ގިނަ ބައަކަސް ހިތްދަތިކަމާއި އަދި މާލީ ދަތިތައްވެސް ކުރިމަތިވެއެވެ. ކުރިމަތިވުމުން ދެރަވެ ނިކަމެތިވެ އެޙާލަތުން ސަލާމަތްކުރެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަމުއެވެ. ދުޢާ ޢިޖާބަ ކުރައްވަވައި އެކަންކަމުން ސަލާމަތް ކުރެއްވެވުމުން ގިނައީ ﷲ ތަޢާލާ ދެއްވެވި ނިޢުމަތުގެ މަތިން ހަނދާން ނައްތައިލާ މީހުންނެވެ. އެފަދަ މީހުންނަށް ކޮށްލަން އޮތް ސުވާލަކީ ދެން އެފަދަ ކަމެއް ކުރިމަތި ނުވާނީ ހެއްޔެވެ؟ ދެން އެއްވެސް ކަމަކު އެދިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަން ނުޖެހޭނީ ހެއްޔެވެ؟
މީސްތަކުންނޭވެ! ހިތްދަތިކަމުގައި ނުވަތަ މާލީ ދަތިކަމުގައި ނުވަތަ ބަލިމަޑުކަމެއްގައި ވަނިކޮށް ނަމަވެސް ވއަދި އެނޫން މުޞީބާތަކުން ނަމަވެސް ސަލާމަކޮށްދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިނުލާށެވެ. ޝުކުރުވެރިވާށެވެ. އެކަން ޢަމަލުން ދައްކާށެވެ.
ދުނިޔަވީ މިޘާލެކެވެ. ބަލިވެ އިނދެ ވޭނުގައި އުޅެންޖެހުމުންނާއި އަދި ވިހެއުމުގެ ގަދަވޭންވަރު އަންނަ ވަޤުތުގައި ދެން ބަލިވެ ނުއިންނާނެ ކަމަށް ބައެއް އަންހެނުން ބުނާނެއެވެ. ނަމަވެސް ވިހައި ގަދަވެ 2،3 މަސްވާއިރު އަނެއްކާވެސް އިންނަނީ ބަލިވެއެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟
ޖަވާބު ވަރަށް ކުރުވެފައި ވަރަށް ސާފެވެ. އޭނާއަށް ކުރިމަތި ކުރެއްވެވި ވޭންތައް ފިލައިގެންދިއުމުން ވޭނުގައި އުޅެންޖެހުނުކަންވެސް ހަނދާނުން ފިލައިގެންދިއައީއެވެ. ނޫންނަމަ އެއް ދަރި ވިހާފައި އެކަކުވެސް ދެން ނުވިހާނެ ނޫންހެއްޔެވެ؟
އެކުވެރިންނޭވެ! ދަތިޙާލުގައި އުޅެންޖެހުމަކީ ހަމަ މިފަދަ ކަމެކެވެ. ދަތިޙާލުގައި އުޅެންޖެހޭ ދުވަސްކޮޅު ޝަކުވާތައް ކުރާނެއެވެ. ނަމަވެސް އެތަކްލީފް އެމީހެއްގެ ކިބައިން ފިއްލެވުމުން އެންމެ ކުޑަމިނުން ދަތިޙާލެއްގައި އުޅެންޖެހުނުކަންވެސް ހަނދާނަކު ނުހުންނާނެއެވެ.
ހުރިހާވެސް މައްސަލައަކަށްވެގެން މިއުޅެނީ ހަމައެކަނި އުފުލަންޖެހޭ ތަކްލީފަށް ބަލާފައި ދެއްވަވާ ނިޢްމަތަށް ނުބެލޭތީއެވެ. ހަމައެކަނި ތަކްލީފްތަކަށް ވިސްނޭކަމެވެ. ރަޙްމަތް ލެއްވެވުން އެކަން ޤަބޫލުނުކުރެވޭކަމެވެ. ދެކަންތަކަށްވެސް ވިސްނާނަމަ ތަކްލީފެއް ކުރިމަތިވިނަމަވެސް އެއީ ކުރިމަތިވި ބޮޑު މުޞީބާތެއް ކަމަކަށް ނުދެކޭނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން