ސުވަރުގެ ވަނުމަށް އެދޭމީހާ މަރުވުމަށް ރުހޭ މީހަކަށްވާށެވެ! އެކަން ކުރެވޭނީ ވަރަށް ހިތްވަރު ހުރި، ޘާބިތު މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސުވަރުގެ ވަނުމަށް އެދޭމީހާ މަރުވުމަށް ރުހޭ މީހަކަށްވާށެވެ! އެކަން ކުރެވޭނީ ވަރަށް ހިތްވަރު ހުރި، ޘާބިތު މީހުންނަށް!

ފުރަތަމަ މިތަނުގައި މިތިބަ އެންމެންނާއި ސުވާލެއް ކޮށްލާނަމެވެ. ކަލޭމެންގެ ތެރެއިން ސުވަރުގެ ވަނުމަށް އެދެނީ ކޮންބައެއް ހެއްޔެވެ؟ މާޝާﷲ. ވަރަށް ރަނގަޅެވެ. އެންމެންވެސް ސުވަރުގެ ވަންނަން އެބަ ބޭނުންވެއެވެ. ދެން މަރުވާން އެދޭމީހުން އަތްމައްޗަށް ނަގައިބަލާށެވެ! ހާދަ ދެރައެވެ. ހަމައެކަކުވެސް ބޭނުމެއް ނުވިއެވެ. 

ދެން ބަލައިލަންވީ މިވީ ގޮތަކަށެވެ. އެންމެންވެސް ސުވަރުގެ ވަންނަން ބޭނުންވެފައި ހަމައެކަކުވެސް މަރުވާން ނުއެދުނީމާ އަނެއްކާވެސް ސުވާލެއްކޮށްލާނަމެވެ. އެސުވާލަކީ މަރުނުވެ ސުވަރުގެ ވަންނާނީ ކިހިނަކުންހެއްޔެވެ؟ ސުވަރުގެ ވަނުމަކީ ދުނިޔޭގައި ހުރެގެން ކުރެވެން އޮތްކަމެއް ނޫނެވެ. 

ދެން ބަލައިލަންވީ މިކަން މިހެން މެދުވެރިވާ ސަބަބަށެވެ. ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލެވި ދުނިޔޭގެ އަވާގައި ޖެހެވެނީއެވެ. ދުނިޔެދޫކޮށްފައި ދާން ބޭނުންނުވަނީއެވެ. ދާއިމަށް ދުނިޔޭގައި ހުންނަން ބޭނުންވެވެނީއެވެ. ނަމަވެސް އެއީ ހަމައެކަކަށްވެސް ލިބެން އޮތް ފުރުޞަތެއް ނޫނެވެ. 

ބުއްދީގެ ބޭނުންކުރާ މީހުންނަށް އެކަން ވަރަށް ރަނގަޅަށް ވިސްނޭނެއެވެ. އެހެންވެ އެމީހުން ދާނީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ތައްޔާރުވަމުންނެވެ. މަރަށް ތައްޔާރުވަމުންދާ މީހާ ބޭނުންވާނީ އަވަހަށް މަރުވެ ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުކުރުމަށެވެ.  އެއީ އަވަހަށް ސުވަރުގެ ވަނުމުގެ ބޭނުމުގައެވެ. ކައްވަޅުގައިވެސް ސުވަރުގޭގެ ރަޙްމަތުގައި އޮންނަން ބޭނުންވާތީއެވެ. (ނަމަވެސް އަވަހަށް މަރުވުން އެދި ދުޢާކުރުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ މަނާކުރައްވަވައިފައެވެ. ވީމާ އެކަންކޮށްގެން ނުވާނެއެވެ.) 

ޚުލާޞާކޮށްލާނަމަ އަހުރެންގެ މެސެޖަކީ ބުއްދިވެރިއަކަށްވެ މަރަށް ތައްޔާރުވާން ކުރާ މަސައްކަތް އިތުރުކުރުމެވެ. މަރުވެދާނެތީ ކަންބޮޑުވުމުގެ ބަދަލުގައި މަރުގެ މަލާއިކަތުންނާއި އުފާވެރިކަމާއިއެކު ބައްދަލުކުރެވޭނެ މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެންމެ ކާމިޔާބު މީހުންނަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން