ޔާސީން ސޫރަތް ވަކިވަޤުތަކު ކިޔެވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިސްނިލައްވާ ބޭފުޅުންނަށް އެނގިލެއްވުން މުހިންމު މަޢުލޫމާތު ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ
ބައެއް ބޭފުޅުން ކުރައްވާ ސުވާލެއް، ޔާސީން ސޫރަތް ވަކި ވަގުތެއްގައި ނުވަތަ ވަކި ހާލަތެއްގައި ކިޔުމަށް ވާރިދުވެގެން އައިސްފައިވޭތޯ؟ މި ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން އަޅުގަނޑުމެން ބަލާލަންޖެހޭ މުހިއްމު ދެކަމެއް ވޭ.
ފުރަތަމަ ކަމަކީ ކީރިތި ޤުރުއާނުގެ ކޮންމެ އާޔަތަކީވެސް ކޮންމެ ސޫރަތަކީވެސް ވަރަށް ޚާއްސަ އަދި ވަރަށް މާތް އާޔަތެއް އަދި ވަރަށް މާތް ސޫރަތެއް. އެހެނަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކަލާންފުޅުގެ ތެރެއިންވެސް ބައެއް އާޔަތްތަކާއި އަދި ބައެއް ސޫރަތްތައް އެހެން ސޫރަތްތަކުގެ މައްޗަށް ނުވަތަ އެހެން އާޔަތްތަކުގެ މައްޗަށް މާތް ކުރައްވާފަ. މިކަން ހަމަ ޞައްޚަ ޙަދީޘްތަކުން ވާރިދުވެގެން އައިސްފައިވޭ.
އަދި އެއާއެއްކޮށް ބައެއް ސޫރަތްތައް ވަނީ ބައެއް ހާލަތްތަކުގަ ކިޔުމަށް އަދި ބައެއް އާޔަތްތައްވަނީ ބައެއް ހާލަތްތަކުގަ ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްހަ ސުންނަތުން ސާބިތުވެފަ. މިސާލަކަށް އަޅުގަނޑުމެން ފާތިޙާ ސޫރަތް ކޮންމެ ނަމާދެއްގަ ކިޔަވަނީ ކީއްވެގެންތޯ؟ އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގަ އެކަން ސާބިތުވެފައިވާތީ.
ހަމަ އެގޮތަށް އަޅުގަނޑުމެން ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔަނީ ކީއްވެގެންތޯ؟ އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި އެކަން ވާރިދުވެގެން ސާބިތުވެގެން އައިސްފައިވާތީ.
ދެން އަޅުގަނޑުމެން ބަލާލަންވީ ޔާސީން ސޫރަތާބެހޭގޮތުން މިފަދަ ޞައްހަ ރިވާޔަތްތަކެއް އައިސްފައިވޭތޯ. އާދެ ޔާސީން ސޫރަތާ ބެހޭގޮތުން މަފަދަ ޞައްހަ ރިވާޔަތެއް އައިސްފައެއް ނުވޭ. ޔާސީން ސޫރަތާ ބެހޭގޮތުންވެސް ރިވާޔަތްތަކެއް އައިސްފައި އެބަހުރި. އެހެނަސް އެއީ ޞައްހަ ރިވާޔަތްތަކެއް ނޫން. އެ ރިވާޔަތްތަކުގައި ވާގޮތުން، މީހަކު ރޭގަނޑު ގަޑީގަ ޔާސީން ސޫރަތް ކިޔަވައިފިނަމަ އެމީހެއްގެ ފާފަ ފުއްސަވާނެ. އަދި އެމީހަކު މަރުވެއްޖެނަމަ މަރުވާނީ ޝަޙީދެއްގެ ގޮތުގަ. އަދި ގަބުރުސްތާނުގައި ޔާސީން ސޫރަތް ކިޔެވުމުގެ މާތްކަމާ ބޭހޭގޮތުންވެސް ބައެއް ރިވާޔަތްތައް އައިސްފަ އެބަހުރި. އަދި މީހަކު ބޮޑު ކަމެއް ޖެހިގެން ނުވަތަ އެމީހަކާ ބޮޑު ކަމެއް ދިމާވެގެން ޔާސީން ސޫރަތް ކިޔަވައިފިނަމަ އެކަމެއް ފުއްދަވާ ދެއްވާނެކަމަށް ވެސް ބައެއް ރިވާޔަތްތަކުގަ އެބަހުރި. އެހެނަސް އެއީ ޞައްހަ ރިވާޔަތްތަކެއް ނޫން. އެތަނުން އެއްވެސް ރިވާޔަތަކީ ޞައްހަ ރިވާޔަތެއް ނޫން.
އެހެންވީމާ ޔާސީން ސޫރަތް މިފަދަ ކަމަކަށް ޙާއްސަ ކޮށްގެން ވަކި މާތްކަމެއް ވާކަމަށް ޤަބޫލުކޮށްގެން އަޅުގަނޑުމެން ކިޔެވުމެއް ނެތް. އަޅުގަނޑުމެން ޔާސީން ސޫރަތް ކިޔަވަންވީ. ޚަތިމް ކުރަންވެސް ކިޔަވަންވީ. އެހެން ވަގުތުތަކުގައިވެސް ކިޔަވަންވީ. އެހެނަސް މިފަދަ މާތް ކަމެއް ވާކަމަށް ޤަބޫލު ކޮށްގެން މިފަދަ ހާލަތްތަކުގައި ކިޔުމަކީ އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ސާބިތު ކަމެއް ނޫން. އަޅުގަނޑުމެން އެފަދައިން ޢަމަލު ކޮށްގެން ނުވާނެ.
އެހެންމަ ޚުލާސާއަކީ ޔާސީން ސޫރަތަކީވެސް ވަރަށް މާތް ސޫރަތެއް. ކީރިތި ޤުރުއާނުގެ ސޫރަތެއް،. އެހެނަސް ވަކި ޚާއްސަ ހާލަތެއްގައި ވަކި ވަގުތެއްގައި ޔާސީން ސޫރަތް ހާއްސަކޮށްގެން ވާކި ކަމެއް ހާސިލްވާނެ ކަމަށް ޤަބޫލު ކޮށްގެން ކިޔެވުމެއް ނުވޭ. އެއީ އެފަދައިން ޞައްޙަ ރިވާޔަތެއްގައި ޞައްހަ ޙަދީޘްއެއްގައި އައިސްފައި ނުވާތީ.
ވަﷲއަޢުލަމް.
- ޝައިޚް އިމްރާން މުޙައްމަދު ޢަލީ