މިއަދުގެ ޙާލަތަށް ބަލާއިރު ފުރިހަމަ ޞިއްހަތެއްގައި ހުންނަން އެދޭ މީހާ ހަމައެކަނި ކެއިންބުއިމަށް ބަލައި ސަމާލުކަންދީގެން ފުދޭކަށް ނެތެވެ. އެއަށްވުރެ މާމުހިންމު ކަމެއް އެބައޮތެވެ. އެއީ ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ނުހިންގުމެވެ.
ވިސްނާށެވެ! ކެއުންބުއިމަށް ސަމާލުކަން ނުދޭނަމަ އެމީހާއަށް ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެއެވެ. އެފަދަ ޙާލެއްގައި ކެއުމަށް ބަދަލުގެނައުމުންނާއި ކަސްރަތުކުރުމުން މައްސަލަ ޙައްލުކުރެވެއެވެ. އިން ޝާ ﷲ. ނަމަވެސް ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގާ މީހުންނަށް ޖެހޭ ބަލިތަކުގެ ނުރައްކައުތެރިކަން ބޮޑުވަމުން އައިސް މުޅި ޢުމުރަށް އެކަމެއްގައި އުޅެންޖެހޭ ބަލިތައް އެބަ ޖެހެއެވެ. މިބުނަނީ ބޭސްފަރުވާ ކުރިޔަސް ޝިފާ ނުލިބޭ ބަލިތައް ޖެހޭ ވާހަކައެވެ.
މިގޮތުން ދުނިޔެއިން ކުރިނަ ފެނިފައި ނުވާ ބޮޑެތި އެތައް ބަލިތަކެއް މިހާރުވަނީ ފެނިފައެވެ. އެބަލިތަކުގެ ހުރި ނުރައްކާތެރިކަން އެނގޭއިރުވެސް ގިނަ ބައަކު އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ބޮޑެތި ބަލިތައް ޖެހޭ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
މީސްތަކުން ބޮޑެތި ފާފަތައް ކުރުން ގިނަވާނަމަ ފޮނުއްވަވާ ޢަޛާބް ނުވަތަ ކޯފާ ބޮޑުވެގެންދާނެކަން ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެގޮތުން ކޯފާ ފޮނުއްވެވި ބައެއް އުންމަތްތަކާއި ކޯފާ ފޮނުއްވެވި ސަބަބުތައްވެސް ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ހުރިހާވެސް މައްސަލައަކީ ވިސްނައިފިކުރުނުކުރެވޭކަމެވެ. ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތިނުވެވޭ ކަމެވެ.
ޔަޤީންކުރާށެވެ! އިންސާނުންނަށް އެކަމަކުން ޙަޤީޤީ ފައިދާކުރާނެ އެއްވެސް ކަމެއް އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައެއް ނުވެއެވެ. ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގުން ޙަރާމްކުރައްވަވާފައި އެވަނީ ހަމަ މީސްތަކުންނަށް އެކަމުން ފައިދާކުރާނެތީއެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން