ހަނދުމަކޮށްދިނުމެއް!: ވަރިކުރުމަށްފަހު ޢިއްދަހަމަވުމުން ދެމީހުން އެއްގެއެއްގަ ދިރިއުޅުމަކީ ހުއްދަކަމެއް ނޫނެވެ! އެކަން ނުކުރާށެވެ!: ޝައިޚް ޝާފިޢް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ހަނދުމަކޮށްދިނުމެއް!: ވަރިކުރުމަށްފަހު ޢިއްދަހަމަވުމުން ދެމީހުން އެއްގެއެއްގަ ދިރިއުޅުމަކީ ހުއްދަކަމެއް ނޫނެވެ! އެކަން ނުކުރާށެވެ!: ޝައިޚް ޝާފިޢް

ވަރިކޮށް ޢިއްދަ ހަމަވުމުންވެސް ހަމަ ކުރިން އުޅެމުން އައި ގޮތަށް އެކުގައި އެއްގޭގައި ދިރިއުޅޭ މީހުން މަދެއް ނޫނެވެ. މިއީ ކުރެވޭ ކުށެކެވެ. އެކުގައި އިތުރަށް އުޅެން ބޭނުންވާނަމަ ޢިއްދަ ހަމަނުވަނީސް ރުޖޫޢަކުރާށެވެ! ރުޖޫޢަ ނުކޮށް ޢިއްދަ ހަމަވެއްޖެނަމަ ކައިވެނިކުރާށެވެ! ރުޖޫޢަކުރެވޭނީ ރުޖޫޢަކުރުން ހުއްދަވާ ވަރިއެވެ.  

ތިރީގައިވާ ލިޔުމުން ކަން އޮތްގޮތް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ   

ވަރިކޮށް ޢިއްދަ ހަމަވެފައިވާ އަންހެންމީހާއަކީ ފިރިހެން މީހާގެ މައްޗަށް ހިލޭ މީހެއްގެ މަޤާމުގައިވާ މީހެކެވެ. އެހެންކަމުން އެ ދެމީހުން އެއްގެއެއްގައި ދިރިއުޅުމާއި އެއްތަނެއްގައި ނިދާ ކައިބޮއި ހެދުމަކީ އެއީ ހުއްދަކަމެއް ނޫނެވެ. 

ތިންފަށް ވަރިއަކުން އަންހެން މީހާ ވަރިވެއްޖެނަމަ، ނުވަތަ ފުރަތަމަ/ދެވަނަ ފަހަރު ވަރިވެ ކައިވެނި ރުޖޫޢަނުކުރަނީސް ޢިއްދަ ހަމަވެފައިވާނަމަ އޭނާ އަކީ ފިރިހެނާއަށް ހިލޭ މީހެކެވެ. އޭނާއާ އެކަހެރިވުމާއި، އޭނާ ގައިގައި އަތްލުމާއި، އޭނާއަށް ބެލުންވެސް ފިރިހެން މީހާއަށް ހުއްދަވެގެންނުވެއެވެ. 

އަދި ފިރިހެން މީހާއާއި އަންހެން މީހާ އެއްގެއްގައި އުޅުމަކީ އެއްވެސް ޝައްކެތް ނެތްގޮތުގައި، މި ފަދަ ޝަރްޢީ މިންގަނޑުތައް ހިފެހެއްޓުމަށް ނުހަނު އުނދަގޫވާނޭ ކަމެކެވެ. 

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 

"ތިންފަށްވެފައިވާ މީހާއަކީ އެހެނިހެން ހިލޭ އަންހެނުން ފަދަ މީހެކެވެ. ހިލޭ އަންހެނުންނާއި އެކަހެރިވުން ހުއްދަވެގެންނުވާ ފަދައިން ފިރިހެން މީހާ އޭނާއާ އެކަހެރިވުން ހުއްދަވެގެން ނުވެއެވެ. އަދި ހިލޭ މީހުންނަށް ބެލުން ހުއްދަވެގެން ނުވާ ފަދައިން އެ އަންހެން މީހާއަށް ބެލުން ފިރިހެން މީހާއަށް ހުއްދަވެގެން ނުވެއެވެ." الفتاوى الكبرى” (3 / 349). 

އެކަމުގެ ދަލީލުތަކަކީ ހިލޭ އަންހެނަކާ ފިރިހެނަކު އެކަހެރިވުން ޙަރާމްކަމުގެ މައްޗަށް އައިސްފައިވާ ދަލީލުތަކެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا وَمَعَهَا ذُو مَحْرَمٍ -رواه البخاري ( 5233 ) ومسلم ( 1341  . 

"މަޙްރަމަކާ އެކު މެނުވީ ފިރިހެނަކު އަންހެނަކާ އެކަހެރިނުވާހުށިކަމެވެ." 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ ، فَإِنَّ ثَالِثَهُمَا الشَّيْطَانُ-رواه أحمد (178) وصححه الألباني فيإرواء الغليل” (1813) 

"ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރިނުވާށެވެ. އެދެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ." 

- ޝައިޚް މުޙައްމަދު ޝާފިޢް 

މަރްޖިޢުތައް

فتاوى اللجنة الدائمة” (20/226) .

https://islamqa.info/ar/answers/52814

 

މިއަދު އޮންލައިން