ ބޭނުންވުމުން އެއްދާންކުރުމަކީ އަނބިންގެ މައްޗަށްވެސް އަދި ފިރިންގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. ކުރަންޖެހޭނެ ކަމެކެވެ. ދެން އޮތީ އެހެންކަމާއިއެކުވެސް އެކަން ނުކުރުމެވެ. އެހާލަތުގައި ތިމާއަށް ކެތްތެރި ނުވެވޭނަމަ ކައިވެނިރޫޅައިލާށެވެ! ވަރިވާށެވެ! ނުވަތަ ވަރިކުރާށެވެ! ދީނުގައިވާ މަގުން ދެވަނަ ކައިވެނިކުރާށެވެ!   

މިހާރަކަށް އައިސް ބައެއް މީހުން މިބުނެވުނު ފަދަ ޙާލަތުކުރިމަތިވުމުން ފާފަތައްކޮށްފައި ބަހަނާއަކަށް ބައިވެރިޔާގެ މައްސަލަތައް އެބަ ދައްކައެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫނެވެ. ކުރެވުނު ފާފައަށް ތައުބާނުވާނަމަ އެކަން ދެމިއޮންނާނީ ހަމަ ފާފައެއްގެ ގޮތުގައެވެ. ތައުބާ ނުވާނަމަ ޢަޛާބު ދެއްވަވާނެތެވެ. 

މިއީ ޢާންމުވަމުން އަންނަ މައްސަލައެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ފާފަނުކުރާށެވެ! އެކަމުގެ ގެއްލުން ލިބޭނީ ފާފަކުރި މީހަކަށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

ސުވާލު:. އަނބިމީހާ ރޭކޮށްނުދީ އަދި ފިރިމީހާ ރޭކޮށްދޭން އެދުމުންވެސް ނުކޮށްދީ ގިނަ ދުވަސް ވުމުން ފިރިމީހާ އެހެން މީހަކާއެކީ އެކަން ކޮށްފިނަމަ އަނބިމީހާ ބޮލުގައި ފާފަ އެޅޭނެތޯ؟ 

ޖަވާބު. ފިރިމީހާ އެދިއްޖެ ޙާލަތުގައި އެކަމަށް އިޖާބަ ދިނުމަކީ އަނބިމީހާގެ ޒިންމާއެއް. އެހެން ނަމަވެސް އެ ޒިންމާ އެނާ އަދާނުކުރީކަމަށް ބުނެ ފިރިމީހާ ޒިނޭ ކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި ފިރިމީހާ. 

މިސުވާލު ފިރިމީހާ އާއި ގުޅުވައިގެން ކޮށްފައިވާތީ އެގޮތަށް ޖަވާބު ދެއްވިނަމަވެސް ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް އޮންނާނީ އެއް ޙުކުމެވެ. އެމީހަކު ކުރިފާފައެއްގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ.

 

- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

 

 

މިއަދު އޮންލައިން