ތަނަވަސްކަން ކުޑަވެ ރީތިފޭރާމާ އަގުބޮޑު ގަހަނާތައް ނުލިބެނީހެއްޔެވެ؟ އެއީ ލައްވަވާ ރަޙްމަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ތަނަވަސްކަން ކުޑަވެ ރީތިފޭރާމާ އަގުބޮޑު ގަހަނާތައް ނުލިބެނީހެއްޔެވެ؟ އެއީ ލައްވަވާ ރަޙްމަތެކެވެ!

އެންމެންހެން އަވަދިނެތި ތެޅިފޮޅެނީ ވީހާގިނަ މުދަލާއި ފައިސާ ޖަމާކުރެވޭތޯއެވެ. އެކަމަކު ދުނިޔޭގައި ކިތަންމެ ބައިވަރު އެއްޗެއްސެއް ޖަމާކުރެވުނަސް ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ މުދައު ގިނަވި ވަރަކަށް ވާރުތަވެރިން ތިބޭނީ ކަޅިއަޅައަޅައެވެ. ކަޅިއަޅާ މިންވަރު ބޮޑުވާނެއެވެ. މަރުވުމާއެކު އެހުރިހާ އެއްޗެއް އެމީހުންނަށް ލިބިގެންދާނެތީއެވެ. 

ނަޞޭޙަތުގެ މިބަސްކޮޅާއިއެކު ލޮބުވެތި އުޚުތުންނަށް ނަޞޭޙަތުގެ ބަހެއް ބުނެލާނަމެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ އަމިއްލައަށް އުޅެވޭވަރުވީންސުރެ ގިނަ އުޚުތުންގެ ހުރިހާ ސަމާލުކަމެއްހެން ދެވިފައިވަނީ އަގުބޮޑު، ރީތިފޭރާންލުމަށާއި އަގުބޮޑު ގަހަނާއަށާއި އަގުބޮޑު ސެންޓަށާއި އަގުބޮޑު މޭކަޕަށާއި މިހެންގޮސް ދުނިޔޭގައި ޒީނަތްތެރިވުމުގެ ކަންކަމަށެވެ. 

ތަނަވަސްކަން ކުޑަވެ ރީތި ފޭރާމާ އަގުބޮޑު ގަހަނާތައް ނުލިބިގެން ދެރަނުވާށެވެ! އެއީ ލައްވަވާ ވަރަށް ބޮޑު ރަޙްމަތެކެވެ. އެފަދަ ކޮންމެ އެއްޗަކީވެސް ކިތަންމެ ގިނައިން ލިބުނަސް ހިތްފުރޭނެ އެއްޗެއް ނޫނެވެ. ލިބޭ ވަރަކަށް ގިނައިން ބޭނުންވެ ޖަމާކުރެވޭނެއެވެ. އެއިރުން އެދެވެނީ މުޅިން އެހެން މަގަކުންނެވެ. ގިނަފަހަރަށް އެކަން ވެގެންދާނީ ސުވަރުގެއާއި ދުރުވާންޖެހޭ ސަބަބަކަށެވެ. އެކަމުގެ ތަފްޞީލް އެހެން ދަރުސެއްގައި ބުނެދޭނަމެވެ. އިން ޝާ ﷲ 

ތިމާ މިވަޤުތު މަރުވިނަމަވެސް މިއިން އެއްވެސް ކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެކަން އެނގޭއިރުގައިވެސްމެއެވެ. ތިމާ ބާލިޣްވީންސުރެ ތިމާގެ ޢަމަލުތަކުގެ ފަތް މަލާއިކަތުން ލިޔުއްވަވަމުން ގެންދަވާކަން ހަނދާނަކު ނުހުރެއެވެ. ﷲ ތަޢާލާ ތިމާ ދުނިޔެއަށް ފޮނުއްވެވި ބޭނުމުގެ މަތިން ހަނދާން ނުހުންނައިރު ކޮންމެ ވަޤުތަކުވެސް މަރު އައިސް ބައްދަލުވާނެކަންވެސް ހަނދާނަކު ނުހުރެއެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! ޢާއިލާގެ މީހަކު މަރުވުމުން ނުވަތަ ގާތް އެކުވެރިއަކު މަރުވުމުން ނަމަވެސް ޖަނާޒާތަކުގައި ކަންކަންކުރާ ގޮތް ފެންނާނެއެވެ. މިސާލަކަށް ޝަމީމާ މަރުވީއެވެ. އެހިސާބުން ހިނަވާ މީހުން ޝަމީމާ ގެންނާކަށް ނުބުނާނެއެވެ. ބުނާނީ މައްޔިތާގެ ހަށިގަނޑު ގެންނާށެވެ. ހިނަވައިނިމުން ޝަމީމާގެ މޫނު ބަލަން އަންނާކަށް ނުބުނާނެއެވެ. ބުނާނީ މައްޔިތާގެ މޫނުދެކެން އަންނާށެވެ. 

މިހެންގޮސް ސަންދޯކުއަޅަނީވެސް މައްޔިތާއެވެ. ކައްވަޅަށް ތިރިކުރަނީވެސް މަޔިތާއެވެ. ހުރިހާ މަރުޙަލާތަކެއްގައިވެސް ބޭނުންކުރާނީ މައްޔިތާ އެވެ. އެކަމުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ މަރުވާ ވަޤުތުން ފެށިގެން ޝަމީމާގެ ނަންކިޔުންވެސް ނިމިގެންދާކަމެވެ. 

ވިސްނައި ފިކުރުކުރާ މީހަކަށް މިއީ ވަރަށް ޢިބްރަތްތެރިފިލާވަޅެކެވެ. އެވަޤުތައް ހޭލުންތެރިވާން ލިބޭ ފިލާވަޅެކެވެ. މަރުވުމުން ތިމާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާ މުހިންމު ދަތުރަށް ތައްޔާރުވާން ލިބޭ ވަރަށް ވަރުގަދަ ފިލާވަޅެކެވެ.   

އެއްވެސް ޙާލެއްގައި އަހުރެން މިބުނަނީ ކުޅަދާނަކަން ހުރިނަމަ އެމީހެއްގެ ފެންވަރުން ރީތި ފޭރާންލައި ޒީނަތްތެރިނުވުމަކަށް ނޫނެވެ. މިބުނަނީ ޒީނަތްތެރިވުމަށްވުރެ ތިމާ މަރުވާނެ ވަޤުތައް ތައްޔާރުވާން ކުރަންޖެހޭ ކަންކަން ކުރުމަށް އިސްކަން ދިނުމަށެވެ. ފުރަތަމަ ކަމަކީ އާޚިރަތް ލިބިގަންނަން މަސައްކަތްކުރުން ކަމުގައި ހެދުމަށެވެ. 

މަރުވާ މީހުންގެ މައުލޫމާތު ނޫސްތަކުގައި ހާމަކުރެއެވެ. ޢުމުރުވެސް ހާމަކުރެއެވެ. މަދުމީހަކު ނޫނީ އެކޮލަމް ނުވެސް ކިޔައެވެ. ނަމަވެސް އެއީ ކޮންމެހެން ކިޔަންޖެހޭ ކޮލަމެކެވެ. މަރުވާ މީހުންގެ ޢުމުރު ބަލާށެވެ. ކޮންމެ ދުވަހަކުހެން ހުރިހާ ޢުމުރެއްގެ މީހުން މަރުވާކަން އެއިރުން ވިސްނޭނެއެވެ. އެހެންކަމަށްވާއިރު ތިބާ ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް އެބޭނުންވާ ޢުމުރު ހަމަވަންދެން ދުނިޔޭގައި ހުރެވޭނެކަމަށް ތިބާ ގާތުގައި ބުނީ ކާކުހެއްޔެވެ؟ 

ވީމާ އަވަހަށް ވިސްނައި ޢަމަލުކުރަން ފަށާށެވެ. ދުނިޔޭގެ އުފާވެރިކަން ހޯދަންކުރާ ކަންކަމަށްވުރެ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް ގިނަކުރާށެވެ. ކާމިޔާބުކަމާއިއެކު ދުނިޔެ ދޫކޮށްފައި ދެވޭނީ އެއިރުންނެވެ. 

އަދިވެސް ބުނެލާނަމެވެ. ކިތަންމެ ރީތި، އަގު ބޮޑު ފޭރާމުގެ ހެދުންތަކާއި ގަހަނާތައް އެއްކޮށްފައި ހުރިނަމަވެސް މަރުވާ ވަޤުތުން ފެށިގެން އެއިން އެއްވެސް އެއްޗެއް ލޮލަށްވެސް ނުފެންނާނެއެވެ. ތިބާއާއިއެކު ކައްވަޅަކަށް ނުގެންދެވޭނެއެވެ. ކައްވަޅަށް ގެންދެވޭނީ ދުނިޔޭގައި ހުރެ ހުޅަ ހެޔޮ ޢަމަލެކެވެ. ވީމާ ތިމާއަށް ކޮންމެހެން ބޭނުން ނުވާވަރަށް ފޭރާމާއި ގަހަނާއާއި އެފަދަ ތަކެތި އެއްކޮށް ޖަމާކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފައިދާކުރާނީ މައިންބަފައިންނަށް ނުވަތަ ފަޤީރަކަށް ޞަދަޤާތެއް ކުރެވުނުނަމަ ނޫންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން