މިތަނުގައި ތިއަތިބީ ބޮޑެތި މީހުންނަމަވެސް އަހުރެން ކިޔައިދޭން މިއުޅެނީ ކުޑަކުދިންނަށް ކިޔައިދޭ ޒާތުގެ ވާހަކައެވެ. ވިސްނައިގަންނަން ފަސޭހަވާނެތީއެވެ.
ނަގުލަންދާށްޓަކަށް ކޯރެއް ހުރަސްކުރަންޖެހުނެވެ. އެކަން ކުރެވޭނެ ގޮތަކަށް ވިސްނަމުންދަނިކޮށް ބޮކެއް ފެނިގެން އެހީތެރިކަމަށް އެދުނެވެ. ބޮއް ފުރަތަމަވެސް ބުނީ ކަލެއަށް އިތުބާރުކޮށްފައި ގޮވައިގެން ދަނިކޮށް އަހަރެންގެ ގައަށް ކަށިޖަހައިފިއްޔާ އަހުރެންވާނީ މަރެވެ. ބޮއްބުނީ އެއިރުން ގެނބި އަހަރެންވެސް މަރުވާނެތީ އެކަމެއް އަހަރެން ނުކުރާނެ ނޫންހެއްޔެވެ؟
ނަގުލަންދާށީގެ ވާހަކަ ޤަބޫލުކުރެވި ބޮއް، އޭތީގެ ބުރަކަށިމަތީގައި ނަގުލަންދާށި ބާއްވައިގެން ކޯރުހުރަސްކުރަން ފަތައިގަތެވެ. ފަތަމުން ގޮސް ކޯރުގެ މެދަށް ދެވުނުތަނާ ނަގުލަންދާށި ކަށިޖަހައިފިއެވެ. ބޮއް ބުންޏެވެ. "ތިއަ ކަށިޖެހީ ކީއްވެގެން ހެއްޔެވެ؟ ދެން ދޭތިވެސް މަރުވާނީ ނޫން ހެއްޔެވެ؟" ޖަވާބުގައި ނަގުލަންދާށި ބުންޏެވެ. "ތިއަކަން ވިސްނި މިހާރު މިއޮތީ ވަރަށް ދެރަވެފައެވެ. ވިސްނާ ނުލައި ކަށިޖެހުނީ އަހަރެންގެ ޠަބީޢަތުގައި ހުންނަ ސިފައަކަށްވެފައި އަބަދުކުރަން އާދަވެފައިހުރި ކަމަކަށްވާތީއެވެ." އެހިސާބުން ބޮއް އަޑިއަށް ހިނގައްޖެއެވެ. ނަގުލަންދާށިވެސް ގެނބި މަރުވެއްޖެއެވެ.
ނުބައި މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅޭނަމަ ކަންތައްތައް މެދުވެރިވާނީ ހަމަ އެފަދަ ގޮތަކަށެވެ. އެމީހުންނަށް ކިތަންމެ ރަނގަޅަށް، ކިތަންމެ ބޮޑެތި ކަންކަން ކޮށްދިން ނަމަވެސް ލަނޑުދޭނެއެވެ. މަކަރުހަދާނެއެވެ. އެއީ އެމީހުންގެ ޠަބީޢަތުގައި ހަރުލާފައި ހުންނަ ކަމަކަށްވާތީއެވެ. ނުބައި މީހުންނާއިއެކުގައި ނުއުޅެންވީވެސް އަދި ދިރިއުޅޭ ގެދޮރަށް އެމީހުން ނުވައްދަންވީވެސް ލަނޑުނުދީ، ދެރައެއް ނުދީ އެމީހުންނަށް ނުތިބެވޭނެތީއެވެ.
ނުބައި މީހުންނާއި ގުޅިގެން ނުއުޅެން އިސްލާމް ދީނުގައި އެހާބޮޑަށް ބާރު އަލުއްވަވާފައިވާ ސަބަބަކީވެސް ހަމައެއީއެވެ.
- ޑރ. މުޢައްލިމް